މޮރޭނޯ ވަކިކޮށް ސްޕެއިނުން އެންރީކޭ އަލުން ގެންނަނީ؟

މެޑްރިޑް (ނޮވެމްބަރު 19) - ސްޕެއިނުން ކޯޗު ރޮބަޓް މޮރޭނޯ ވަކިކޮށް، ލުއިސް އެންރީކޭ އަލުން ގެންނަން އުޅޭ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.


އެކަން ރަސްމީކޮށް އިއުލާންކުރަން މިއަދު ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާނެ ކަމަށްވެ އެވެ. އެކަމަކު ޔޫރޯ ކޮލިފައިންގެ ފަހު މެޗުގައި ރޭ ރޫމޭނިއާ އަތުން 5-0 އިން މޮޅުވި މެޗުގެ ކުރިން އެކަން ސްޕެއިން ފުޓްބޯޅަ ފެޑެރޭޝަނުން މޮރޭނޯއާ ހިއްސާކުރި ކަމަށްވެ އެވެ. މެޗަށް ފަހު އޭނާ އެ ވާހަކަ ކުޅުންތެރިން ގާތު ބުނީ ފެންކަޅިވެހުރެ އެވެ. އަދި ކުޅުންތެރިން ވެސް ތިބީ ރޮވިފަ އެވެ.

އެންރީކޭގެ އެސިސްޓަންޓެއްގެ ގޮތުގައި މަސައްކަތްކުރި މޮރޭނޯ އަށް ވަގުތީ ކޯޗުކަން ލިބުނީ މާޗު މަހު އަމިއްލަ ސަބަކަކާ ހެދި އެންރީކޭ ދުރަށް ދިއުމުންނެވެ. އަދި އެންރީކޭގެ ދަރިފުޅުގެ ސިއްހީ ހާލަތާ ގުޅިގެން އޭނާ ޖޫން މަހު އިސްތިއުފާ ދިނުމާ އެކު އަންނަ އަހަރުގެ ޔޫރޯގެ ނިޔަލަށް ދާއިމީ ކޯޗަކަށް މޮރޭނޯ ހަމަޖެއްސީ އެވެ.

އެންރީކޭގެ ދަރިފުޅު މަރުވުމުން، އެކަމުގެ ހަމްދަރުދީ ފާޅުކޮށް މޮރޭނޯ އޭރު ބުނީ އެންރީކާ އަލުން އަންނަން ބޭނުންވެއްޖެ ނަމަ މަގާމް ދޫކޮށްލާނެ ކަމަށެވެ. އެކަމަކު ސްޕެނިޝް ފުޓްބޯޅަ ފެޑެރޭޝަނުން މަޝްވަރާއެއް ނެތި ކުއްލި ގޮތަކަށް އެފަދަ ނިންމުމެއް ނިންމުމުން މޮރޭނޯ ހުރީ މާޔޫސްވެފައި ކަމަށްވެ އެވެ. އެންރީކޭގެ އެސިސްޓަންޓެއްގެ ގޮތުން ބާސެލޯނާ އާއި އޭއެސް ރޯމާގައި މަސައްކަތްކުރި މޮރޭނޯ އަލުން އެންރީކޭގެ ދަށުން ސްޕެއިނުގެ އެސިސްޓަންޓް ކޯޗުގެ މަގާމަށް ދާނެ ކަމަށް ނުބެލެވެ އެވެ.

މޮރޭނޯ ވަކިކުރަން ފެޑެރޭޝަނުން މި ނިންމީ އެ ފެޑެރޭޝަން އޮތީ އޭނާގެ މަސައްކަތާ މެދު ހިތްހަމަޖެހިފައި ކަމަށް ރައީސް ލުއިސް ރުބިއަލެސް ދާދި ފަހުން ވިދާޅުވެފައި ވަނިކޮށެވެ. އޭނާ އޭރު ވިދާޅުވީ ޔޫރޯ އަށް ފަހު މޮރޭނޯގެ ކޮންޓްރެކްޓް ދާއިމީ ކުރާނެތޯ ނިންމާނީ ޔޫރޯގައި ނެރޭ ނަތީޖާ އަށް ބެލުމަށް ފަހު ކަމަށެވެ.

މިއީ ދެ އަހަރު ތެރޭ ސްޕެއިނުން ކޯޗުން ބަދަލުކުރާނެ ހަތަރު ވަނަ ފަހަރެވެ. ކޯޗުން ބަދަލުކުރުމުގެ ގެންގުޅޭ ދޯދިޔާ އުސޫލުތަކަށް ފާޑުކިޔުންތައް ވަނީ އަމާޒުވެފަ އެވެ. މިދިޔަ އަހަރުގެ ވޯލްޑް ކަޕުގެ ކުރިން ހުލެން ލޮޕެޓީގް، މުބާރާތަށް ފަހު ރެއާލް މެޑްރިޑާ ހަވާލުވާކަން އިއުލާންކުރުމާ އެކު އޭނާ ކޯޗުކަމުން ވަކިކުރީ މުބާރާތް ފެށެން ގާތްވެފައިވަނިކޮށެވެ. ވަގުތީ ގޮތުން ގެނައީ ކުރީގެ ކެޕްޓަން ފެނާންޑޯ ހިއޭރޯ އެވެ. އެ މުބާރާތަށް ފަހު އެންރީކޭއާ ހަވާލުކުރީ އެވެ.