ޓެސްޓް ކްރިކެޓް ހަތަރު ދުވަހަށް ބަދަލުކުރުމާ ވިރާތު ދެކޮޅު

ލަންޑަން (ޖެނުއަރީ 6) – ފެށުނީއްސުރެ ފަސް ދުވަހުގެ މުއްދަތަކަށް ކުޅޭ ޓެސްޓް ކްރިކެޓް މެޗުތައް ހަތަރު ދުވަހަށް ބަދަލުުކުރަން ތާއީދުނުކުރާ ކަމަށް އިންޑިއާގެ ކެޕްޓަން އަދި ދުނިޔޭގައި މިވަގުތު ހުރި އެންމެ މޮޅު ބެޓްސްމަން ވިރާތު ކޯލީ ބުނެފި އެވެ.


ޓެސްޓް މެޗެެއްގެ މުއްދަތަށް 2023 ވަނަ އަހަރުން ފެށިގެން ބަދަލު ގެނައުމާ ގުޅޭގޮތުން އިންޓަނޭޝަނަލް ކްރިކެޓް ކައުންސިލުން މި މަހު މަޝްވަރާކުރާނެ އެވެ.

ވިރާތު ބުނީ ހަތަރު ދުވަހަށް ބަދަލުކުރުމަށް ފަހު ދެން އުޅޭނީ ތިން ދުވަހަށް ބަދަލުކުރަން ކަމަށާއި އެހެން ގޮސް ނިމޭއިރު ދެކެވޭނީ ޓެސްޓް ކްރިކެޓް ފޮހެވިގެންދާ ވާހަކަ ކަމަށެވެ. އޭނާ ބުނީ ކްރިކެޓް ފެށުނު ގޮތަށް ބަލާއިރު، ފަސް ދުވަހުގެ ޓެސްޓް މެޗުތަކަކީ ބައިނަލްއަގްވާމީ ފެންވަރުގައި ކުޅޭވުނު އެންމެ މަތީ ފެންވަރުގެ މެޗުތައް ކަމަށެވެ. އެހެންވެ މި ބަދަލަކީ ކްރިކެޓުގެ އަސާސީ ފޯމެޓަށް އިންސާފުވެރި ގޮތަކަށް ވާނެ ކަމަށް ނުދެކޭ ކަމަށް އޭނާ ބުންޏެވެ.

"ބަދަލު ގެނެވިގެން ނުވާނެ،" ވިރާތު ބުންޏެވެ.

އިންގްލެންޑާއި ވޭލްސް ކްރިކެޓް ބޯޑުން ވަނީ މި ބަދަލަށް ކޮންމެވެސް ވަރަކަށް ތާއީދުކުރާ ކަމަށް ބުނެފަ އެވެ. ސަބަބަކީ މި ބަދަލާ އެކު ކުޅުންތެރިންގެ ހަށިގަނޑަށް ލޯޑްކުޑަވާނެތީވެ އެވެ.

ޓެސްޓް ކްރިކެޓް މެޗުތައް ކުޅެވޭނީ އިންޓަނޭޝަނަލް ކްރިކެޓް ކައުންސިލުން "ޓެސްޓް ސްޓޭޓަސް" ދީފައިވާ ގައުމުތަކަށެވެ. ރަތްބޯޅައިން ކުޅޭ ޓެސްޓް ކްރިކެޓަކީ އެ ކުޅިވަރުގެ އެންމެ މަތީ އަދި އެންމެ ޝަރަފްވެރި ފޯމެޓަށްވީ ނަމަވެސް ދިރިއުޅުމުގެ ކަންކަމަށް އައި ބަދަލުތަކާ އެކު ގަވާއިދުން މެޗުތައް ބަލާ މީހުންގެ އަދަދު ވަނީ މަދުވެފަ އެވެ. އެންމެ މަގުބޫލީ 50 އޯވަރަށް ކުޅޭ ވަންޑޭ ކްރިކެޓާއި 20 އޯވަރަށް ކުޅޭ ޓްވެންޓީ20 ކްރިކެޓެވެ.