ކޯޗު ސަސްޕެންޝަނުގައި، ކުޅުންތެރިޔާ ރަން މެޑަލް ހޯދައިފި

ދޯހާ (އޮކްޓޫބަރު 6) - މަނާބޭހުގެ މައްސަލައެއްގައި އަލްބާޓޯ ސަލަޒާ ހަތަރު އަހަރަށް ސަސްޕެންޑްކުރިތާ ހަތަރު ދުވަސް ފަހުން އޭނާ ކޯޗުކޮށްދޭ ނެދަލެންޑްސްގެ އަންހެން އެތުލީޓު ސިފާން ހަސަން ވޯލްޑް އެތުލެޓިކްސް ޗެމްޕިއަންޝިޕްގެ 1500 މީޓަރުގެ ދުވުމުން ރަން މެޑަލް ހާސިލްކޮށްފި އެވެ.


މި މަހު އެއް ވަނަ ދުވަހު ސަލަޒާ ސަސްޕެންޑްކުރަން ނިންމީ އެމެރިކާގެ އެންޓި ޑޯޕިން އެޖެންސީ (ޔޫއެސްޑީއޭ) އިން ބެލި މައްސަލައިގައި މިދިޔަ ދެ އަހަރު ދުވަހު ކޯޓުގައި ހިނގާދިޔަ އަޑުއެހުންތަކަށް ފަހު އެވެ. ނައިކީގެ އޮރެގޯން ޕްރޮޖެކްޓް ހިންގާ ސަލަޒާ އަކީ 2011 އިން 2017 އަށް އިންގްލެންޑްގެ ކުޅަދާނަ ދުވުންތެރިޔާ މޯ ފަރާގެ ކޯޗެވެ. ސަލަޒާގެ ކޯޗުކަމުން މޯ ފަރާ ވަކިވީ އޭނާގެ މައްސަލަ ބަލަން ޔޫއެސްޑީއޭ އިން ފެށުމުންނެވެ.

ސަލަޒާ އަށް އަދަބުދޭން ނިންމީ އޮރެގޯން ޕްރޮޖެކްޓްގެ ތެރެއިން ބައެއް އެތުލީޓުންނަށް މަނާ ބޭސް ދީފައިވާތީ އެވެ. ކިއުބާ އަށް އުފަން ސަލަޒާ ވަނީ މިއީ އޭނާ އަށް ހައްގުނުވާ އަދަބެއްކަމަށް ބުނެ އެ މައްސަލަ ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް (ސީއޭއެސް)ގައި އެޕީލްކުރާނެ ކަމަށް ބުނެފަ އެވެ.

ކޯޗު ސަލަޒާ (މ) ދެ އެތުލީޓުން ގައިގައި ބައްދާލައިގެން. -- ފޮޓޯ:އޭއެފްޕީ

ފަހަރުގެ ވޯލްޑް ޗެމްޕިއަންޝިޕްގައި 1500 މީޓަރު އަންހެން ބައިން ރަން މެޑަލް ހޯދި ސިފާންގެ ކޯޗުކަމާ ސަލަޒާ ހަވާލުވީ 2016 ވަނަ އަހަރު އެވެ. ސަލަޒާ އަށް އަދަބުދީފައިވުމުން އޭނާގެ ކޯޗުކަމުގައި ވާދަކުރާ އެތުލީޓުންތައް ވަކިކުރަން ގިނަ ބަޔަކު ގޮވާލި އެވެ.

މި ފަަހަރުގެ ވޯލްޑް ޗެމްޕިއަންޝިޕްގައި އިތިއޯޕިއާ އަށް އުފަން ސިފާން ވަނީ 1500 މީޓަރުގެ އިތުރުން 10،000 މީޓަރުގެ ދުވުން ވެސް ކާމިޔާބުކޮށްފަ އެވެ. އޭނާ އަކީ އެއް ވޯލްޑް ޗެމްޕިއަންޝިޕެއްގައި މި ދެ އިވެންޓުން ރަން މެޑަލް ހޯދި ފުރަަތަމަ އެތުލީޓެވެ. އޭނާ 1500 މީޓަރު ދުވުން ކާމިޔާބުކުރީ 3 މިނެޓު 51.95 ސިކުންތުން ދުވެގެންނެވެ. އަދި 10،000 މީޓަރު ދުވުން ކާމިޔާބުކުރީ 30 މިނެޓު 17.62 ސިކުންތުން ދުވެގެންނެވެ.

"މިއީ އަހަންނަށް ވަރަށް އުނދަގޫވި ހަފްތާއެއް. ވަރަށް ގިނަ ފާޑުކިޔުންތަކާ ވެސް ކުރިމަތިލައިފިން. އަހަރެން މަނާބޭހެއް ބޭނުމެއް ނުކުރަން. އަހަރެން ރުޅި ވެސް އާދޭ އަހަންނާ ބެހޭގޮތުން ގޯސް ވާހަކަ ދައްކާތީ. ހަގީގަތަކީ އަހަންނަކީ ކްލީން އެތުލީޓެއް،" އުމުރުން 26 އަހަރުގެ ސިފާން ބުންޏެވެ.

އޭނާ ބުނީ އުއްމީދަކީ އެޕީލް ކާމިޔާބުކޮށް ސަލަޒާއާ އެކު އަލުން މަސައްކަތްކުރުމުގެ ފުރުސަތު ލިބުން ކަމަށެވެ.