މިލާނުގެ ކޯޗުކަމުން ޖިއަމްޕައޮލޯ ވަކިކޮށްފި

މިލާން (އޮކްޓޯބަރު 9) – ސީޒަނުގެ ފުރަތަމަ ހަތް މެޗުގައި ނަތީޖާތައް ދަށްވުމުން އޭސީ މިލާނުން އެ ޓީމުގެ ކޯޗު މާކޯ ޖިއަމްޕައޮލޯ މަގާމުން ވަކިކޮށްފި އެވެ.


އޭނާގެ ބަދަލުގައި މިލާނުން ގެންނާނެ ކަމަށް ބެލެވެނީ އިންޓަ މިލާނުގެ ކުރީގެ ކޯޗު ސްޓެފާނޯ ޕިއޮލީ އެވެ. އެކަމަކު އޭނާ އަކީ މަތީ ފަންތީގެ ކޯޗަކަށް ނުވާތީ އެ ކްލަބުގެ ސަޕޯޓަރުން އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ. މިލާނުން ފުރަތަމަ ބެލީ މިދިޔަ ދެ ސީޒަނުގައި އިންޓަ އަށް ކޯޗުކޮށްދިން ލޫސިއާނޯ ސްޕެލެއްޓީ ގެންނާށެވެ. އެކަމަކު ސްޕެލެއްޓީ އަދިވެސް ހުރީ އިންޓަގެ ކޮންޓްރެކްޓުގައި ކަމަށްވެފައި އެ ކޮންޓްރެކްޓް އުވާލުވާ މެދު އޭނާ އާއި އިންޓަ އަށް އެއްބަސްވުމަކަށް ނާދެވުނީ އެވެ.

ފުރަތަމަ ހަތް މެޗުގެ ތެރެއިން ހަތަރު މެޗުން ބަލިވެ ތިން މެޗުން ލިބުނު މޮޅާ އެކު މިލާން އޮތީ ނުވަ ޕޮއިންޓާ އެކު އިޓާލިއަން ލީގު 13 ވަނައިގަ އެވެ. މިދިޔަ ސީޒަނުގައި ޗެމްޕިއަންސް ލީގަށް ކޮލިފައިނުވުމުން ޖެނާރޫ ގަޓޫސޯ ވަކިކޮށް ޖިއަމްޕައޮލޯ ގެނައީ ވެސް އެ އަމާޒަށް ޓީމު ވާސިލްކުރުމަށެވެ.

އެމްޕޮލީ އާއި ސަމްޕްޑޯރިއާގެ ކުރީގެ ކޯޗު ޖިއަމްޕައޮލޯ އަކީ ރީތި ސްޓައިލަކަށް ކުޅުވާ ކޯޗެކެވެ. އެކަމަކު މިލާނުގައި އޭނާ އަށް ނަތީޖާ ނުނެރެވުމުގެ އިތުރުން، އެކަށީގެންވާ ކުޅުމެއް ވެސް ޓީމުގެ ފަރާތުން ނުދެއްކުނެވެ.

އެ ޓީމުން އެފްރިކަން ކަޕް އޮފް ނޭޝަންސްގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި އަލްޖީރިއާގެ އިސްމާއިލް ބެނަސޭރް އާއި ޕޯޗުގަލްގެ އުއްމީދީ ފޯވާޑް ރަފައެލް ލީއޯ އާއި ފްރެންޗް ވާތު ބެކް ތެއޯ ހެނާންޑޭޒް ގެނައި ނަމަވެސް އެ ކުޅުންތެރިންގެ ބޭނުން ޖިއަމްޕައޮލޯ އެކަށީގެންވާ ގޮތެއްގައި ހިފާފައެއް ނުވެ އެވެ.

ޔޫރަޕުގެ ޗެމްޕިއަންކަން ހަތް ފަހަރު ހޯދާފައިވާ މިލާން މިދިޔަ ހަޔެއްކަ ސީޒަނުގައި ޗެމްޕިއަންސް ލީގަށް ކޮލިފައިނުވެ އެވެ. އެ ކްލަބް މިހާރު ހިންގާ އެމެރިކާގެ ހެޖް ފަންޑް ކުންފުނި، އެލިއޮޓް ގްރޫޕުން އަންނަނީ މިލާން ކުރީގެ މަގާމަށް ގެންދިއުމަށް މަސައްކަތްކުރަމުންނެވެ. ކްލަބުގެ ޑިރެކްޓަރުންގެ ގޮތުގައި ތިބީ ކުރީގެ ކެޕްޓަން ޕައޮލޯ މަލްޑިނީ އާއި ކުރީގެ މިޑްފީލްޑަރު ވޮނިމިރް ބޮބާން އެވެ.