އިނިއެސްޓާގެ 600 ވަަނަ މެޗު ބާސެލޯނާ އަށް ވެސް ހާއްސަ

ބާސެލޯނާ (އޮކްޓޫބަރު 2) - ސްޕެނިޝް ލީގުގައި މިރޭ އަމިއްލަ ދަނޑުގައި ސެލްޓަ ވިގޯއާ ދެކޮޅަށް ބާސެލޯނާ ކުޅޭ މެޗަކީ އެ ޓީމުގެ މިޑްފީލްޑަރު އަންދްރެސް އިނިއެސްޓާ އެ ކްލަބަށް ކުޅެދޭ 600 ވަަނަ މެޗެވެ. ބާސެލޯނާގެ ކޯޗު ލުއިސް އެންރީކޭ ބުނީ މިއީ އެ ކްލަބަށް ވެސް ހާއްސަ މެޗެއް ކަމަށެވެ.


މިރޭގެ މެޗާ އެކު އިނިއެސްޓާ ވެގެންދާނީ ޒަވީ ހެނާންޑޭޒަށް ފަހު ބާސެލޯނާ އަށް 600 މެޗު ހަމަކުރާ ދެ ވަނަ ކުޅުންތެރިއާ އަށެވެ. އިނިއެސްޓާ ވަނީ ބާސެލޯނާއާ އެކު 29 މުބާރާތް ކާމިޔާބުކޮށްފަ އެވެ.

"އިނިއެސްޓާ އަކީ އަހަންނާ އެކު ކުޅުނު ކުޅުންތެރިއެއް. މިހާރު އަހަރެންގެ ކޯޗުކަމުގައި އޭނާ ކުޅޭތީ ވަރަށް ބޮޑަށް އުފާވޭ. ބާސެލޯނާގެ ތާރީހުގައި ހުނަރުވެރި އެތައް ކުޅުންތެރިން ތަކެއް ވަނީ ކުޅެފައި. އިނިއެސްޓާ ފަދަ ކުޅުންތެރިއަކު މި ކްލަބަށް 600 މެޗު ކުޅުމަކީ މި ކްލަބަށް ވެސް ހާއްސަ ކަމެއް،" މިރޭގެ މެޗުގެ ކުރިން ބާސެލޯނާގެ ކޯޗު ލުއިސް އެންރީކޭ ބުންޏެވެ.

އިނިއެސްޓާ އަކީ ސްޕެއިން ގައުމީ ޓީމުގެ ވެސް މުހިއްމު ކުޅުންތެރިއެކެވެ. ފާއިތުވި އަށް އަހަރު ސްޕެއިން ހޯދި ކާމިޔާބީތަކުގައި އިނިއެސްޓާގެ ދައުރު ބޮޑެވެ. ސްޕެއިނަށް 2010 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބު ކޮށްދިން ލަނޑު ވެސް ކާމިޔާބުކުރީ އިނިއެސްޓާ އެވެ.

ބާސެލޯނާ މިރޭ ސްޕެނިޝް ލީގުގައި ރަށުން ބޭރުގައި ސެލްޓަ ވިގޯއާ ދެކޮޅަށް ކުޅޭއިރު، އެ ޓީމަކީ ކުރިން އެންރީކޭ ކޯޗުކޮށްދިން ޓީމެވެ. އެންރީކޭ ބުނީ މިއީ އޭނާ އަށް ވެސް ހާއްސަ މެޗެކެވެ.

ބާސެލޯނާ މި ވަގުތު އޮތީ ކުޅުނު ހަ މެޗުން ލިބުނު 13 ޕޮއިންޓާ އެކު ލީގުގެ ތިން ވަނައިގަ އެވެ. މިރޭ ސެލްޓައާ ދެކޮޅަށް އެ ޓީމު ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން 23:45ގަ އެވެ.