ރޮނާލްޑޯގެ ގޯލަށް ސަމާލުކަން، ޔުވެންޓަސް ކުރިއަށް

ޖެނޯވާ (ޑިސެމްބަރު 19) – ކްރިސްޓިއާނޯ ރޮނާލްޑޯ އަށެއްކަ ފޫޓް މައްޗަށް ފުންމައިގެން އަރައި ބޮލުން ޖެހި ގޯލާ އެކު ސަމްޕްޑޯރިއާ އަތުން 2-1 އިން ޔުވެންޓަސް މޮޅުވެ އިޓާލިއަން ލީގުގެ އެއް ވަނަ އަށް އަރައިފި އެވެ.


ޔުވެންޓަސް އެއް ވަނައިގައި އޮތީ އިތުރަށް އެއް މެޗު ކުޅެގެން 42 ޕޮއިންޓާ އެކު އެވެ. ތާވަލުގެ ދެ ވަނައިގައި އިންޓަ މިލާން އޮތީ 39 ޕޮއިންޓާ އެކު އެވެ. އެ ޓީމުން ހޮނިހިރު ދުވަހުގެރޭ ޖެނޯއާ އަތުން މޮޅުވެގެން އަލުން އެއް ވަނަ އަށް އެރޭނެ އެވެ.

ސަމްޕްޑޯރިއާގެ ސްޓޭޑިއަމުގައި ކުޅުނު މެޗުގައި ފުރަތަމަ ގޯލް ޖެހީ ޔުވެންޓަސް އިންނެވެ. މި ގޯލް 19 ވަނަ މިނެޓުގައި ވައްދާލީ ޕައޮލޯ ޑީބަލާ އެވެ. އޭގެ ފަހުން 35 ވަނަ މިނެޓުގައި ޖިއަންލޫކާ ކަޕްރާރީ ލަނޑު ޖަހައި ސަމްޕްޑޯރިއާ އަށް އެއްވަރުކޮށްދިނެވެ. ޔުވެންޓަސް މޮޅުކޮށްދިނީ ފުރަތަމަ ހާފުގެ ފަހު މިނެޓުގައި ރޮނާލްޑޯ ވައްދާލި ލަނޑުންނެވެ. އެލެކްސް ސެންޑްރޯ ނެގި ހުރަހަށް ރޮނާލްޑޯ ފުންމައިގެން އަރައި ބޮލުން ބޯޅަ ގޯލަށް ވައްދާލީ އޭނާގެ މާކްކޮށްގެން ހުރި ޑިފެންޑަރަށް ފަޅި ފުރުސަތެއް ވެސް ނުދީ އެވެ.

"ނަތީޖާއާ މެދު ވަރަށް ހިތްހަމަޖެހޭ. އެއީ ވަރަށް މުހިއްމު ގޯލެއް ސަބަބަކީ ޔުވެންޓަސް އަށް ތިން ޕޮއިންޓް ލިބުނީ އެ ގޯލުން ކަމަށްވާތީ،" ރޮނާލްޑޯ ބުންޏެވެ. "ކުރިން އަހަރެން ބުނިހެން ކަކުލުގައި ތަދެއް އުޅޭތާ މަހެއްހާ ދުވަސްވި. އެކަމަކު މިހާރު އަހަރެން މިހިރީ ރަނގަޅު ހާލަތުގައި."

ރޭގެ މެޗުގައި ޔުވެންޓަސްގެ ގޯލް ބެލެހެއްޓި ޖިއަންލުއިޖީ ބުފޮން ވަނީ އިޓާލިއަން ލީގުގައި 647 މެޗު ކުޅެ އެންމެ ގިނަ މެޗު ކުޅެގެން އޭސީ މިލާނުގެ ކުރީގެ ކެޕްޓަން ޕައޮލޯ މަލްޑިނީ ހަދާފައިވާ ރެކޯޑާ އެއްވަރުކޮށްފަ އެވެ. ޔުވެންޓަސްގައި ގިނަ އަހަރުތަކެއް ހޭދަކުރުމަށް ފަހު އެ ކްލަބް ދޫކޮށް މިދިޔަ ސީޒަނުގައި ފްރާންސްގެ ޕީއެސްޖީ އަށް ކުޅުނު ބުފޮން ޔުވެންޓަސް އަށް އެނބުރި އައި އެއް ސަބަބަކީ ވެސް އެ ރެކޯޑް ހެދުން ކަމަށް ވާހަކަދެކެވެ އެވެ. ރޭގެ މެޗުން ބުފޮން އަށް ފުރުސަތު ލިބުނީ އެއް ވަނަ ގޯލްކީޕަރު ވޮސިއެޗް ޝެޒްނީ އަނިޔާގައި ހުރުމުންނެވެ.

ޔުވެންޓަސް އަށް ދެން އޮތީ އިޓާލިއަން ސުޕަ ކަޕުގައި ލާޒިއޯއާ ދެކޮޅަށް ހޮނިހިރު ދުވަހު ކުޅޭ މެޗެވެ. އެ މެޗު އޮންނާނީ ސައުދީ އަރަބިއާގެ ރިޔާޒްގަ އެވެ.