ރެއާލާއި ބާސާ އަށް ވެސް ހިތްދަތި ރެއެއް

މެޑްރިޑް (އޮކްޓޯބަރު 3) - ޖެހިގެން ހަތަރު ވަނަ މެޗުން އެއްވަރުވެ ތާވަލުގެ އެއް ވަނަ އަށް އަރަން ލިބުނު ފުރުސަތު ރެއާލް މެޑްރިޑަށް ގެއްލިފައިވަނިކޮށް، ބާސެލޯނާ ރޭ ސެލްޓާ ވީގޯ އަތުން 4-3 އިން ބަލިވުމުން އެ ޓީމަށް ވެސް އެ ފުރުސަތު ގެއްލިއްޖެ އެވެ.


ރޭ އެއިބާއާ 1-1 އިން ރެއާލް އެއްވަރުވިއިރު އެ ޓީމުގެ ކޯޗު ޒައިނުއްދީން ޒިދާންގެ މަގާމާ މެދު ވަނީ ސުވާލު އުފެދެން ފަށައިފަ އެވެ. ލީގުގައި ޖެހިޖެހިގެން ތިން މެޗުން އެއްވަރުވިއިރު، ޗެމްޕިއަންސް ލީގުގައި ބޮރޫޝިއާ ޑޯޓްމަންޑާ ވެސް ވީ އެއްވަރެވެ.

ރެއާލް މެޑްރިޑް 15 ޕޮއިންޓާ އެކު ދެ ވަނައިގައި އޮތްއިރު، އެއް ވަނައިގައި 15 ޕޮއިންޓާ އެކު ލަނޑުގެ ތަފާތުން އޮތީ އެތުލެޓިކޯ މެޑްރިޑެވެ. އެންޓޮއިން ގްރިޒްމަން އާއި ކެވިން ގަމެއިރޯގެ ލަނޑުތަކާ އެކު އެތުލެޓިކޯ ވަނީ ރޭ ވެލެންސިއާ އަތުން 2-0 އިން މޮޅުވެފަ އެވެ.

ޗެމްޕިއަން ބާސެލޯނާ ވަނީ މިހާރު ހަތަރު ވަނަ އަށް ވެއްޓިފަ އެވެ. އެ ޓީމަށް 13 ޕޮއިންޓް ލިބިފައިވާއިރު ތިން ވަނައިގައި 14 ޕޮއިންޓާ އެކު އޮތީ ސެވިއްޔާ އެވެ.

ސެލްޓާގެ ސްޓޭޑިއަމުގައި ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި އެ ޓީމުން ތިން ލަނޑު ޖެހި އެވެ. ސިސްޓޯ ލީޑު ނަގައިދިން އިރު ދެ ވަނަ ލަނޑު ޖެހީ އިއާގޯ އަސްޕަސް އެވެ. އަދި ތިން ވަނަ ލަނޑަކީ ބާސެލޯނާގެ ޖެރެމީ މެތިއު އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

ދެ ވަނަ ހާފުގައި ބާސެލޯނާ އަށް ތަފާތު ކުޑަކޮށްދިނީ ޖެރާޑް ޕީކޭ އާއި ނޭމާ އެވެ. އެކަމަކު ޕަބްލޯ ހެނާންޑޭޒްގެ ލަނޑުން 77 ވަނަ މިނެޓުގައި ސެލްޓާ އިން ތަފާތު ބޮޑުކުރި އެވެ. ބާސެލޯނާ އަށް ފަހު ވަގުތު ތަފާތު ކުޑަކޮށްދިނީ ޕީކޭ އެވެ.