ރޫނީ އަށް ފުރަތަމަ އެގާރައިން ފުރުސަތު ނުގެއްލޭ: މޮރީނިއޯ

މެންޗެސްޓާ (އޮކްޓޫބަރު 2) - މެންޗެސްޓާ ޔުނައިޓެޑްގެ ކެޕްޓަން ވޭން ރޫނީ އަށް އެ ޓީމުގެ ފުރަތަމަ އެގާރައިން ފުރުސަތު ނުގެއްލޭ ކަމަށް ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ.


ޔުނައިޓެޑް އެންމެ ފަހުން ކުޅުނު ދެ މެޗުގައި ވެސް އެ ޓީމުގެ ފުރަތަމަ އެގާރައިގައި ރޫނީ ނުހިމެނެ އެވެ. ޕްރިމިއާ ލީގުގައި މިއަދު އަމިއްލަ ދަނޑުގައި ސްޓޯކް ސިޓީއާ ދެކޮޅަށް ނުކުތުމުގެ ކުރިން މޮރީނިއޯ ބުނީ ރޫނީ އަކީ އަދިވެސް ޓީމުގެ މުހިއްމު ކުޅުންތެރިއެއް ކަމަށެވެ.

"ފޯމު ދަށްވުމުން ކޮންމެ ކުޅުންތެރިއަކަށް ވެސް ފުރަތަމަ އެގާރައިން ޖާގަ ގެއްލޭނެ. ވަރުގަދަ ސްކޮޑެއް އޮންނައިރު ފުރަތަމަ އެގާރައިގައި މަގާމު ދަމަހައްޓަން ކޮންމެ ހަފްތާއެއްގައި އެބަޖެހޭ މޮޅު ކުޅުމެއް ދައްކަން. ރޫނީ އަށް ވެސް އަދި ފުރުސަތު އެބައޮތް،" މޮރީނިއޯ ބުންޏެވެ.

މި ފަހަރުގެ ލީގުގައި ޔުނައިޓެޑް ވަނީ ދެ މެޗުން ބަލިވެފަ އެވެ. އެއީ އަމިއްލަ ދަނޑުގައި މެންޗެސްޓާ ސިޓީ އަތުންނާއި ރަށުން ބޭރުގައި ވަޓްފޯޑް އަތުންނެވެ. މޮރީނިއޯ ބުނީ ސްޓޯކް އަތުން ތިން ޕޮއިންޓް ހޯދުން ނޫން ގޮތެއް ނެތް ކަމަށެވެ.

"ވާދަވެރި ލީގެއްގައި އެއްވެސް މެޗެއް ފަސޭހަ ނުވާނެ. ސިޓީ އާއި ވަޓްފޯޑް އަތުން އަހަރެމެންނަށް މުހިއްމު ޕޮއިންޓްތަކެއް ގެއްލިއްޖެ. ޕޮއިންޓް ޓޭބަލް މި ވަގުތު އޮތްގޮތުން މި މެޗުން ކޮންމެހެންވެސް ތިން ޕޮއިންޓް ހޯދުން މުހިއްމު،" މޮރީނިއޯ ބުންޏެވެ.

ސްޓޯކް މިި ވަގުތު އޮތީ ލީގުގެ އެންމެ ފުލުގަ އެވެ. މޮރީނިއޯ ބުނީ ލީގުގެ މަގާމަށް ބަލައިގެން ސްޓޯކާ ދެކޮޅަށް ނުނިކުންނާނެ ކަމަށެވެ. އަދި ކުޅުންތެރިންނަށް ބަލާއިރު ސްޓޯކްގައި ތަފާތު މޮޅު ކުޅުންތެރިން އެބަތިބި ކަމަށް މޮރީނިއޯ ބުންޏެވެ.

އަނިޔާގެ ސަބަބުން ކުރިން މެޗުގައި ނުފެނުނު ޔުނައިޓެޑްގެ ދެ ކުޅުންތެރިން ކަމަށްވާ ލޫކް ޝޯ އާއި ހެންރިކް މިކިތާރްޔަން ވަނީ ފިޓްވެފަ އެވެ.

ޔުނައިޓެޑާއި ސްޓޯކް ބައްދަލުކުރާ މެޗު ފަށާނީ މިއަދު ހަވީރު 4 ޖަހާއިރު އެވެ.