ބާސެލޯނާގެ ކޯޗު ވަލްވޭޑޭ.-- ފޮޓޯ: އޭއެފްޕީ
ބާސެލޯނާ (ނޮވެމްބަރު 5) - ބާސެލޯނާ މެޗަކުން ބަލިވެއްޖެނަމަ އެހެން ޓީމުތަކަށް ވުރެ ބޮޑަށް އެ ޓީމަށް ފާޑުކިޔުން އަމާޒުވާކަމަށް ބުނެ ބާސެލޯނާގެ ކޯޗު އާނެސްޓޯ ވަލްވޭޑޭ ހިތްހަމަނުޖެހުން ފާޅުކޮށްފި އެވެ.
ލީގުގައި މިދިޔަ ހޮނިހިރު ދުވަހު ލެވަންޓޭ އަތުން ބާސެލޯނާ ބަލިވިއިރު، މިއީ މި ފަަހަރު ލީގުގައި އެ ޓީމު ބަލިވި ތިން ވަނަ މެޗެވެ. އަދި މިއީ މިދިޔަ ތިން ސީޒަނަށް ބަލާއިރު ބާސެލޯނާ އިން ލީގުގެ ފުރަތަމަ މެޗުތަކުގައި އެންމެ މަދުން ޕޮއިންޓް ހޯދި ފަހަރެވެ.
މިއީ ބާސެލޯނާ ކޯޗުކަމުގައި ވަލްވޭޑޭ ހުންނަ ތިން ވަނަ ސީޒަނެވެ. މި އަހަރަކީ އޭނާ މަގާމުގައި ދެމިހުންނަ ފަހު އަހަރުކަމަށް ގިނަ މީޑިއާ ރިޕޯޓްތައް ބުނި ނަމަވެސް އޭނާ އެކަމާ މެދު ނުވިސްނަ އެވެ. ޗެމްޕިއަންސް ލީގުގައި މިރޭ އަމިއްލަ ދަނޑުގައި ޗެކް ރިޕަބްލިކްގެ ސްލަވިއާ ޕްރާގްއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ވަލްވޭޑޭ ބުނީ ޓީމެއްގެ ކޮންމެ ކަމެއް ގޯސް ވިޔަސް ގިނަ ބަޔެއްގެ ލޯ އެންމެ ފުރަތަމަ އަމާޒުވާނެ ފަރާތަކީ ކޯޗު ކަމަށެވެ.
"ބަލިވީމާ އެންމެން ވެސް އަބަދު ބަލާނީ ކޯޗަށް. އެއީ ޒިންމާ ނަގަނީ އޭނަ ކަމަށްވީމާ. އަހަރެން މި ޓީމުގައި މިހާތަނަށް ކުރި ތަޖުރިބާ އަށް ބަލާއިރު އެހެން ޓީމުތަކަށް ވުރެ ބާސެލޯނާ ބަލިވީމަ މި އަންނަ ފާޑުކިޔުން އިތުރު. މިއީ މި ވަޒީފާގެ ޕްރެޝަރު އޮތް މިންވަރު ދައްކައިދޭ ކަމެއް،" ކުރިން އެތުލެޓިކް ބިލްބާއޯ ކޯޗަކަށް ހުރި ވަލްވޭޑޭ ބުންޏެވެ.
ވަލްވޭޑޭގެ ކޯޗުކަމުގައި އެންމެ ފަހުން ދެ ފަހަރު ވެސް ބާސެލޯނާ ޗެމްޕިއަންސް ލީގުން ކެޓީ ހިތްދަތި ގޮތަކަށެވެ. މިދިޔަ އަހަރު ސެމި ފައިނަލުގައި ލިވަޕޫލް އަތުން ކެޓިއިރު އޭގެ ކުރިން ފަހަރު ކުއާޓާ ފައިނަލުގައި ރޯމާ އަތުންނެވެ. ވަލްވޭޑޭ ބުނީ ރަށުން ބޭރުގައި ކުޅޭ މެޗުތަކުގައި ނަތީޖާ ނެރެން ބާސެލޯނާ އަށް އުނދަގޫތަކެއް އެބަހުރި ކަމަށާއި އެކަމަށް އޮތް ހައްލަކީ ގާތްގާތުގައި ގިނަ މެޗުތަކެއް ކާމިޔާބުކޮށް އިތުބާރު ރަނގަޅު ކުރުން ކަމަށެވެ.
މި ސީޒަނުގައި އެތުލެޓިކޯ މެޑްރިޑް ދޫކޮށް ބާސެލޯނާ އަށް ބަދަލުވި ފްރާންސްގެ ފޯވާޑް އެންޓޮއިން ގްރީޒްމަން ބުނީ މި ފަަހަރު ބާސެލޯނާގެ އެންމެ ބޮޑު އަމާޒަކީ ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުން ކަމަށާއި ފާއިތުވި އަހަރުތަކުގައި ހިނގާދިޔަ ކަންތައްތަކަށް ހައްލެއް ހޯދާނީ ޓީމެއްގެ ގޮތުގައި މަސައްކަތް ކޮށްގެން ކަމަށެވެ.
ޗެމްޕިއަންސް ލީގުގައި މިރޭ ސްލާވިއާ ޕްރާގާ ދެކޮޅަށް ބާސެލޯނާ ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން 22:55 ގަ އެވެ.
Copyright © 2021 Mihaaru · Terms and Conditions · Privacy Policy
Share your opinion about "Mihaaru" new website
"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް
ކޮމެންޓްތައް
އޭނަ
06 November 2019
ފާޑުކިޔަން ޙައްޤު ކުޅުމެއް މިހާރު ތިޔަ ކުޅެނީ. ޗެކްތި ޕަބްލިކްގެ އާދައިގެ ޓީމެއް އައިސް ބާސެލޯނާގެ މައްޗަށް މޮޅު ކުޅުމެއް ދެއްކުމުން ބާސެލޯނާ ލަދު ގަންނަންޖެހޭނެ.
ރަދީފްް
05 November 2019
ވަލްވާރޑޭ ބެސްޓް
އަސްލު ހަގީގަތް
05 November 2019
ވަލްވާރޑޭ ކަލޭމެންނަށް ރަނގަޅީ ބާސާ ފަސޭހައިން މިހާރު ޓީމްތަކަށް ބަލިކޮށްލެވޭތީ. ބާސާޔާ އިދިކޮޅު ސަޕޯރޓަރުން ބޭނުމެއްނުވާނެ ބާސާގެ ކުރީގެ ކުޅުން އެނބުރި އަންނާކަށް. އެމީހުންނަށް އިނގޭ ބާސާޔަށް ރަނގަޅު ފެންވަރުގެ ކޯޗެއް ލިބިއްޖިއްޔާ ވަރަށް ނުރައްކާ ވާނެކަން. އަހަންނަކީ ބާސާ ސަޕޯރޓަރެއް ނަމަވެސް އިދިކޮޅު ޓީމްތައް ވަރުގަދަވާން އަބަދުވެސް އެދެން. ޓީމްތައް ވަރުގަދަވީމަ ރަނގަޅު ފެންވަރުގެ ފުޓްބޯޅައެއް ބަލާލެވޭނީ.