އިންގްލެންޑާއި ފްރާންސް އަދި ތުރުކީ ޔޫރޯ އަށް

ލަންޑަން (ނޮވެމްބަރު 15) - ޔޫރޯ ކޮލިފައިންގައި ރޭ ކުޅުނު މެޗުތަކަށް ފަހު ދުނިޔޭގެ ޗެމްޕިއަން ފްރާންސާއި އިންގްލެންޑް އަދި ތުރުކީ އަންނަ އަހަރުގެ ޔޫރޯ އަށް ކޮލިފައިވެއްޖެ އެވެ.


މި ތިން ޓީމާ އެކު މިހާތަނަށް ވަނީ 10 ޓީމެއް މުބާރާތުގެ ޖާގަ ހޯދައިފަ އެވެ. އެއީ ސްޕެއިން، ބެލްޖިއަމް، އިޓަލީ، ޕޮލެންޑް، ޔޫކްރޭން، ރަޝިއާ އަދި ޗެކް ރިޕަބްލިކް އެވެ.

އިންގްލެންޑުން ބައިނަލްއަގުވާމީ ފުޓްބޯޅައިގައި ކުޅުނު 1000 ވަނަ މެޗުން ރޭ މޮންޓަނެގްރޯގެ މައްޗަށް ކުރިހޯދީ 7-0 އިންނެވެ. ފްރާންސް ވަނީ އަމިއްލަ ދަނޑުގައި 2-1 އިން މޮލްޑޯވާ ބަލިކޮށްފަ އެވެ. އަދި ތުރުކީ އާއި އައިސްލެންޑް ކުޅުނު މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.

އަމިއްލަ ސަޕޯޓަރުން ކުރިމަތީގައި ރޭ އިންގްލެންޑް ކުޅުނު މެޗުގައި އެ ޓީމުގެ ކެޕްޓަން ހެރީ ކޭން ވަނީ ހެޓްރިކެއް ހަދައިފަ އެވެ. އަނެއް ގޯލުތައް ޖެހީ އަލެކްސް އޮކްސްލޭޑް ޗަމްބަލެއިން، ޓަމީ އަބްރަހަމް، މާކަސް ރެޝްފޯޑްގެ އިތުރުން މޮންޓަނެގްރޯގެ އަލެކްސަންޑަ ސޯފްރޯންކް އެވެ. ސޯފްރޯންކް އަތުން ބައިކޮޅަށް ވަނީ އިންގްލެންޑްގެ މޭސަން މައުންޓް ޖެހި ބޯޅައެއް ދިފާއުކުރަން އުޅުމުގެ ތެރޭގަ އެވެ.

ރޭގެ މެޗުގައި އިންގްލެންޑުން ކުޅުނީ ޓީމުގެ ކޭމްޕް ތެރެއިން ލިވަޕޫލުގެ ޖޯ ގޯމޭޒާ ތަޅާފޮޅުމުގެ ސަބަބުން ޓީމުން ބާކީ ކުރި ރަހީމް ސްޓާލިން ނުލަ އެވެ. ރޭގެ މެޗުގައި ޖޯ ގޯމޭޒް ކުޅެން އެރުމުން އިންގްލެންޑް ސަޕޯޓަރުން ވަނީ އޭނާއާ މެދު ނުރުހުންވާކަން ހާމަކުރުމަށް އަޑުގަދަކޮށްފަ އެވެ. އިންގްލެންޑްގެ ކޯޗު ގަރެތު ސައުތުގޭޓާއި ސްޓާލިން ވަނީ އެކަން އެގޮތަށް ނުކުރަން ސަޕޯޓަރުންގެ ކިބައިން އެދިފަ އެވެ.

ކޮލިފައިން ގްރޫޕް އޭގެ އެއް ވަނަ ޓީމުގެ ގޮތުގައި އިންގްލެންޑް އޮތީ ހަތް މެޗުން 18 ޕޮއިންޓް ހަަމަކޮށްގެންނެވެ. ދެ ވަަނައިގައި އޮތް ޗެކް ރިޕަބްލިކް ވަނީ ރޭ 2-1 އިން ކޮސޯވޯ ބަލިކޮށްފަ އެވެ. ޗެކަށް ވަނީ ހަތް މެޗުން 15 ޕޮއިންޓް ލިބިފަ އެވެ.

ފްރާންސްގެ ޖިރޫޑް ޕެނަލްޓީ ފޮނުވާލަނީ. -- ފޮޓޯ: އޭއެފްޕީ

ޕެރިހުގައި މޮލްޑޯވާއާ އިން ވަނީ ފްރާންސް ހާސްކޮށްލުމަށް ފަހު މެޗުގެ ނުވަ ވަނަ މިނިޓްގައި ވަޑީމް ރަޓާގެ ގޯލުން ލީޑުނަގައިފަ އެވެ. ފްރާންސަށް ފުރަތަމަ ހާފު ނިމުމުގެ ކުރިން އެއްވަރުކޮށްދިނީ މެޗުގެ 35 ވަނަ މިނިޓްގައި ރަފައެލް ވަރާން އެވެ. ދެ ވަނަ ހާފުގައި ލިބުނު ޕެނަލްޓީ އަކުން ފްރާންސް މޮޅުކޮށްދިން ލަނޑު ޖެހީ އޮލިވިއޭ ޖިރޫޑް އެވެ.

މި މޮޅާ އެކު ފްރާންސުން ވަނީ ކޮލިފައިން ގްރޫޕް އެޗްގެ އެއް ވަނަ އަށް ޖެހިލައިފަ އެވެ. ފްރާންސަށް ނުވަ މެޗުން 22 ޕޮއިންޓް ލިބިފައިވާއިރު، ކުރިން އެއް ވަނައިގައި އޮތް ތުރުކީ ދެ ވަނަ އަށް ވެއްޓުނީ ރޭ ކުޅުނު މެޗުން އައިސްލެންޑާ ލަނޑެއް ނުޖެހި އެއްވަރުވުމުންނެވެ. ތުރުކީ އަށް ނުވަ މެޗުން ލިބިފައިވަނީ 20 ޕޮއިންޓެވެ. އައިސްލެންޑް ތިން ވަނައިގައި އޮތީ ނުވަ މެޗުން 16 ޕޮއިންޓާ އެކު އެވެ.