30 އަަހަރަށް ފަހު ޔުނައިޓެޑަށް ބޮޑު ވެއްޓުމެއް

ލަންޑަން (އޮކްޓޫބަރު 7) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ރަށުން ބޭރުގައި ނިއުކާސަލް ޔުނައިޓެޑް އަތުން 1-0 އިން މެންޗެސްޓާ ޔުނައިޓެޑް ބަލިވިއިރު، މިއީ މިދިޔަ 30 އަހަރުތެރޭ އެ ކްލަބް ލީގުގައި އެންމެ ދަށްކޮށް ފެށި ފަހަރެވެ.


ލީގުގެ ފުރަތަމަ އަށް މެޗުން ޔުނައިޓެޑަށް އަށް ޕޮއިންޓް ލިބިފައިވާއިރު، މިހާ ދަށްކޮށް އެ ޓީމުން ސީޒަނެއް ފެށީ 1989-1990 ވަނަ އަހަރުގެ ލީގުގަ އެވެ. ޔުނައިޓެޑް އެ ފަހަރު ލީގު ނިންމާލީ 13 ވަނައިގަ އެވެ. މި ފަހަރުގެ ސީޒަނުގައި މިހާތަނަށް ކުޅުނު އަށް މެޗުގެ ތެރެއިން މޮޅުވީ ދެ މެޗުންނެވެ. ތިން މެޗުން ބަލިވިއިރު، ތިން މެޗު ނިމުނީ އެއްވަރުވެގެންނެވެ. ޔުނައިޓެޑް އޮތީ ލީގުގެ 12 ވަނައިގަ އެވެ. ރެލިގޭޝަން ޒޯނަށް ވުރެ ދެ ޕޮއިންޓް ކުރީގަ އެވެ.

ރޭގެ މެޗަށް ފަހު ޔުނައިޓެޑްގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ ބުނީ ބައެއް މުހިއްމު ކުޅުންތެރިން ނުލައި ރޭގެ މެޗު ކުޅެން ޖެހުމުން އޭގެ އަސަރު ޓީމަށް ކުރި ނަމަވެސް އެއީ ކުރަން ބޭނުން ޝަކުވާއެއް ނޫން ކަމަށެވެ.

"މެޗަކުން މޮޅުވެވޭވަރަށް ފުރުސަތެއް ނުހޯދޭ. ފުރަތަމަ ހާފު ދިޔައީ ވަރަށް ގޯސްކޮށް. ދެ ވަނަ ހާފް ކޮންމެވެސް ވަރެއް ކުރި. މިއީ އަހަރެން ހަވާލުވެހުރި ޒިންމާއެއް. އަހަރެން ހައްލެއް ހޯދަންޖެހޭ. ގޯސް ނަތީޖާތަކެއްގެ ސަބަބުން ކުޅުންތެރިންގެ ކޮންފިޑެންސަށް ވަނީ އަސަރުކޮށްފައި،" ސޯލްޝެއާ ބުންޏެވެ.

ރޭގެ މެޗަށް ފަހު ޔުނައިޓެޑްގެ ކޯޗު ސޯލްޝެއާ. -- ފޮޓޯ: އޭއެފްޕީ

ޔުނައިޓެޑް އެންމެ ފަހުން ރަށުން ބޭރުގައި މެޗަކުން މޮޅުވީ މިދިޔަ މާޗް މަހު ޗެމްޕިއަންސް ލީގުގައި ޕީއެސްޖީ އަތުންނެވެ. ރޭގެ މެޗުގައި އަނިޔާގެ ސަަބަބުން ޔުނައިޓެޑްގެ ޕައުލް ޕޮގްބާ އާއި ޑިފެންޑަރު ވިކްޓަ ލިންޑެލޯފް ނުކުޅެ އެވެ. ރޭގެ މެޗުގައި ނިއުކާސަލް މޮޅުކޮށްދިން ލަނޑު ޖެހީ ސީނިއާ ޓީމަށް ފުރަތަމަ ފަހަރަށް ކުޅުނު އުމުރުން 19 އަހަރުގެ މެޓް ލޯންގްސްޓާފް އެވެ. އުމުރުން 19 އަހަރާއި 199 ދުވަހުގައި ލޯންގްސްޓާފް މި ގޯލު ޖެހިއިރު، އޭނާ އަކީ ލީގުގައި ނިއުކާސަލަށް ލަނޑު ޖަހައިދިން އެންމެ ޒުވާން ކުޅުންތެރިޔާ އެވެ.

ޔުނައިޓެޑްގެ ގޯލްކީޕަރު ޑޭވިޑް ޑެހެއާ ބުނީ މިއީ އޭނާ އެ ކްލަބާ ގުޅުނު ފަހުން ކުރިމަތިވާ އެންމެ އުނދަގޫ ދުވަސްތައް ކަމަށާއި އަވަސް ހައްލެއް ނުލިބިއްޖެނަމަ ވަރަށް ގޯސް ހާލަތަކަށް ދިއުމުގެ ބިރު ވެސް އެބައޮތް ކަމަށެވެ.

ރޭގެ މެޗަށް ނިއުކާސަލް އިން ނެރޭ ފުރަތަަމަ އެގާރަ ކުޅުންތެރިން ވަނީ މީޑިއާގައި ލީކްކޮށްލައިފަ އެވެ. މެޗަށް ފަހު ނިއުކާސަލްގެ ކޯޗު ސްޓީވް ބްރޫސް ވަނީ އެކަމާ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. އެކަމަކު ރޭގެ މެޗުން ނިއުކާސަލް މޮޅުވުމުން އެ ހުރިހާ ނެގެޓިވް ކަންތައްތަކެއް ސިކުނޑިން ފިލާފައިވާ ކަމަށް އޭނާ ބުންޏެވެ.