މެސީ ތަފާތު ދައްކައިފި، ބާސެލޯނާ އަލުން އެއް ވަނަ އަށް

ބާސެލޯނާ (އޮކްޓޫބަރު 30) - ސްޕެނިޝް ލީގުގައި ރޭ ލިއޮނަލް މެސީ ދެއްކި ތަފާތާ އެކު ރެއާލް ވަލޮޑޮލިޑް އަތުން 5-1 އިން މޮޅުވެ އެންމެ ފަހުގެ ޗެމްޕިއަން ބާސެލޯނާ އަލުން ލީގުގެ އެއް ވަނަ އަށް ޖެހިލައިފި އެވެ.


މިދިޔަ ހަފްތާ ބަންދުގައި ކުޅެން ހަމަޖެހިފައި އޮތް އެލް ކްލަސިކޯ މެޗު ފަސްކުރުމުން ބާސެލޯނާ އަށް އެއް ވަނަ ގެއްލުނީ ގްރަނާޑާ ކުޅުނު މެޗުން މޮޅުވުމުންނެވެ. ރޭގެ މެޗުން މޮޅުވެ ބާސެލޯނާ އަލުން އެއް ވަނަ އަށް އެރީ 10 މެޗުން 22 ޕޮއިންޓް ހަމަކޮށްގެންނެވެ. ދެ ވަނައިގައި ގްރަނާޑާ އޮތީ 10 މެޗުން 20 ޕޮއިންޓާ އެކު އެވެ. ރޭ އަލަވޭސްއާ ދެކޮޅަށް ރަށުންބޭރުގައި ކުޅެ 1-1 އިން އެއްވަރުވި އެތުލެޓިކޯ މެޑްރިޑް ތިން ވަނައިގައި އޮތީ 11 މެޗުން 20 ޕޮއިންޓް ހަމަކޮށްގެންނެވެ.

މި ފަހަރުގެ ސީޒަން ފެށިއިރު އަނިޔާއެއްގައި ހުރި މެސީ ވަނީ ފަހަކަށް އައިސް އޭނާގެ ކުރީގެ ކުޅުން ދައްކަން ފަށައިފަ އެވެ. ރޭގެ މެޗުގައި ބާސެލޯނާ އިން ޖެހި ފަސް ގޯލުގެ ތެރެއިން ހަތަރު ގޯލުގައި މެސީގެ ހިއްސާ އެބައޮތެވެ. މެސީ ވަނީ ދެ ގޯލު ޖެހުމުގެ އިތުރުން ދެ ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.

ރޭގެ މެޗަށް ފަހު ބާސެލޯނާގެ ކޯޗު އާނެސްޓޯ ވަލްވޭޑޭ ވަނީ މެސީ އަށް ވަރަށް ބޮޑަށް ތައުރީފުކޮށްފަ އެވެ.

"މީގެ އަހަރެން ދައްކާނެ ވާހަކައެއް ނެތް. މެޗު ބެލީމަ އެބަފެނޭ މެސީ އަދިވެސް ހުރި ލެވެލް. މެސީ އަދިވެސް އެއްކޮށް ފިޓެއް ނޫން. އެކަމަކު އެ ވަރުގެ ފިޓްނަސް އެއްގައި ހުރެ ވެސް އޭނަ އެ ފެންނަނީ ތަފާތުކަން. ތިނެއް ނޫނީ ހަަތަރު ކުޅުންތެރިންނަށް ވެސް އޭނަ ނުހިފެހެއްޓޭ،" ވަލްވޭޑޭ ބުންޏެވެ.

ކްލެމެން ލޯންގްލޭ ޖެހި ގޯލުން ބާސެލޯނާ ލީޑުނަގާފައިވަނިކޮށް ވަލޮޑޮލިޑަށް އެއްވަރުކޮށްދިނީ ކީކޯ އެވެ. ބާސެލޯނާ އަށް އަލުން ލީޑުނަގައިދިނީ މެސީ ދިން ބޯޅަ އަކުން އާޓޫރޯ ވިޑާލް އެވެ. ފުރަތަމަ ހާފް ނިމުމުގެ ކުރިން މެސީ ބާސެލޯނާގެ ލީޑުފުޅާކޮށްދިނީ ހިލޭ ޖެހުމަކުން ޖެހި ގޯލަކުންނެވެ. ބާސެލޯނާ އިން އަނެއް ދެ ގޯލު ކާމިޔާބުކުރީ ދެ ވަނަ ހާފްގަ އެވެ. އިވާން ރަކިޓިޗް ދިން ބޯޅައަކުން ބާސެލޯނާގެ ހަތަރު ވަނަ ލަނޑު މެސީ ޖެހިއިރު، ފަހު ގޯލު މެސީ ދިން ބޯޅައަކުން ކާމިޔާބުކުރީ ލުއިސް ސުއަރޭޒް އެވެ.