ޔޫރަޕުން ކްލަބް ވޯލްޑް ކަޕާ މެދު ނުވިސްނާ: ކްލޮޕް

ދޯހާ (ޑިސެމްބަރު 21) - ފީފާ އިން އަހަރު ފަހުކޮޅުގައި އެކި ބައްރުތަކުގެ ޗެމްޕިއަނުންގެ މެދުގައި ބާއްވަމުން އަންނަ ކްލަބް ވޯލްޑް ކަޕާ މެދު ޔޫރަޕުން މާ ބޮޑަށް ނުވިސްނާކަމަށް ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނެފި އެވެ.


ޔޫރަޕްގެ ޗެމްޕިއަނުންގެ ގޮތުގައި ލިވަޕޫލުން ކްލަބް ވޯލްޑް ކަޕްގައި ވާދަކުރަން އައުމުގެ ކުރިން ކްލޮޕް އެންމެ ބޮޑަށް ހިތްހަމަނުޖެހުނީ އިނގިރޭސި ލީގު ކަޕްގެ ކުއާޓާ ފައިނަލް މެޗެއް ކްލަބް ވޯލްޑް ކަޕްގެ ސެމީ ފައިނަލް މެޗުގެ ކުރީ ދުވަހަށް ތާވަލުކުރުމުންނެވެ. ކްލަބް ވޯލްޑް ކަޕަށް ލިވަޕޫލުން ސީނިއާ ޓީމު ބޭނުންވާތީ ލީގު ކަޕް ކުއާޓާ ފައިނަލްގައި އެސްޓަން ވިލާ އަތުން 5-0 އިން ބަލިވި މެޗުގައި ބޭނުންކުރީ 23 އަހަރުން ދަށުގެ ޓީމެވެ.

ކްލަބް ވޯލްޑް ކަޕްގެ ފައިނަލުގައި ބްރެޒިލްގެ ފްލަމެންގޯއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ކްލޮޕް ބުނީ އެ ދެ ޓީމުން މި މުބާރާތަށް ކުރިމަތިލީ އެއް ވިސްނުމެއްގައި ކަމަށް ވިޔަސް ހާލަތު ތަފާތު ކަމަށެވެ.

"ފްލަމެންގޯ މި މުބާރާތަށް ފޮނުވީ ޗެމްޕިއަންކަން ހޯދައިގެން ހީރޯ އިންގެ ގޮތުގައި އެނބުރި ގައުމަށް އަންނަން ވިސްނައިދީފައި. އެކަމަކު އަހަރެމެން ގާތުގައި ބުނީ ގޭގައި މަޑުކޮށްލައިގެން ތިބެފައި ކަރަބާއޯ ކަޕް (ލީގު ކަޕް) ކުޅެލަން. ހަގީގަތަކީ ޔޫރަޕުން މާ ބޮޑު ސަމާލުކަމެއް ނުދޭ މި މުބާރާތަކަށް،" ކްލޮޕް ބުންޏެވެ.

އޭނާ ބުނީ ލިވަޕޫލުން މި މުބާރާތް ކާމިޔާބުކުރަން އެންމެ ބޭނުންވާ ސަބަބަކީ ކްލަބްގެ ސަޕޯޓަރުން ވެސް އެގޮތަށް ބޭނުންވާތީ ކަމަށާއި އެ އެހެން ކްލަބެއްގެ ސަޕޯޓަރެއް ވެސް ލިވަޕޫލާ އެއްކޮޅުގައި ނުހުންނާނެ ކަމަށެވެ.

"އަހަރެމެންގެ ސަޕޯޓަރުން މި މުބާރާތް ކާމިޔާބުކުރަން އެ ބޭނުންވާ މިންވަރު އެނގޭ. އެކަަމަށް ކްލަބުން ވަރަށް މަސައްކަތްކުރާނެ،" ކްލޮޕް ބުންޏެވެ.

ކްލަބް ވޯލްޑް ކަޕަކީ ލިވަޕޫލަށް މިހާތަނަށް ނުލިބި އޮތް މުބާރާތެކެވެ. މި މުބާރާތުގެ ފައިނަލުގައި 2005 ވަނަ އަހަރު ލިވަޕޫލް ކުޅުނެވެ. އެކަމަކު އެ ފަހަރު ބްރެޒިލްގެ ސައޮ ޕައޮލޯ އަތުން ވަނީ 1-0 އިން ބަލިވެފަ އެވެ. ކްލޮޕް ބުނީ ކްލަބްގެ ތާރީހަށް ޓަކައި ވެސް މި މެޗުން މޮޅުވާން ބޭނުންވާ ކަމަށެވެ.

ކްލަބް ވޯލްޑް ކަޕްގެ ސެމީ ފައިނަލުގައި މެކްސިކޯގެ މޮންޓަރޭ އަތުން 2-1 އިން ލިވަޕޫލް މޮޅުވި މެޗުގައި އަނިޔާގެ ސަބަބުން އެ ޓީމުގެ ތަރި ވާޖިލް ވެން ޑައިކް ނުކުޅެ އެވެ. އެކަމަކު މިރޭގެ ފައިނަލަށް ވެން ޑައިކް ފިޓްވެފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. އޭނާ ވަނީ އިއްޔެ ބޭއްވި ފަރިތަކުރުންތަކުގައި ބައިވެރިވެފަ އެވެ.

ކްލަބް ވޯލްޑް ކަޕްގެ ފައިނަލް މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 10:30 ގަ އެވެ.