ސުއަރޭޒަށް އަނިޔާވުމުން ބާސެލޯނާ އިން ފޯވާޑެއް ހޯދަނީ

ބާސެލޯނާ (ޖެނުއަރީ 13) - ކަކުލަށް ލިބިފައިވާ އަނިޔާގެ ސަބަބުން ބާސެލޯނާގެ ލުއިސް ސުއަރޭޒް ކުޅުމާ ދުރަށް ދާން ޖެހުމުން އެ ޓީމުން މި މަހުގެ ޓްރާންސްފާ މާކެޓްގައި ފޯވާޑެއް ގެންނަން މަސައްކަތް ފަށާފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.


އުމުރުން 32 އަހަރުގެ ސުއަރޭޒް ވަނީ މި ސީޒަނުގައި ބާސެލޯނާ އަށް ކުޅުނު 23 މެޗުން 14 ގޯލު ޖަހައިފަ އެވެ. ސުއަރޭޒްގެ ކަކުލަށް ލިބިފައިވާ އަނިޔާގެ ސަބަބުން އޮޕަރޭޝަން ކުރަން ޑޮކްޓަރު ލަފާދިނުމުން އެކަން އެގޮތަށް ކުރިއަށް ގެންދަން ބާސެލޯނާ އިން ނިންމީ އެވެ. އޮޕަރޭޝަން ކުރުމާ އެކު ސުއަރޭޒަށް އެންމެ އަވަހަށް ކުޅުމަށް އެނބުރި އާދެވޭނީ ހަ ހަފްތާ ފަހުން ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ. އަދި އަނިޔާއިން ރަނގަޅުވުމުގައި ލަސްތަކެއް ދިމާވެއްޖެނަމަ މި ސީޒަނުގައި ދެން ސުއަރޭޒް ނުފެނުމުގެ ބިރު ވެސް އެބައޮތެވެ.

ސުއަރޭޒް އެންމެ ފަހުން ކުޅުނީ ސްޕެނިޝް ސުޕަ ކަޕް ސެމީ ފައިނަލުގައި އެތުލެޓިކޯ މެޑްރިޑް އަތުން 3-2 އިން ބާސެލޯނާ ބަލިވި މެޗުގަ އެވެ. ސުއަރޭޒަށް އަނިޔާވުމުން ބާސެލޯނާގެ ފޯވާޑް ލައިނުގައި ތަޖުރިބާހުރި ސީނިއާ ކުޅުންތެރިންގެ ގޮތުގައި ތިބީ ލިއޮނަލް މެސީ އާއި އެންޓޮއިން ގްރީޒްމަން އެވެ.

ބާސެލޯނާ މި ވަގުތު ސްޕެނިޝް ލީގުގެ އެއް ވަނައިގައި އޮތްއިރު، ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގައި އިޓަލީގެ ނަޕޯލީއާ ބައްދަލުކުރާނެ އެވެ. އެ ދެ މުބާރާތުގައި ރަނގަޅު ނަތީޖާތަކެއް ނެރެން ބާސެލޯނާ އިން އަމާޒުހިފާފައިވާއިރު، އެކަން ކުރުމަށް ހަމައެކަނި މެސީ އާއި ގްރީޒްމަންގެ އިތުރުން ޒުވާން ތަރި އަންސޫ ފާޓީ އާއި އަނިޔާގެ މައްސަލަ ގިނައިން ކުރިމަތިވަމުން އަންނަ އޮސްމާން ޑެމްބެލޭ އަށް ބަރޯސާވެވެން ނެތް ކަމަށްވާ ބާސެލޯނާގެ މެނޭޖްމަންޓުން ގަބޫލުކުރެ އެވެ.

ރިޕޯޓްތައް ބުނާގޮތުން ބާސެލޯނާ އިން ފާރަލަމުން އަންނަ ފޯވާޑުންގެ ތެރޭގައި އިންޓަގެ ލޯން އެއްބަސްވުމެއްގެ ދަށުން ފްލަމެންގޯ އަށް ކުޅެމުން އަންނަ ގަބްރިއެލް ބާބޯސާ (ގަބިގޯލް) އާއި ލިޔޯންގެ ފްރާންސް ފޯވާޑް މޫސާ ޑެމްބެލޭ ހިމެނެ އެވެ. މިއީ އިނގިރޭސި ޕްރިމިއާ ލީގުގެ ޗެލްސީން ވެސް ހޯދަން މަސައްކަތްކުރަމުން އަންނަ ދެ ކުޅުންތެރިންނެވެ.

ބާސެލޯނާގެ ކޯޗު އާނެސްޓޯ ވަލްވޭޑޭގެ މުސްތަގުބަލާ މެދު ސުވާލު އުފެދިފައިވާއިރު، އެ މަގާމާ ހަވާލުވާން ބާސެލޯނާގެ ކުރީގެ މިޑްފީލްޑަރު އަދި ގަތަރުގެ އަލް ސާދުގެ ކޯޗު ޒަވީ ހެނާންޑޭޒް ހުރީ ތައްޔާރަށެވެ. އެކަމަކު ޒަވީ ބޮޑަށް ބޭނުންވަނީ މި ސީޒަނަށް ފަހު އެ މަގާމާ ހަވާލުވާށެވެ. ނޫނީ ވަލްވޭޑޭ އަމިއްލަ އަށް އެ މަގާމުން އިސްތިއުފާ ދީފިނަމަ ވެސް ޒަވީ ޓީމާ ހަވާލުވާން ތައްޔާރުކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.