ވުލްވްސް އަތުން ސިޓީ ބަލިވެއްޖެ، ފަރަގު ބޮޑު

މެންޗެސްޓާ (އޮކްޓޫބަރު 6) - އިނގިރޭސި ޕްރިމިއާ ލީގުގެ އެއް ވަނައިގައި އޮތް ލިވަޕޫލާ ދެމެދު އޮތް ޕޮޮއިންޓުގެ ފަރަގު ކުޑަކުރަން ނުކުތް އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ މިރޭ ކުޅުނު މެޗުން އަމިއްލަ ދަނޑުގައި 2-0 އިން ވުލްވްސް އަތުން ބަލިވެއްޖެ އެވެ.


ބައިނަލްއަގުވާމީ މެޗުތަކަށް ލީގު މެދުކަނޑާލާއިރު ސައްތަ އިން ސައްތަ ރެކޯޑަކާ އެކު ލީގުގެ އެއް ވަނައިގައި އޮތީ ކުޅުނު އަށް މެޗުން ވެސް މޮޅުވެ 24 ޕޮއިންޓް ހަމަކޮށްފައިވާ ލިވަޕޫލް އެވެ. އަދި އަށް މެޗުން ލިބުނު 16 ޕޮއިންޓާ އެކު ސިޓީ އޮތީ ދެ ވަނައިގަ އެވެ. ލީގުގެ ރޭހުގައި ސިޓީ އަށް ޕޮއިންޓް ފަހަތަށް ދިޔަ ނަމަވެސް މިއީ އެ ޓީމަށް އޮތް މާ ބޮޑު ހުރަހެއް ނޫނެވެ. އެއީ މީގެ ކުރިން ތިން ފަހަރެއްގެ މަތިން ފަހަތުން އަރައި ސިޓީން ލީގުގެ ޗެމްޕިއަންކަން ހޯދާފައިވާތީވެ އެވެ.

ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނީ މިއީ ސިޓީ އަށް އެންމެ ރަނގަޅު ދުވަހެއް ނޫން ކަމަށާއި އެޓޭކުގައި ޓީމު ފެނުނީ ވަރަށް އާދައިގެ ގޮތަކަށް ކަމަށެވެ.

"މިއީ އަހަރެމެންގެ ދުވަހެއް ނޫން. އަހަރެމެން އެ މީހުންނަށް ހުސްކޮށް ލިބުނީމަ ހާސްވަނީ. މިއީ އެންމެ ރަނގަޅު ވަގުތެއް ނޫން ގޯސް ވާހަކަތަކެއް ދައްކަން. އަހަރެމެން އެނބުރި އައިސް ކުރިއަށް ހުރި މެޗުތަކުގައި ރަނގަޅަށް ކުޅެގެން ނަތީޖާ ނެރުން އެންމެ މުހިއްމީ." ގާޑިއޯލާ ބުންޏެވެ.

މިދިޔަ އަހަރު ލީގަށް ޕްރޮމޯޓްވެ ވުލްވްސް އިން ލީގުގެ ހަތް ވަނައިގައި ނިންމާލި ނަމަވެސް މި އަހަރު އެ ޓީމުގެ ފޯމަށް ވަނީ އަސަރުކޮށްފަ އެވެ. އެއީ ޔޫރޮޕާ ލީގުގައި ވެސް ވާދަކުރަން ޖެހި އަވަހަށް ސީޒަން ފަށަން ޖެހުމުންނެވެ. އެހެން ނަމަވެސް ޔޫރޮޕާ ލީގުގައި ބުރާސްފަތި ދުވަހުގެރޭ ރަށުންބޭރުގައި ބެސިކްޓާސް އަތުން މޮޅުވި މެޗުގައި ދެއްކި ކުޅުން މިރޭ ވަނީ ސިޓީއާ ދެކޮޅަށް ތަކުރާރުކޮށްފަ އެވެ.

ސިޓީގެ އެތިހާދު ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ވުލްވްސްގެ ޕެޓްރިކް ކުޓްރޯނޭ އާއި ރައުލް ހިމެނޭޒަށް ލަނޑު ޖަހަން ރަނގަޅު ފުރުސަތުތަކެއް ލިބުނު ނަމަވެސް ބޭނުމެއް ނުކުރެވުނެވެ. އަނިޔާގެ ސަބަބުން ކެވިން ޑިބްރޭނާ މި މެޗުގައި ނުކުޅެ އެވެ. އޭނާ ނެތްތަން ދެއްކިިއިރު ފުރަތަމަ ހާފުގައި ސިޓީގެ ރަހީމް ސްޓާލިން ޖެހި ބޯޅަ ވުލްވްސް ކީޕަރު ރުއީ ޕެޓްރީސިއޯ ވަނީ މަތަކޮށްފަ އެވެ.

ސިޓިގެ ދެ ވަނަ ލަނޑު ޖެހުމަށް ފަހު ޓްރައޯރޭ އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ދެ ވަނަ ހާފުގައި ސިޓީގެ ކެޕްޓަން ޑޭވިޑް ސިލްވާ ޖެހި ހިލޭ ޖެހުމެއް ގޯލުގެ ހުރަސްދަނޑިއަށް އަމާޒުވި އެވެ. ވުލްވްސް އިން ނަތީޖާ އެ ޓީމު ކޮޅަށް އަނބުރާލީ މެޗުގެ ފަހު 20 މިނިޓަށް މެޓް ޑޮހަޓީ ކުޅެން އަރުވައި ވިންގް ބެކަކަށް ކުޅެމުން ދިޔަ އެޑަމާ ޓްރައޯރޭ ކުރިއަށް ޖެއްސުމުންނެވެ. ސިޓީން ލަނޑު ޖަހަން ކުރިއަށް ޖެހި ކުޅެމުންދަނިކޮށް ކައުންޓަ އެޓޭކުގައި މެޗުގެ ފަހު ވަގުތު ޓްރައޯރޭ ވަނީ ދެ ލަނޑު ޖަހައިފަ އެވެ. މިއީ މިދިޔަ އަހަރެއްހާ ދުވަސްތެރޭ ކުރިން ބާސެލޯނާ އަށް ކުޅުނު ޓްރައޯރޭ، ވުލްވްސް އަށް ލީގުގައި ޖަހައިދިން ފުރަތަމަ ލަނޑުތަކެވެ.

މިއީ މިދިޔަ ޑިސެމްބަރު މަހު ކްރިސްޓަލް ޕެލަސް އަތުން ބަލިވި މެޗަށް ފަހު ސިޓީން އަމިއްލަ ދަނޑުގައި ބަލިވި ފުރަތަމަ ފަހަރެވެ. އަދި މި ސީޒަނުގައި ބަލިވި ދެ ވަނަ މެޗެވެ. ވޭތުވެދިޔަ 40 އަހަރު ތެރޭ ސިޓީ ދަނޑުގައި ހޯދި ފުރަަތަމަ މޮޅާ އެކު ވުލްވްސް ވަނީ އަށް މެޗުން 10 ޕޮއިންޓް ހަމަކޮށް ލީގުގެ 11 ވަނަ އަށް ޖެހިލައިފަ އެވެ.

އަމިއްލަ ދަނޑުގައި ބޯންމައުތު އަތުން 1-0 އިން މޮޅުވެ، އާސެނަލް ވަނީ ލީގުގެ ތިން ވަނަ އަށް ޖެހިލައިފަ އެވެ. މި ފަހަރުގެ ޓްރާންސްފާގައި ޗެލްސީ ދޫކޮށް އާސެނަލަށް ބަދަލުވި ޑިފެންޑަރު ޑޭވިޑް ލުއިޒް ޖެހި ގޯލުން އާސެނަލް މޮޅުވިއިރު، އެ ޓީމު ތިން ވަނައިގައި އޮތީ އަށް މެޗުން 15 ޕޮއިންޓް ހަމަކޮށްގެންނެވެ. މި މެޗުގައި ނަތީޖާ ހަމަހަމަކުރަން ބޯންމައުތަށް ވެސް ރަނގަޅު ފުރުސަތުތަކެއް ލިބުނެވެ.

ސައުތެމްޓަންގެ ދަނޑުގައި މިރޭ ކުޅުނު މެޗުން ފްރޭންކް ލަމްޕާޑްގެ ޗެލްސީ ވަނީ 4-1 އިން މޮޅުވެފަ އެވެ. ޗެލްސީގެ ގޯލުތައް ޖެހީ ޓެމީ އަބްރަހަމް، މޭސަން މައުންޓް، އެންގޯލޯ ކާންޓޭ އަދި މިޝީ ބަޓްޝުއާޔީ އެވެ. ސައުތެމްޓަންގެ ހަމައެކަނި ގޯލު ޖެހީ ޑެނީ އިންގްސް އެވެ. މި މޮޅާ އެކު ޗެލްސީ ލީގުގެ ފަސް ވަނައިގައި އޮތީ ހަތަރު ވަނައިގައި އޮތް ލެސްޓާ ސިޓީއާ އެއްވަރަށް ޕޮއިންޓް ހޯދައިގެންނެވެ. ދެ ޓީމަށް ވެސް އަށް މެޗުން 14 ޕޮއިންޓް ލިބިފައިވާއިރު، ލެސްޓާ އަށް ކުރި ލިބެނީ ފައިދާ ގޯލުންނެވެ.