ފުޓްބޯޅަ ސިޔާސީ ކުރުން ރަނގަޅެއްނޫން: އިންފަންޓީނޯ

ދޯހާ (ޑިސެމްބަރު 27) - ފީފާ އިން އިންތިޒާމުކުރާ މުބާރާތްތަށް އެކި ގައުމުތަކުގައި ބޭއްވުމުގައި އަމަލުކުރާ އުސޫލުގެ ތެރެއަށް ސިޔާސީ ކަންތައްތަކެއް ވެއްދުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވިދާޅުވެއްޖެ އެވެ.


ފީފާ އިން 2022 ވަނަ އަހަރު ބާއްވާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް ބޭއްވުމުގެ ފުރުސަތު ގަތަރަށް ދިނީ ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ކަމަށް ބުނެ އެ މައްސަލަ ވެސް ތަހުގީގުކުރަމުންދާއިރު ގަތަރުގައި ސްޓޭޑިއަމްތަށް ހަދާ ސައިޓުތަކުގައި މަސައްކަތްކުރާ މީހުންނަށް އިހާނެތިކޮށް ހިތާ މައްސަލަތަކެއް ވެސް ވަނީ ފެންމަތިވެފަ އެވެ. އެހެން އެކަން އޮއްވައި ފީފާ އިން ވަނީ މި އަހަރާއި އަންނަ އަހަރުގެ ކްލަބް ވޯލްޑް ކަޕް ބޭއްވުމުގެ ފުރުސަތު ގަތަރަށް ދީފަ އެވެ.

ބްރެޒިލްގެ ފްލަމެންގޯ ބަލިކޮށް ލިވަޕޫލުން ފުރަތަމަ ފަހަރަށް ކްލަބް ވޯލްޑް ކަޕް ތަށި އުފުލާލި މެޗަށް ފަހު އިންފަންޓީނޯ ވަނީ ގަތަރުގެ ނޫސްވެރިން ކުރި ސުވާލުތަކަކަށް ޖަވާބު ދެއްވައިފަ އެވެ. ގަތަރުގައި މި ފަހަރުގެ ކްލަބް ވޯލްޑް ކަޕް ބޭއްވީ ވަރަށް ފުރިހަމަކޮށް ކަމުގައި އިންފަންޓީނޯ ވިދާޅުވާއިރު، މި މުބާރާތް ބޭއްވުމުގެ ފުރުސަތު ގަތަރަށް ދިނުމުން އޭރު އަމާޒުވި ފާޑުކިޔުންތަކަށް ދޭނީ ކޮން ރައްދެއްތޯ ނޫސްވެރިއަކު ސުވާލުކުރުމުން އިންފަންޓީނޯ ދެއްވީ ފިނި ޖަވާބެކެވެ.

"ދުނިޔޭގައި ހައްލުނުވެ އެބަހުރި ބައިވަރެއް މައްސަލަ. ފާޑުކިޔާފައިވާ ނޫނީ ފާޑުކިޔަމުން އަންނަ އެތައް ގައުމުތަކަކާ އެކު އެއް ގައުމު އަނެއް ގައުމުން އެތަށް ބިިލިއަން ޑޮލަރުގެ ވިޔަފާރި އެބަކުރޭ. އެކަމަކުން މައްސަލައެއް ނެތް. އެކަމަކު މައްސަލަ މި ޖެހެނީ ފުޓްބޯޅަ ކަހަލަ މަގުބޫލު ކުޅިވަރެއްގެ ތެރެއިން. ފުޓްބޯޅަ ސިޔާސީ ކުރުން ރަނގަޅެއް ނޫން. ހަމަ އެ ގޮތަށް މުޅި ދުނިޔޭގެ އެތަށް ބަޔަކަށް ހައްލެއް ނުލިބި އޮތް ކަމެއްގެ ހައްލެއް ފުޓްބޯޅައިން ވެސް ނުހޯދޭނެ،" އިންފަންޓީނޯ ވިދާޅުވި އެވެ.

ބަދަލުތަކާ އެކު 24 ޓީމު ކުޅޭގޮތަށް ފޯމެޓް ބަދަލުކޮށް ފީފާ އިން ބާއްވާ ފުރަތަމަ ކްލަބް ވޯލްޑް ކަޕް ބޭއްވުމުގެ ފުރުސަތު ދިނީ ޗައިނާ އަށެވެ. އެ ކްލަބް ވޯލްޑް ކަޕް އޮންނާނީ 2021 ވަނަ އަހަރު ޗައިނާގަ އެވެ. ޗައިނާ ސަރުކާރުގެ އަނިޔާ އެ ގައުމުގެ އުއިގޫރު ދަރިކޮޅުގެ މުސްލިމުންނަށް ލިބެމުންދާތީ ގިނަ ފުޓްބޯޅަ ތަރިން ވެސް އަންނަނީ ޗައިނާ އަށް ފާޑުކިޔަމުންނެވެ. އެ ފަދަ ހާލަތެއްގައި އޮއްވައި ޗައިނާ އަށް ކްލަބް ވޯލްޑް ކަޕްގެ ފުރުސަތު ދިނުން ރަނގަޅުތޯ ސުވާލުކުރުމުން އިންފަންޓީނޯ ވަނީ އެ ނިންމެވުން ވެސް ދިފާއުކުރައްވައިފަ އެވެ.

"އެކަން އެތަނުގައި ކުރިއަށް ދަނިކޮށް ނޫނީ ދުނިޔޭގެ އެހެން ދިމާލެއްގައި ވެސް ކުރިއަށް ދަނިކޮށް ޗައިނާގައި މި މުބާރާތް ކުޅެގެން ހައްލެއް ވެސް ލިބިދާނެ. އެކަމަކު ޔަގީނުން ވެސް އެނގޭ ކަމަކީ މީގެ ކޮންމެވެސް އެއްބައެއް އަަބަދުވެސް ސުވާލު އުފައްދާނެ. ފާޑުވެސް ކިޔާނެ." މި އަހަރު އިތުރު ދައުރަކަށް ފީފާގެ ރައީސް ކަމަށް އިންތިހާބުވި އިންފަންޓީނޯ ވިދާޅުވި އެވެ.