ރެއާލް މެޑްރިޑުން ސްޕެނިޝް ސުޕަ ކަޕް ކާމިޔާބުކޮށްފި

ޖިއްދާ، ސައުދީ އަރަބިއާ (ޖެނުއަރީ 13) – ވާދަވެރި އެތުލެޓިކޯ މެޑްރިޑް އަތުން ޕެނަލްޓީ ޖަހައިގެން 4-1 އިން މޮޅުވެ ރެއާލް މެޑްރިޑުން ސްޕެނިޝް ސުޕަ ކަޕުގެ ޗެމްޕިއަންކަން ރޭ ހޯދައިފި އެވެ.


ސައުދީ އަރަބިއާގެ ޖިއްދާގެ ކިންގް އަބްދުﷲ ސްޕޯޓްސް ސިޓީ ސްޓޭޑިއަމުގައި ކުޅުނު މި މެޗުގެ ފުރިހަމަ ވަގުތާއި އިތުރު ވަގުތު ކުޅެ ނިމުނުއިރު ދެ ޓީމު އޮތީ 0-0 އިން އެެއްވަރުވެފަ އެވެ.

މެޗުގެ ތެރޭގައި ރެއާލުގެ ގޯލްކީޕަރު ތިބައޫ ކޯޓުއާ އާއި އެތުލެޓިކޯގެ ގޯލްކީޕަރު ޔެން އޮބްލަޗް ވަނީ މުހިއްމު ސޭވްތަކެއްކޮށްފަ އެވެ. އިތުރު ވަގުތުގެ ތެރޭ އެތުލެޓިކޯގެ އަލްވާރޯ މޮރާޓާ ގޯލެއް ޖެހުމާ ގާތަށް ދިޔަ އެވެ. އެކަމަކު އޭނާ އެކަނިމާއެކަނި އަރައިގެން ދިޔަ ވަގުތު ރެއާލުގެ ފެޑެރިކޯ ވަލްވާޑޭ ފަހަތުން ޓެކްލް ޖަހައި ވައްޓާލީ އެވެ. އެއާ އެކު ވަލްވާޑޭ އަށް ވަނީ ރަތްކާޑެއް ދައްކައިފަ އެވެ.

ޝޫޓްއައުޓުގައި އެތުލެޓިކޯގެ ފުރަތަމަ ޕެނަލްޓީ ސައުލް ނިގުއޭޒް އަތުން ނާކާމިޔާބުވިއިރު ތޯމަސް ޕާޓޭގެ ޕެނަލްޓީ ރެއާލުގެ ގޯލްކީޕަރު ތިބައޫ ކޯޓުއާ މަތަކުރީ އެވެ. ކާމިޔާބުކުރެވުނީ އިނގިރޭސި ޑިފެންޑަރު ކިއެރަން ޖޯން ޓްރިޕިއާގެ ޕެނަލްޓީ އެވެ. ރެއާލުގެ ހަތަރު ޕެނަލްޓީ ވެސް، ޑެނީ ކަރްވަހާލް އާއި ރޮޑްރީގޯ އާއި ލޫކާ މޮޑްރިޗް އަދި ސާޖިއޯ ރާމޯސް ކާމިޔާބުކުރި އެވެ.

މި ކާމިޔާބީއާ އެކު އެންމެ ހާއްސަ އުފަލެއް ލިބުނީ ރެއާލުގެ ކޯޗު ޒައިނުއްދީން ޒިދާނަށެވެ. އޭނާ ކޯޗެއްގެ ގޮތުގައި ނުކުތް ހުރިހާ ފައިނަލެއް މިވަނީ ކާމިޔާބުކޮށްފަ އެވެ. އޭގެ ތެރޭގައި ޗެމްޕިއަންސް ލީގު ތިން ފައިނަލާއި ފީފާ ކްލަބް ވޯލްޑް ކަޕުގެ ދެ ފައިނަލާއި ޔުއެފާ ސުޕަ ކަޕް ދެ ފައިނަލް ހިމެނެ އެވެ.

"އަހަރެން ކުޅުންތެރިޔެއްގެ ގޮތުގައި ވަރަށް ގިނަ ކާމިޔާބީތަކެއް ހޯދިން. މިހާރު ކޯޗެއްގެ ގޮތުގައި މި ހޯދަނީ. އެކަމަކު އަހަރެން މަރުހަބާ ކިޔާނީ ކުޅުންތެރިންނަށް. އެވަރަށް މަސައްކަތްކޮށްފިއްޔާ ކޮންމެ ކަމެއް ވެސް ހާސިލްކުރެވޭނެ،" ޒިދާން ބުންޏެވެ.

އާއްމު އުސޫލެއްގެ ގޮތުން ސުޕަ ކަޕުގައި ވާދަކުރާނީ ކުރީ ސީޒަނުގެ ސްޕެނިޝް ލީގު ޗެމްޕިއަނުންނާއި ސްޕެނިޝް ކަޕް ޗެމްޕިއަނުންނެވެ. މި ފަހަރު ގެނައި ބަދަލާ އެކު ލީގުގެ ރަނަރަޕް އާއި ތިން ވަނަ އަށް ވެސް ފުރުސަތު ދީގެން ކުޅުނީ މިނީ މުބާރާތެއްގެ ގޮތުގަ އެވެ. މިދިޔަ ސީޒަނުގެ ލީގު ޗެމްޕިއަން ބާސެލޯނާ ކެޓީ ސެމީ ފައިނަލުން އެތުލެޓިކޯ އަތުން ބަލިވެގެންނެވެ.