ކްލައިވެޓާ މައްސަލަ ޖެހި ވަލްޑެސް މަގާމުން ވަކިކޮށްފި

ބާސެލޯނާ (އޮކްޓޯބަރު 8) – ބާސެލޯނާގެ 19 އަހަރުން ދަށުގެ ޓީމުގެ ކޯޗުކަމުން އެ ކްލަބުގެ ކުރީގެ ކާމިޔާބުކުރި ގޯލްކީޕަރު ވިކްޓަ ވަލްޑެސް ވަކިކޮށްފި އެވެ.


ސްޕެއިނުގެ ރިޕޯޓްތައް ބުނާ ގޮތުގައި މަގާމާ ހަވާލުވިތާ ތިން މަސް ވީތަނުން ވަލްޑެސް ވަކިކުރީ އެ ކްލަބުގެ ޔޫތު ޑިޕާޓްމަންޓުގެ ޑިރެކްޓަރު އަދި ކުރީގެ ފޯވާޑް ޕެޓްރިކް ކްލައިވެޓާ މައްސަލަ ޖެހިގެންނެވެ. ކުރިން އެއްކޮށް ކުޅުނު ދެ ކުޅުންތެރިން މައްސަލަ ޖެހުނު އެއް ސަބަބަކީ ބާސެލޯނާގެ ޔޫތު ޓީމުތަކުން އާއްމުކޮށް ބޭނުންކުރާ 4-3-3 ފޯމޭޝަނަށް ވަލްޑެސް ނުކުޅުވުމެވެ. ވަލްޑެސް ވަނީ މިއީ އޭނާގެ ޓީމު ކަމަށް ބުނެ 4-4-2 ފޯމޭޝަނަށް ކުޅުވައިފަ އެވެ.

މީގެ އިތުރުން ކޯޗުންގެ ބައްދަލުވުންތަކަށް ވަލްޑެސް ނައުމާއި އަދި ބާސެލޯނާ އިން މުހިއްމު ކުޅުންތެރިންގެ ގޮތުގައި ދެކޭ ބައެއް ޒުވާން ކުޅުންތެރިންނަށް ވަލްޑެސް ފުރުސަތު ނުދިނުމަކީ ވެސް މައްސަލަ ބޮޑުވި ސަބަބެކެވެ.

ބާސެލޯނާގެ ޔޫތު އެކަޑަމީން ތަމްރީންވި ވަލްޑެސް ވަނީ އެ ކްލަބުގެ ސީނިއާ ޓީމަށް 2002-2014 އަށް ކުޅެ ސްޕެނިޝް ލީގު ހަ ފަހަރު، ސްޕެނިޝް ކަޕް ދެ ފަހަރު އަދި ޗެމްޕިއަންސް ލީގު ތިން ފަހަރު ކާމިޔާބުކޮށްފަ އެވެ. އޭނާގެ ކެރިއަރު ހަލާކުވީ 2014 ވަނަ އަހަރު އުމުރުން 32 އަހަރުގައި ކްލަބް ދޫކޮށްލުމުންނެވެ. ކްލަބާ ނުގުޅި ހުރުމަށް ފަހު 2015/2016 އަށް މެންޗެސްޓާ ޔުނައިޓެޑަށް ކުޅުނެވެ. އަދި 2017 ވަނަ އަހަރު ކުޅުން ހުއްޓާލީ މިޑްލްސްބަރާ ކުޅެފަ އެވެ.