ބާސެލޯނާ ދޫކޮށްލަން ވިސްނިން: މެސީ

ބާސެލޯނާ (އޮކްޓޯބަރު 10) – ބާސެލޯނާ ދޫކޮށްލަން 2013 ވަނަ އަހަރު ބޭނުންވި ކަމަށާއި އެކަމަކު މިހާރު ދެން ބޭނުންވަނީ އެ ކްލަބުގައި ކެރިއަރު ނިންމާލަން ކަމަށް ކެޕްޓަން ލިއޮނަލް މެސީ ބުނެފި އެވެ.


އުމުރުން 14 އަހަރުގައި ބާސެލޯނާގެ ޔޫތު ޓީމާ ގުޅުނު ގޮތަށް މެސީ މުޅި ކެރިއަރު ހޭދަކޮށްފައިވަނީ އެ ކްލަބުގަ އެވެ. މެސީގެ މައިންބަފައިން އޭނާ އެ ކްލަބަށް ގެންދިޔައީ، ކުޑައިރު ދިމާވި ސިއްހީ މައްސަލައަކަށް ފަރުވާކޮށްދޭން އެއްބަސްވުމުންނެވެ.

އެކަމަކު މެސީ ބުނީ ޓެކްސް އަށް އޮޅުވާލި ކަމުގެ ތުހުމަތުގައި އޭނާ އާއި އޭނާގެ ބައްޕައާ މެދު ސްޕެއިނުން 2013 ގައި އަމަލުކުރި ވަރަށް ދެރަކޮށް ކަމަށާއި އެދުވަސްވަރު އެ ގައުމު ދޫކޮށްލަން ވިސްނި ކަމަށެވެ.

"ބާސެލޯނާގެ ސަބަބުންނެއް ނޫން. އެކަމަކު ސްޕެއިން ދޫކޮށްލަން ބޭނުންވާތީ އެގޮތަށް ވިސްނީ. އިތުރަށް މަޑުކުރަން ބޭނުންނުވީ. އަހަރެން ވަރަށް ގިނަ ކްލަބްތަކަށް ދޮރު ހުޅުވާލިން. އެކަމަކު ރަސްމީ އެއްވެސް އޮފާއެއް ނުލިބޭ. އެއީ އެންމެންނަށް ވެސް އެނގޭ އަހަރެން މި ކްލަބުގައި މަޑުކުރަން ބޭނުންވާކަން،" މެސީ ބުންޏެވެ.

މެސީ ބުނީ އޭނާގެ ވިސްނުމަކީ ދިގު މުއްދަތަކަށް ބާސެލޯނާގައި މަޑުކުރުން ކަމަށާއި އަބަދުވެސް ވިސްނީ އެގޮތަށް ކަމަށެވެ. އަދި އޭނާގެ އާއިލާ އިން ވެސް ކްލަބާއި މި ސިޓީއާ މެދު ދެކެނީ ގާތް ގޮތަކަށް ކަމަށާއި ކްލަބުގައި މަޑުކުރަން ބޭނުންވާ އެއް ސަބަބަކީ ވެސް އެއީ ކަމަށް އޭނާ ބުންޏެވެ.

މެސީ އަކީ އުމުރުން 14 އަހަރުގައި ބާސެލޯނާގެ އެކަޑަމީއާ ގުޅި އަދި 2005 ގައި ސީނިއާ ޓީމަށް ކުޅެން ފެށި ކުޅުންތެރިއެކެވެ. އުމުރުން 31 އަހަރުގެ މެސީ އަކީ މިހާރު ބާސެލޯނާގެ ރަމްޒެކެވެ. އެ ކްލަބާ އެކު ސްޕެނިޝް ލީގު ނުވަ ފަހަރު އަދި ޗެމްޕިއަންސް ލީގު ހަތަރު ފަހަރު ހާސިލްކޮށް ބެލޮންޑިއޯ އެވޯޑް ފަސް ފަހަރު ހޯދާފައިވެ އެވެ.