މޮރޭނޯއާ މެދު ގޮތެއް ނިންމާނީ ޔޫރޯ އަށް ފަހު

މެޑްރިޑް (ނޮވެމްބަރު 18) – ސްޕެއިނުގެ ކޯޗު ރޮބަޓް މޮރޭނޯގެ މަސައްކަތް ވަޒަން ކުރާނީ އަންނަ އަހަރުގެ ޔޫރޯގައި ކަމަށް ސްޕެއިން ފުޓްބޯޅަ ފެޑެރޭޝަނުގެ ރައީސް ލުއިސް ރުބިއަލެސް ވިދާޅުވެއްޖެ އެވެ.


ލުއިސް އެންރީކޭގެ އެހީތެރިޔަކަށް މަސައްކަތްކުރި މޮރޭނާ ވަގުތީ ހެޑްކޯޗުކަމާ ހަވާލުވީ ޔޫރޯ ކޮލިފައިންގެ ވަކި ހިސާބަކުން، އެންރީކޭ އަމިއްލަ ސަބަބަކާ ހެދި ދުރަށް ދިއުމުންނެވެ. އެކަމަކު އެންރީކޭގެ ދަރިފުޅު މަރުވުމުން އޭނާ މަގާމުން ވަކިވުމާ އެކު ޔޫރޯގެ ނިޔަލަށް މޮރޭނޯ އަށް ސްޕެއިނުން ވަޒީފާ ދިނެވެ.

މޮރޭނޯއާ އެކު ސްޕެއިން ޔޫރޯ އަށް ކޮލިފައިވެފައިވާއިރު އެ މުބާރާތުގެ ނަތީޖާ ރަނގަޅުވެއްޖެ ނަމަ އިތުރު ދެ އަހަރުގެ ކޮންޓްރެކްޓެއް އޭނާ އަށް ދޭނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ. އެންރީކޭއާ އެކު ރޯމާ އާއި ބާސެލޯނާގައި ވެސް މަސައްކަތްކުރި މޮރޭނޯ ވަނީ އެންރީކޭ އަލުން އަންނަން ބޭނުންވެއްޖެ ނަމަ މަގާމް ދޫކޮށްލާނެ ކަމަށް ކުރިން ބުނެފަ އެވެ.

"އަންނަ ހަފުތާގައި ކޮލިފިކޭޝަން ނިމުމުން އަހަރެމެން ހާލަތު ބަލާނަން. އަހަރެމެން މިތިބީ މޮރޭނޯއާ މެދު ހިތްހަމަޖެހިފައި. އެކަން ބަދަލެއް ނުވޭ. މުބާރާތް ނިމުމުން އަލުން ހާލަތު ބަލާނަން،" މާސާ އަށް ދެއްވި އިންޓަވިއުއެއްގައި ރުބިއަލެސް ވިދާޅުވި އެވެ.

ސްޕެއިނުގެ ރަން ޖީލުގެ ކުޅުންތެރިން 2010 ގެ ވޯލްޑް ކަޕާއި 2008 އަދި 2012 ގެ ޔޫރޯ ކާމިޔާބުކުރި އެވެ. އެކަމަކު ފަހަކަށް އައިސް ނަތީޖާތައް ވަނީ ދަށްވެފަ އެވެ. އެގޮތުން 2014 ވަނަ އަހަރުގެ ވޯލްޑް ކަޕުގެ ގްރޫޕް ސްޓޭޖުން ކެޓިއިރު 2016 ގެ ޔޫރޯ އާއި އެންމެ ފަހުގެ ވޯލްޑް ކަޕުން ކެޓީ ދެ ވަނަ ބުރުންނެވެ.