ބާސެލޯނާ ދެ ވަނަ ބުރަށް، ލިވަޕޫލާއި ޗެލްސީ އަށް އިންތިޒާރެއް

ބާސެލޯނާ (ނޮވެމްބަރު 28) - ޔުއެފާ ޗެމްޕިިއަންސް ލީގުގައި ރޭ ބޮރޫޝިއާ ޑޯޓްމަންޑް އަތުން 3-1 އިން މޮޅުވެ ބާސެލޯނާ މުބާރާތުގެ ދެ ވަނަ ބުރުން ފުރުސަތު ހޯދިއިރު، ޗެލްސީ އާއި ލިވަޕޫލުން އިތުރު އިންތިޒާރެއް ކުރަން ޖެހިއްޖެ އެވެ.


ރޭ ލިވަޕޫލް ކުޅުނު މެޗުން އަމިއްލަ ދަނޑުގައި ވަނީ އިޓަލީގެ ނަޕޯލީއާ 1-1 އިން އެއްވަރުވެފަ އެވެ. ޗެލްސީ ކުޅުނު މެޗުން ރަށުން ބޭރުގައި ވަނީ ވެލެންސިއާއާ 2-2 އިން އެއްވަރުވެފަ އެވެ.

ބާކީ އެއް މެޗު އޮއްވައި ބާސެލޯނާ ދެ ވަނަ ބުރުން ފުރުސަތު ހޯދީ ކުޅުނު ފަސް މެޗުން 11 ޕޮއިންޓް ހަމަކޮށްގެންނެވެ. މި ގްރޫޕްގެ ދެ ވަނައިގައި އޮތީ ރޭ ރަށުންބޭރުގައި ސްލަވިއާ ޕްރާގް އަތުން 3-1 އިން މޮޅުވި އިންޓަ މިލާނެވެ. ދެ ވަނައިގައި އޮތް އިންޓަ އާއި ތިން ވަނައިގައި އޮތް ޑޯޓްމަންޑަށް ވަނީ ހަތް ޕޮއިންޓް ލިބިފަ އެވެ. އެންމެ ފުލުގައި އޮތް ސްލަވިއާ އަށް ލިބިފައިވަނީ ދެ ޕޮއިންޓެވެ.

ބާސެލޯނާ ދަނޑުގައި ރޭ ކުޅުނު މެޗުގައި އެ ޓީމުގެ ކުރިއަށް ކުޅޭ ލުއިސް ސުއަރޭޒާއި ލިއޮނަލް މެސީ އަދި އެންޓޮއިން ގްރީޒްމަން ކޮންމެ ކުޅުންތެރިޔަކު ވަނީ ގޯލެއް ޖަހައިފަ އެވެ. ރޭގެ މެޗަކީ މެސީ ބާސެލޯނާ އަށް ކުޅެދިން 700 ވަނަ މެޗެވެ. މެސީ އަށް ވުރެ ގިނައިން ބާސެލޯނާ އަށް މެޗު ކުޅުނީ އެ ޓީމަށް ކުރިން ކުޅުނު ސްޕެއިންގެ މިޑްފީލްޑަރު ޒަވީ ހެނާންޑޭޒް އެވެ.

ޑޯޓްމަންޑަށް ރޭގެ މެޗުގައި ޖަހައިދިން ހަމައެކަނި ގޯލު ކާމިޔާބުކުރީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން އެރި އިނގިރޭސި ވިންގް ޖޭޑަން ސަންޗޯ އެވެ.

އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލަށް ރޭ މޮޅުވެގެން ދެ ވަނަ ބުރުގެ ޖާގަ ޔަގީންކުރެވެން އޮތް ނަމަވެސް އެ ޓީމު ވީ އެއްވަރެވެ. ބާކީ އެއް މެޗު އޮތްއިރު، ގްރޫޕް އީގެ އެއް ވަނައިގައި ލިވަޕޫލް އޮތީ 10 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ނަޕޯލީ އަށް ނުވަ ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި އޮތް ސަލްޒްބާގަށް ވަނީ ހަތް ޕޮއިންޓް ލިބިފަ އެވެ. ސަލްޒްބާގް ވަނީ ރޭ ރަށުން ބޭރުގައި ގެންކް އަތުން 4-1 އިން މޮޅުވެފަ އެވެ. އެންމެ ފުލުގައި އޮތް ގެންކަށް ލިބުނީ އެންމެ ޕޮއިންޓެކެވެ.

ލިވަޕޫލްގެ މާނޭ އަތުން ބޯޅަ ހޯދަން ނަޕޯލީގެ އަލާން މަސައްކަތްކުރަނީ. -- ފޮޓޯ: އޭއެފްޕީ

ދެ ވަނަ ބުރުން ފުރުސަތު ހޯދަން ފަހު މެޗުން އަންނަ މަހު 10 ވަނަ ދުވަހު ރަށުން ބޭރުގައި ލިވަޕޫލަށް ބޭނުންވަނީ ސަލްޒްބާގް އަތުން މަދުވެގެން ޕޮއިންޓެކެވެ. އެ މެޗުން ސަލްޒްބާގް މޮޅުވެ، އެ ދުވަހު ނަޕޯލީ ކުޅޭ މެޗުން ގެންކް އަތުން މޮޅުވެއްޖެނަމަ ލިވަޕޫލް ކަޓާނެ އެވެ.

ރޭގެ މެޗުގައި ނަޕޯލީން ލީޑުނެގީ ފުރަތަމަ ހާފުގައި ބެލްޖިއަމްގެ ފޯވާޑް ޑްރީސް މާޓެންސް ޖެހި ގޯލުންނެވެ. ދެ ވަނަ ހާފުގައި ލިވަޕޫލަށް އެއްވަރުކޮށްދިނީ ކްރޮއޭޝިއާގެ ޑިފެންޑަރު ޑޭޔާން ލޮވްރެން އެވެ.

ޗެލްސީ ރޭގެ މެޗުން އެއްވަރުވިއިރު، އެ ޓީމު ވަނީ ގްރޫޕް އެޗްގެ ތިން ވަނަ އަށް ވެއްޓިފަ އެވެ. އެ ގްރޫޕްގެ އެއް ވަނައިގައި އޮތީ ރޭ ރަށުންބޭރުގައި ލިލް އަތުން 2-0 އިން މޮޅުވި އަޔަކްސް އެވެ. އަޔަކްސް އަށް ވަނީ 10 ޕޮއިންޓް ލިބިފަ އެވެ. ދެ ވަނައިގައި އޮތް ވެލެންސިއާ އާއި ތިން ވަނައިގައި އޮތް ޗެލްސީގެ އޮތީ އަށް ޕޮއިންޓެވެ. އެންމެ ފުލުގައި އޮތް ލިލް އަށް ލިބިފައިވަނީ އެއް ޕޮއިންޓެވެ.

މި ގްރޫޕްގެ ފަހު މެޗުގައި އަންނަ މަހު 10 ވަނަ ދުވަހު އަމިއްލަ ދަނޑުގައި ލިލް އަތުން މޮޅުވެގެން ޗެލްސީ އަށް ދެ ވަނަ ބުރުގެ ޖާގަ ހޯދޭނެ އެވެ. އަނެއް ޖާގަ ލިބޭނީ އަޔަކްސް ދަނޑުގައި ވެލެންސިއާއާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވާ ޓީމަކަށެވެ. މި މެޗު އެއްވަރުވެއްޖެނަމަ އަޔަކްސް އަށް އަނެއް ބުރުން ފުރުސަތު ލިބޭނެ އެވެ.

ވެލެންސިއާ އިން ކާލޯސް ސޮލާގެ ގޯލުން ލިޑުނެގިތާ މާގިނައިރެއް ނުވެ ޗެލްސީގެ މަޓެއޯ ކޮވަސިޗް ވަނީ އެ ޓީމަށް ނަތީޖާ ހަމަހަމަކޮށްދީފަ އެވެ. ކްރިސްޓިއަން ޕުލިސިޗްގެ ގޯލުން ޗެލްސީން ލީޑުނެގިއިރު، ވެލެންސިއާ އިން އެއްވަރުކުރަން ޓީމުގެ ކެޕްޓަން ޑެނީ ޕަރޭހޯ ޖެހި ޕެނަލްޓީ ޗެލްސީގެ ކީޕަރު ކެޕާ އަރިއްޒަބަލާގާ ވަނީ މަތަކޮށްފަ އެވެ. އެކަމަކު މެޗު ނިމެން އަށް މިނިޓަށް ވެފައި ހުއްޓާ ޑެނިއަލް ވަސް ވަނީ ވެލެންސިއާ އަށް އެއްވަރުކޮށްދީފަ އެވެ.