ނިޔޯން (ޑިސެމްބަރު 1) – އަންނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި އެންމެ ފަހުގެ ޗެމްޕިއަން ޕޯޗުގަލާއި ދުނިޔޭގެ ޗެމްޕިއަން ފްރާންސާއި ޔޫރަޕުގެ ގަދަބާރު ޖަރުމަން އެއް ގްރޫޕެއްގައި ލައްވާލައިފި އެވެ.
މި ގްރޫޕް ވެގެންދާނީ މުބާރާތުގެ މަރުގެ ގްރޫޕަށެވެ. އަދި ގްރޫޕުގެ ކޮންމެ މެޗެއްގައި ކަހަލަ ގޮތަކަށް ސުޕަސްޓާރުންގެ ކުރިމަތިލުންތައް ފެންނާނެ އެވެ. ހާއްސަކޮށް ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ފްރާންސްގެ ކީލިއަން އެމްބާޕޭގެ ކުރިމަތިލުން ޝައުގުވެރިވާނެ އެވެ.
މި ގްރޫޕަށް ދެން އަންނާނީ ކޮލިފައިން ޕްލޭއޮފުން އަންނަ ޓީމެކެވެ. ޔޫރޯ ކުރިއަށްދާނީ ޔޫރަޕުގެ 12 ސިޓީއެއްގައި ކަމުން މި ގްރޫޕުގައި ޖަރުމަން ކުޅޭ ހުރިހާ މެޗެއް އޮންނާނީ މިއުނިކުގެ އެލިއަންޒް އެރީނާގަ އެވެ. އަނެއް ތިން މެޗު ކުޅޭނީ ހަންގޭރީގެ ބުޑަޕެސްޓުގެ ޕުސްކަސް އެރީނާގަ އެވެ.
އެހެން ގްރޫޕްތަކަށް ބަލާއިރު ގްރޫޕް އޭ ގައި ހިމެނެނީ އިޓަލީ އާއި ތުރުކީ އާއި ވޭލްސް އަދި ސްވިޒަލެންޑެވެ. މި ގްރޫޕުގައި އިޓަލީގެ ހުރިހާ މެޗެއް ކުޅޭނީ ރޯމްގެ ސްޓޭޑިއޯ އޮލިމްޕިކޯގަ އެވެ. އަނެއް ތިން މެޗު އޮންނާނީ އަޒަރުބައިޖާނުގެ ބަކޫގެ އޮލިމްޕިކް ސްޓޭޑިއަމުގަ އެވެ.
އިންގްލެންޑް ލައްވާލީ ކްރޮއޭޝިއާ އާއި ޗެކް ރިޕަބްލިކް އަދި ޕްލޭއޮފުން އަންނަ ޓީމަކާ އެކު ގްރޫޕް ޑީ ގަ އެވެ. އިންގްލެންޑުގެ މެޗުތައް ލަންޑަނުގެ ވެމްބްލީ ސްޓޭޑިއަމުގައި ކުޅޭއިރު ބާކީ މެޗުތައް އޮންނާނީ ސްކޮޓްލެންޑުގެ ގްލާސްގޯގެ ހެމްޑެން ޕާކުގަ އެވެ.
މުބާރާތް 2008 އާއި 2012 ގައި ކާމިޔާބުކުރި ސްޕެއިން ހިމެނުނީ ސްވިޑަން އާއި ޕޮލެންޑް އަދި ޕްލޭއޮފުން އަންނަ ޓީމަކާ އެއް ގްރޫޕެއްގަ އެވެ. ސްޕެއިނުގެ މެޗުތައް އޮންނާނީ ބިލްބާއޯގެ ސެން މަމެސްގަ އެވެ. އެހެން މެޗުތައް ކުޅޭނީ އަޔަލެންޑުގެ ޑަބްލިންގެ އަވީވާ ސްޓޭޑިއަމުގަ އެވެ.
އެންމެ ފަހުގެ ވޯލްޑް ކަޕާއި ޔޫރޯ އިން ފުރުސަތު ނުލިބުނު ނެދަލެންޑްސް ލައްވާލީ ޔޫކްރޭނާއި އޮސްޓްރިއާ އަދި ޕްލޭއޮފުން އަންނަ ޓީމަކާ އެކު ގްރޫޕް ސީ ގަ އެވެ. ނެދަލެންޑްސްގެ މެޗުތައް އޮންނާނީ އެމްސްޓެޑަމްގެ ޔޮހާން ކްރައިފް އެރީނާގަ އެވެ. އެހެން މެޗުތައް އޮންނާނީ ރުމޭނިއާގެ ބުކަރެސްޓުގެ އެރީނާ ނެޝަނަލްގަ އެވެ.
ގްރޫޕް ބީ ގައި ހިމެނެނީ ޑެންމާކާއި ފިންލެންޑާއި ބެލްޖިއަމް އަދި ރަޝިއާ އެވެ. ޑެންމާކުގެ މެޗުތައް ކޯޕެންހޭގަންގެ ޕާކެން ސްޓޭޑިއަމުގައި ކުޅޭއިރު ރަޝިއާގެ މެޗުތައް އޮންނާނީ ސެއިންޓް ޕީޓާސްބާގުގެ ކްރެސްޓޯވީސްކީ ސްޓޭޑިއަމުގަ އެވެ.