މެސީ ހުއްޓުވުމަކީ ކޯޗުންނަށް ވެސް ޗެލެންޖެއް: މޮރީނިއޯ

ޕެރިސް (ޑިސެމްބަރު 27) - ބާސެލޯނާގެ ތަރި ލިއޮނަލް މެސީ ހުއްޓުވުމަކީ ކޯޗިން ކެރިއަރުގައި އޭނާ އަށް ވެސް ކުރިމަތިވި ގޮންޖެހުމެއް ކަމަށާއި އެއީ މެސީއާ ދެކޮޅަށް ނުކުންނަ ކޮންމެ ކޯޗަކަށް ވެސް އޮންނާނެ ޗެލެންޖެއް ކަމަށް މަޝްހޫރު ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ.


ކުރިން ޗެލްސީ، ރެއާލް މެޑްރިޑް އަދި އިންޓަ މިލާނަށް ކޯޗުކޮށްދިން މޮރީނިއޯ މި ވަގުތު ހުރީ ޓޮޓެންހަމްގަ އެވެ. ޕޯޗުގަލްގެ ރޭޑިއޯ އަކަށް ދިން އިންޓަވިއުއެއްގައި މޮރީނިއޯ ބުނީ ކޯޗިން ކެރިއަރުގައި ތަފާތު ކުޅުންތެރިން ހުއްޓުވާނެ އެކި ގޮތްގޮތް އޭނާ ކޯޗުކޮށްދޭ ކުޅުންތެރިންނަށް ބުނެދީފައިވާނެ ކަމަށާއި އެންމެ އުނދަގޫވީ މެސީ ހުއްޓުވާނެ ގޮތް ކިޔައިދޭން ކަމަށެވެ.

"މެސީއާ ދެކޮޅަށް އަހަރެން ނުކުތިންް ޗެލްސީ، އިންޓަ އަދި މެޑްރިޑް ގޮވައިގެން. ކޮންމެ ފަހަަރަކު ވެސް މެސީ ހުއްޓުވަން ޖެހެނީ އާ ގޮތެއް ހަދަން. އާ ރޭވުމެއް ރާވަން. އެއީ މެސީގެ ކިބައިގައި އެބަހުރި ތަފާތު ހުނަރުތައް. މެޗުގެ އޮއިވަރުދާ ގޮތަށް ބަލާފައި މެސީ މުޅި ޓީމުގެ މިސްރާބު ބަދަލުކޮށްލަފާނެ،" މޮރީނިއޯ ބުންޏެވެ.

މޮޅެތި ކުޅުންތެރިންނާ ދެކޮޅަށް ކުޅެ ނަތީޖާ ނެރުމަކީ ޓީމަށް ލިބޭ ކުރިއެރުމެއްގެ އިތުރުން ކޯޗުންނަށް ވެސް ދަސްވާ ފިލާވަޅުތަކެއް ކަމަށް މޮރީނިއޯ ދެކެ އެވެ. އެ ގޮތުން މެސީ ހުއްޓުވާނެ ގޮތްތަށް ހޯދައިގެން އޭނާ އަށް ވެސް ކާމިޔާބީތަކެއް ހޯދުނު ކަމަށް މޮރީނިއޯ ބުންޏެވެ.

"އިންޓަ މިލާނުގައި އަހަރެން ޗެމްޕިއަންސް ލީގު ހޯދީ ބާސެލޯނާ ބަލިކޮށްފައި. ސްޕެނިޝް ލީގު ހޯދިއިރު ރޭހުގައި އަހަރެމެންނާ އެކު އޮތީ ބާސެލޯނާ. އެފަދަ ކާމިޔާބީތަކުގައި ހާއްސަ ވަގުތުތަކަކީ ބާސެލޯނާ ބަލިކުރެވުނު ވަގުތުތަށް. ބާސެލޯނާ ބަލިކުރެވޭނީ މެސީ ހުއްޓުވައިގެން. އަހަންނަށް ދެ ގުނަ އުފާ ލިބޭ ސަބަބެއް އެއީ މެސީ ފަދަ ކުޅުންތެރިއަކު ހުރި ޓީމެއް ބަލިކުރެވުން،" މޮރީނިއޯ ބުންޏެވެ.

އޭނާ ބުނީ ކްރިސްޓިއާނޯ ރޮނާލްޑޯ އަކީ ވެސް ތަފާތު މޮޅު ކުޅުންތެރިއެއް ކަމަށާއި އޭނާ ހުއްޓުވުމަކީ ވެސް ތަފާތު ޗެލެންޖެއްގެ ގޮތުގައި ކޯޗުން ދެކޭނެ ކަމަށް ބުނެފަ އެވެ.