ނޭމާ އާއި އެމްބާޕޭގެ ލަނޑުތަކުން ޕީއެސްޖީ ލީޑު ފުޅާކޮށްފި

ޕެރިސް (ޑިސެމްބަރު 5) – ކީލިއަން އެމްބާޕޭ އާއި ނޭމާގެ ލަނޑުތަކުން ނާންޓެސް 2-0 އިން ބަލިކޮށް ޕީއެސްޖީން ފްރާންސް ލީގުގެ އެއް ވަނައިގައި ފަސް ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.


ޕީއެސްޖީން މިދިޔަ ހަފުތާގައި މޮނާކޯއާ ދެކޮޅަށް ކުޅެން އޮތް މެޗު މޫސުމް ގޯސްވުމާ ގުޅިގެން ވަނީ ކެންސަލްކޮށްފަ އެވެ. އޭގެ ފައިދާ ނަގައި، ދެ ވަނައިގައި އޮތް އޮލިމްޕިކް މާސޭ އިން ވަނީ އަންގާރަ ދުވަހުގެރޭ އޭންޖާސް އަތުން 2-0 އިން މޮޅުވެ ޕީއެސްޖީއާ ދެ ޕޮއިންޓަށް ގާތްކޮށްފަ އެވެ.

ރޭ ޕީއެސްޖީ މޮޅުވެ އަލުން ފަސް ޕޮއިންޓަށް ލީޑު ފުޅާކުރީ 36 ޕޮއިންޓާ އެކު އެވެ. މާސޭ ދެ ވަނައިގައި އޮތީ 31 ޕޮއިންޓާ އެކު އެވެ. ޕީއެސްޖީ އަށް އިތުރު މެޗެއް އޮތުމާ އެކު ލީޑު އިތުރަށް ފުޅާކުރުމުގެ ފުރުސަތު އެބައޮތެވެ.

ޕީއެސްޖީގެ ދަނޑުގައި ރޭ ކުޅުނު މެޗުގައި އެމްބާޕޭ ފުރަތަމަ ގޯލް ޖެހީ އެންހެލް ޑި މަރިއާ ދިން ބޯޅައަކުން 52 ވަނަ މިނެޓުގަ އެވެ. ޕީއެސްޖީގެ ދެ ވަނަ ލަނޑު 85 ވަނަ މިނެޓުގައި ނޭމާ ޖެހީ ޕެނަލްޓީއަކުންނެވެ.

މި މެޗަކީ އެމްބާޕޭ އާއި ނޭމާ ފުރަތަމަ އެގާރައިގައި ހިމެނިގެން އެކުގައި މި ސީޒަނުގައި ކުޅުނު ފުރަތަމަ މެޗެވެ. ޕީއެސްޖީގެ ކޯޗު ތޯމަސް ޓުޝެލް ބުނީ މުހިއްމު ދެ ކުޅުންތެރިން އެކުގައި ފުރަތަމަ ފަހަރަށް މެޗެއް ކުޅުނީ ޑިސެމްބަރުގައި ކަމަށް ވުމުން ވަރަށް ގިނަ އެއްޗެހި ބުނެދޭ ކަމަށެވެ.

"ވިސްނާލާ ލިއޮނަލް މެސީ އާއި ލުއިސް ސުއަރޭޒް އެކުގައި ފުރަތަމަ ފަހަރަށް ކުޅުނީ ޑިސެމްބަރުގައި ނަމަ (ވާނެ ގޮތް)،" ޓުޝެލް ބުންޏެވެ.

އޭނާ ބުނީ ނޭމާ އާއި އެމްބާޕޭ އެކުގައި ކުޅުމުގެ ފޯމެއް ނެތް ކަމަށާއި އެ ދެ ކުޅުންތެރިންގެ ފަރާތުން މާ ގިނަ ކަންކަމަށް އުއްމީދު ނުކުރާ ކަމަށެވެ. އަދި ލަނޑު ޖެހި ނަމަވެސް އަދިވެސް ވަރަށް ބޮޑު ކުރިއެރުމެއް ހޯދިދާނެ ކަމަށް އޭނާ ބުންޏެވެ.