މެސީގެ ގޯލުން ބާސެލޯނާ އަލުން ކުރިއަށް

މެޑްރިޑް (ޑިސެމްބަރު 2) – މެޗުގެ ފަހުކޮޅު ލިއޮނަލް މެސީ ވައްދާލި ލަނޑާ އެކު އެތުލެޓިކޯ މެޑްރިޑް 1-0 އިން ބަލިކޮށް ބާސެލޯނާ އިން ސްޕެނިޝް ލީގުގެ އެއް ވަނަ މަގާމަށް އަލުން އަރައިފި އެވެ.


ވާދަވެރި ރެއާލް މެޑްރިޑުން ހޮނިހިރު ދުވަހުގެރޭ ޑިޕޯޓިވޯ އަލަވެސް އަތުން 2-1 އިން މޮޅުވެ އެއް ވަނަ މަގާމް ހޯދި ނަމަވެސް، ބާސެލޯނާގެ މޮޅާ އެކު ރެއާލް މިވަނީ ދެ ވަނަ އަށް ވެއްޓިފަ އެވެ. އެކަމަކު ރެއާލާއި ބާސެލޯނާ އަށް ވެސް ލިބިފައިވަނީ 31 ޕޮއިންޓެވެ. ބާސެލޯނާ އަށް ފައިދާ 20 ގޯލްއިރު އޮތްއިރު ރެއާލް މެޑްރިޑުގެ ފައިދާ ގޯލުގެ އަދަދަކީ 19 އެވެ.

އެތުލެޓިކޯ މެޑްރިޑް އޮތީ ބާސެލޯނާ އާއި ރެއާލް މެޑްރިޑަށް ވުރެ ހަ ޕޮއިންޓް ފަހަތުގައި، 25 ޕޮއިންޓާ އެކު ހަ ވަނައިގަ އެވެ. ބާސެލޯނާ އާއި ރެއާލަށް އިތުރު މެޗެއް ވެސް އެބައޮތެވެ. އެތުލެޓިކޯ އިން ލީގު ޗެމްޕިއަންކަން ހޯދުމުގެ ރޭހަށް ވަނުމަށް ދެން އޮތީ އުނދަގޫ މަސައްކަތެކެވެ.

އެއްވަރުވާނެ ކަމަށް ބެލެވުނު މި މެޗުގައި މެސީ ލަނޑުި ޖެހީ 86 ވަނަ މިނެޓުގަ އެވެ. މެސީ ކުރިއަށް އަރައި ލުއިސް ސުއަރޭޒަށް ދިން ބޯޅަ އޭނާ އަލުން މެސީ އަށް ދިނުމުން މެސީ ވަނީ އޭރިއާ ރޮނގުމަތިން ކަހަލަ ގޮތަކަށް އެއް ފަހަރު ޖަހައި ގޯލުގެ ތިރީ ކަނަށް ބޯޅަ ވައްދާލައިފަ އެވެ.

"އެއްވަރުކޮށްދާ އަދި ވަރަށް ވާދަވެރިކޮށްދާ މެޗުތަކުގައި، ލިއޮނަލް މެސީ ހުރުމަކީ ބޮޑު ފައިދާއެއް،" ބާސެލޯނާގެ ކޯޗު އާނެސްޓޯ ވަލްވާޑޭ ބުންޏެވެ. "ތިން ޕޮއިންޓް ހޯދަން ވެސް މުހިއްމު މޮޅެއް އެކަމަކު ނަފްސާނީ ގޮތުން ވެސް މިއީ މުހިއްމު މޮޅެއް. ކްރިސްމަސް ބްރޭކަށް ޓީމު ދާނީ އިތުބާރާ އެކު."