އަގުއޭރޯގެ ރެކޯޑްތަކާ އެކު ސިޓީ ދެ ވަނަ އަށް

ބާމިންހަމް (ޖެނުއަރީ 13) - ސާޖިއޯ އަގުއޭރޯގެ ބޮޑު ދެ ރެކޯޑަކާ އެކު ރޭ މެންޗެސްޓާ ސިޓީން 6-1 އިން އެސްޓަން ވިލާ ބަލިކޮށް ލީގުގެ ދެ ވަނަ އަށް ޖެހިލައިފި އެވެ.


ލީގުގައި ހޮނިހިރު ދުވަހުގެރޭ ލެސްޓާ ސިޓީ ކުޅުނު މެޗުން ބަލިވުމުން ރޭ ސިޓީ އަށް މޮޅުވެގެން ދެ ވަނަ އަށް އަރަން ލިބުނު ފުރުސަތުގެ ބޭނުން އެ ޓީމުން ވަނީ ހިފައިފަ އެވެ. ސިޓީ ދެ ވަނަ އަށް ޖެހިލީ 22 މެޗުން 47 ޕޮއިންޓާ އެކު އެވެ. ސިޓީ އާއި ލީގުގެ އެއް ވަނައިގައި އޮތް ލިވަޕޫލާ ދެމެދު 14 ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ.

ރެލިގޭޝަން ޒޯނުގައި އޮތް އެސްޓަން ވިލާ ކޮޅަށް ރޭގެ މެޗުގައި ސިޓީގެ އަގުއޭރޯ ވަނީ ހެޓްރިކެއް ހަދައިފަ އެވެ. ލީގުގައި އަގުއޭރޯ ހެދި 12 ވަނަ ހެޓްރިކާ އެކު އޭނާ ވަނީ ޕްރިމިއާ ލީގުގައި އެންމެ ގިނަ ހެޓްރިކްގެ ރެކޯޑް މުގުރާލައިފަ އެވެ. މީގެ ކުރިން އެންމެ ގިނަ ހެޓްރިކް ހެދުމުގެ ރެކޯޑް އަގުއޭރޯ ހިއްސާކުރަމުން އައީ ނިއުކާސަލް ޔުނައިޓެޑްގެ ކުރީގެ ފޯވާޑް އެލަން ޝިއަރާއާ އެވެ. އަގުއޭރޯ ރޭ ޖެހި ގޯލުތަކާ އެކު 177 ގޯލު ހަމަކޮށް ވަނީ ޕްރިމިއާ ލީގުގައި އެންމެ ގިނަ ގޯލު ޖެހި ބިދޭސީ ކުޅުންތެރިއާގެ ރެކޯޑް ވެސް ގާއިމްކޮށްފަ އެވެ. ކުރިން އެ ރެކޯޑް އޮތީ އާސެނަލްގެ ކުރީގެ ތަރި ތިއަރީ އޮންރީ އަތުގަ އެވެ.

އެތުލެޓިކޯ މެޑްރިޑަށް 2011 ވަނަ އަހަރު 46 މިލިއަން ޑޮލަރު ދިނުމަށް ފަހު ގެނައި އަގުއޭރޯ އަކީ މިދިޔަ 10 ވަރަކަށް އަހަރަަށް ބަލާއިރު އިނގިރޭސި ލީގުގައި އެއް ފެންވަރެއްގައި އެންމެ ގިނަ ސީޒަންތަކުގައި މޮޅު ކުޅުމެއް ދެއްކި އެއް ކުޅުންތެރިޔާ އެވެ.

"އަގުއޭރޯ އަކީ އަހަރެން މި ލީގުގައި ދުށް އެންމެ ފުރިހަމަ އެއް ކުޅުންތެރިޔާ. ލެޖެންޑެއްގެ ދަރަަޖައިގައި ހުރެ އަދިވެސް އިތުރަށް ވެސް ކެރިއަރު ފުރިހަމަ ކުރަމުން އޭނަ އެ ދަނީ. އެ އަދަދަށް ގޯލު ޖަހައި ހެޓްރިކް ހެދުމަކީ މި ކަހަލަ ލީގެއްގައި ފަސޭހަކަމަކަށް ނުވާނެ،" ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ރޭގެ މެޗަށް ފަހު އަގުއޭރޯއާ ބެހޭގޮތުން ބުންޏެވެ.

ސިޓީން ދެން ޖެހި ތިން ގޯލުގެ ތެރެއިން ދެ ލަނޑު ޖެހީ އަލްޖީރިއާގެ ވިންގް ރިޔާދު މާރޭޒް އެވެ. އަނެއް ގޯލު ޖެހީ ގަބްރިއެލް ޖީސޫސް އެވެ. އެސްޓަން ވިލާގެ ހަމައެކަނި ގޯލު މެޗުގެ އިތުރު ވަގުތުގައި ލިބުނު ޕެނަލްޓީ އަކުން ޖެހީ އަންވަރު އެލްގާޒީ އެވެ.