ދެ ވަނަ ބުރުގައި ރެއާލާއި ސިޓީގެ ކުރިމަތިލުމެއް

ނިޔޯން، ސްވިޒަލެންޑް (ޑިސެމްބަރު 16) - ޗެމްޕިއަންސް ލީގުގެ ދެ ވަަނަ ބުރުގައި މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ރެއާލް މެޑްރިޑާއި އިނގިރޭސި ޗެމްޕިއަން އަދި މުބާރާތުގެ އެއް ފޭވަރިޓްކަމަށް ބެލެވިފައިވާ މެންޗެސްޓާ ސިޓީ ވާދަކުރަން ޖެހިއްޖެ އެވެ.


ކޯޗު ޒިނެދިން ޒިދާންގެ ކޯޗުކަމުގައި ޖެހިޖެހިގެން ތިން އަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކުރުމަށް ފަހު މިދިޔަ ސީޒަނުގައި ރެއާލަށް ކުރިމަތިލާން ޖެހުނީ ނާކާމިޔާބީއާ އެވެ. މިދިޔަ އަހަރު ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގައި ސަންޓިއާގޯ ސޮލާރީގެ ކޯޗުކަމުގައި ރެއާލް ވަނީ އަޔަކްސް އަތުން ކަޓައިފަ އެވެ. ޒިދާން އަލުން ޓީމާ ހަވާލުވެ މި ފަހަރުގެ ޗެމްޕިއަންސް ލީގުގެ ކާމިޔާބީ އަށް ވަނީ އަމާޒުހިފައިފަ އެެވެ.

ޗެމްޕިއަންސް ލީގުގައި މިހާތަނަށް ސިޓީ އަށް އަދި ރެއާލް އަތުން މޮޅެއް ނުލިބެ އެވެ. މި ދެ ޓީމުގެ މެދުގައި ކުޅުނު ހަތަރު މެޗުގެ ތެރެއިން ދެ މެޗުން ރެއާލް މޮޅުވިއިރު، އަނެއް ދެ މެޗު ވަނީ އެއްވަރުވެފަ އެވެ. ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ އެންމެ ފަހުން ޗެމްޕިއަންސް ލީގު ކާމިޔާބުކުރީ 2011 ވަނަ އަހަރު ބާސެލޯނާގައި ހުރިއިރު އެވެ. ސިޓީގައި އޭނާ ހޯދަން އެންމެ ބޭނުންވާ ކާމިޔާބީ އަކީ ޗެމްޕިއަންސް ލީގެވެ. ސިޓީ އަށް މިހާތަނަށް އެ މުބާރާތް ކާމިޔާބު ކުރެވިފައިނުވެ އެވެ.

އެންމެ ފަހުގެ ޔޫރަޕްގެ ޗެމްޕިއަން ލިވަޕޫލް ދެ ވަނަ ބުރުގައި ކުޅޭނީ ސްޕެއިނުގެ އެތުލެޓިކޯ މެޑްރިޑާ އެވެ. ޗެމްޕިއަންސް ލީގުގައި މި ދެ ޓީމު ކުޅުނު ދެ މެޗު ވެސް އެއްވަރުވެފައިވާއިރު، ޔޫރޮޕާ ލީގުގައި އެތުލެޓިކޯ އިން ވަނީ 2010 ވަނަ އަހަރު ލިވަޕޫލް ކަޓުވާލައިފަ އެވެ. ލިވަޕޫލުން މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގު ތަށި އުފުލާލި ފައިނަލު ކުޅުނީ އެތުލެޓިކޯގެ ސްޓޭޑިއަމް ވަންޑާ މެޓްރޮޕޮލިޓާނޯގަ އެވެ.

ދެ ވަނަ ބުރުގެ ފާހަގަކޮށްލެވޭ އަނެއް މެޗުތަކަށް ބަލާއިރު ޕީއެސްޖީ އާއި ޑޯޓްމަންޑް މެޗު ހިމެނެ އެވެ. ޕީއެސްޖީގެ ކޯޗަކަށް ހުރި ތޯމަސް ޓުޗެލް އެންމެ ފުރަތަމަ މި މުބާރާތުގައި ކޯޗުކޮށްދިނީ ޑޯޓްމަންޑަށެވެ. ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީން އެންމެ ބޮޑަށް އަމާޒުހިފާފައިވާ މުބާރާތަކީ ޗެމްޕިއަންސް ލީގެވެ.

ފްރޭންކް ލަމްޕާޑްގެ ކޯޗުކަމުގައި ކުޅެމުން އަންނަ ޗެލްސީ ދެ ވަނަ ބުރުގައި ބައްދަލުކުރާނީ ޖަރުމަނުގެ ޗެމްޕިއަން ބަޔާން މިއުނިކާ އެވެ. ޗެލްސީން މިހާތަނަށް ޗެމްޕިއަންސް ލީގު ތަށި އުފުލާލީ 2012 ވަނަ އަހަރުގެ ފައިނަލުގައި ބަޔާން ބަލިކޮށްފަ އެވެ. އެ ފަހަރު ޓީމު ލީޑުކުރުމުގައި އިސްކޮށް ހަރަކާތްތެރިވީ މިހާރުގެ ކޯޗު ލަމްޕާޑް އެވެ.

މުބާރާތުގެ ޗެމްޕިއަންކަން ފަސް ފަހަރު ހޯދާފައިވާ ބާސެލޯނާ ދެ ވަނަ ބުރުގައި ނުކުންނާނީ ނަޕޯލީއާ ދެކޮޅަށެވެ. ޔުވެންޓަަސް ދެ ވަނަ ބުރުގައި ފްރާންސްގެ ލިޔޯނާ ބައްދަލުކުރާއިރު، މުބާރާތުގެ ތާރީހުގައި އަލަށް ވާދަކޮށް ދެ ވަނަ ބުރުން ވެސް ޖާގަ ހޯދާފައިވާ އިޓަލީގެ އެޓަލަންޓާ ދެ ވަނަ ބުރުގައި ނުކުންނާނީ ސްޕެއިނުގެ ވެލެންސިއާއާ ދެކޮޅަށެެވެ.

ޕޯޗުގަލްގެ ޕޯޓޯ އާއި އިޓަލީގެ އިންޓަ މިލާނާ އެކު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައިވާ ކޯޗު ހޯސޭ މޮރީނިއޯ އޭނާ މިހާރު ކޯޗުކޮށްދޭ ޓޮޓެންހަމް ގޮވައިގެން ދެ ވަނަ ބުރުގައި ނުކުންނާނީ ޖަރުމަނު ލީގުގައި ތަފާތު ދައްކަމުން އަންނަ އާރްބީ ލިޕްޒިގާ ދެކޮޅަށެވެ. ޓޮޓެންހަމް ވަނީ މުބާރާތުގެ ތާރީހުގައި މިދިޔަ ސީޒަނުގައި ފައިނަލުގައި ކުޅެފަ އެވެ.

ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގެ މެޗުތައް ފަށާނީ އަންނަ ފެބްރުއަރީ މަހުގަ އެވެ. މި އަހަރުގެ ފައިނަލް ކުޅޭނީ ތުރުކީގެ އިސްތަންބޫލުގައި ހުންނަ އަޓާޓަކް ސްޓޭޑިއަމްގަ އެވެ.

ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގެ މެޗުތައް:

މެންޗެސްޓާ ސިޓީ - ރެއާލް މެޑްރިޑް

ލިވަޕޫލް - އެތުލެޓިކޯ މެޑްރިޑް

ޑޯޓްމަންޑް - ޕީއެސްޖީ

ނަޕޯލީ - ބާސެލޯނާ

ޗެލްސީ - ބަޔާން މިއުނިކް

އެޓަލަންޓާ - ވެލެންސިއާ

ޓޮޓެންހަމް - އާރްބީ ލިޕްޒިގު

ޔުވެންޓަސް - ލިޔޯން