ޕީއެސްޖީގެ މާކީނިއޯސް (ކ) އަތުން ބޯޅަ ހޯދަން ޓުލޫސްގެ ޑިއޯޕް މަސައްކަތްކުރަނީ. --ފޮޓޯ: އޭއެފްޕީ
ޕެރިސް (ސެޕްޓެމްބަރު 25) - ޕީއެސްޖީގެ ފޯމާ ދޭތެރޭ ކަންބޮޑުވާ ކަމަށް އެ ޓީމުގެ ޑިފެންޑަރު ތިއާގޯ ސިލްވާ ބުނެފި އެވެ.
އާ ކޯޗު ސްޕެއިނުގެ އުނައި އެމެރީއާ އެކު ޕީއެސްޖީން ފްރެންޗް ލީގުގައި ކުޅުނު ހަތް މެޗުގެ ތެރެއިން ދެ މެޗުން ބަލިވެ އެއް މެޗުން ވަނީ އެއްވަރުވެފަ އެވެ. އެންމެ ފަހުން ހުކުރު ދުވަހުގެރޭ ޓުލޫސް އަތުން 2-0 އިން ބަލިވިއިރު އެ ޓީމު އޮތީ 13 ޕޮއިންޓާ އެކު ހަތް ވަނައިގަ އެވެ.
މިދިޔަ ސީޒަނުގައި އެންމެ ދެ މެޗުން ބަލިވި ޓީމު މި ފަހަރުގެ ސީޒަނުގެ ފުރަތަމަ ހަތް މެޗުގެ ތެރެއިން ދެ މެޗުން ބަލިވުމުން ފާޑުކިޔުން އަންނަނީ އަމާޒުވަމުންނެވެ.
"ވަރަށް ދަށްކޮށް ދިޔަ މެޗެއް މިއީ. ރަނގަޅަށް ނުވެސް ކުޅެވޭ އަދި ކުޅެން ޖާގަ ވެސް ނުހޯދުނު. މިއީ ޓުލޫސް އަށް ހައްގު މޮޅެއް،" ދުނިޔޭގެ އެންމެ އަގުބޮޑު އެއް ޑިފެންޑަރު ބުންޏެވެ.
ސިލްވާ ބުނީ ދެ މެޗުން ބަލިވުމުން ކަންބޮޑުވާ ކަމަށާއި އެގޮތަށް މިވަގުތަށް އޮތީ ހަމަޖެހިލައިގެން ކުރިއަށް ހުރި މެޗުތަކާ ކުރިމަތިލުން ކަމަށެވެ.
"މިދިޔަ ސީޒަން ވަރަށް ރަނގަޅަށް ފެށުމަށް ފަހު ނިންމާލީ ވަރަށް ފުރިހަމައަށް. މި ސީޒަނުގައި އަދި މި އުޅެނީ ރަނގަޅަށް ނުވެސް ފެށިގެން. އެކަމަކު މިއީ ދިގު ސީޒަނެއް އެހެންވީމާ ވާނެ ގޮތެއް ބުނާކަށް ނޭގޭ،" ސިލްވާ ބުންޏެވެ.
ޕީއެސްޖީގެ އެންމެ މުހިއްމު ކުޅުންތެރިޔާ ޒަލަޓާން އިބްރަހިމޮވިޗް އެ ކްލަބް ދޫކޮށް މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވެފައިވާއިރު އޭނާ ނެތްތަން ޕީއެސްޖީން އަންނަނީ ދައްކަމުންނެވެ.
ޕީއެސްޖީގެ މިޑްފީލްޑަރު ބްލައިސް މަޓުއިޑީ ބުނީ އަދި ހާސްވާން ޖެހޭ ހިސާބަށް ނުދާ ކަމަށާއި ކޮންމެ ސީޒަނެއްގެ ފެށުން ވެސް ދާނީ މިފަދަ ގޮތަކަށް ކަމަށެވެ.
"މި ފަހަރު އެހެން އަހަރުތަކަށް ވުރެ އުނދަގޫ. އެކަމަކު ހާސްވާކަށް ނުޖެހޭ،" މަޓުއިޑީ ބުންޏެވެ.
Copyright © 2021 Mihaaru · Terms and Conditions · Privacy Policy
Share your opinion about "Mihaaru" new website
"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް
ކޮމެންޓްތައް
ފަޑައީ
26 September 2016
ދެން ރަނގަޅު ކުރާނެ ކަމައް ހީކުރަން