ވަލްވޭޑޭ ވަކިކޮށް ބާސެލޯނާގެ ކޯޗަކަށް ސެޓިއެން ހަމަޖައްސައިފި

ބާސެލޯނާ (ޖެނުއަރީ 4) - ބާސެލޯނާ އިން ކޯޗު އާނެސްޓޯ ވަލްވޭޑޭ ވަކިކޮށް ރެއާލް ބެޓިސްގެ ކުރީގެ ކޯޗު ކީކޭ ސެޓިއެން އަށް މަގާމް ދީފި އެވެ.


ބާސެލޯނާގެ ބޯޑުން މި ނިންމުން ނިންމީ ހަތަރު ގަޑިއިރަށް ވުރެ ގިނައިރު ކުރި މަޝްވަރާތަކަށް ފަހު އެވެ. މިއީ ބާސެލޯނާ އިން 2003 ގެ ސީޒަނުގެ މެދުތެރެއިން ލުއީ ވެން ހާލް ވަކިކުރި ފަހުން ސީޒަނުގެ މެދުތެރެއިން ކޯޗަކު ވަކި ކުރި ފުރަތަމަ ފަހަރެވެ.

ބާސެލޯނާގެ ކުރީގެ ކުޅުންތެރިޔާ ވަލްވާޑޭ ވަނީ ބާސެލޯނާ އަށް ސްޕެނިޝް ލީގު ދެ ފަހަރު އަދި ސްޕެނިޝް ކަޕް އެއް ފަހަރު ކާމިޔާބުކޮށްދީފަ އެވެ. އަދި މި ވަގުތު އޮތީ ވެސް ތާވަލުގެ އެއް ވަނައިގަ އެވެ. އެކަމަކު އޭނާ މަގާމުން ވަކިކުރީ ޖުމްލަކޮށް ނަތީޖާތައް އެއްވަރެއްގައި ނުހިފެހެއްޓޭތީ އާއި ކުޅުން ދަށްވުމުންނެވެ. އެންމެ ފަހުން ކުޅުނު ފަސް މެޗުގެ ތެރެއިން އެ ޓީމަށް މޮޅެއް ލިބުނީ އެންމެ މެޗަކުންނެވެ. އަދި ސްޕެނިޝް ސުޕަ ކަޕުގެ ސެމީ ފައިނަލުން ދާދި ފަހުން އެތުލެޓިކޯ މެޑްރިޑް އަތުން ބަލިވީ އެވެ.

ބާސެލޯނާގެ އާ ކޯޗު ސެޓިއެން އަށް މިހާތަނަށް ކޯޗިންގައި ތަށްޓެއް ހޯދިފައެއް ނުވެ އެވެ. އެތުލެޓިކޯ މެޑްރިޑާއި ސްޕެއިން ގައުމީ ޓީމުގެ ކުރީގެ ކުޅުންތެރިޔާ ވަނީ 2018 ވަނަ އަހަރު ބެޓިސް ލީގުގެ ހަ ވަނައިގައި ނިންމައިދީ ޔުރޮޕާ ލީގަށް ކޮލިފައިކޮށްދިނެވެ. އެކަމަކު މިދިޔަ ސީޒަނުގައި އެ ޓީމު 10 ވަނައިގައި ނިންމާލުމުން ސީޒަން ނިމުމުން ވަކިވީ އެވެ.

ބާސެލޯނާއާ ދޮޅު އަހަރުގެ އެއްބަސްވުމެއްގެ ދަށުން ހަވާލުވި ސެޓިއެން އަކީ ބާސެލޯނާގެ ޒަމާންވީ ކުޅުމުގެ ސްޓައިލް ކަމަށްވާ ގިނަ ވަގުތު ބޯޅަ ކޮންޓްރޯލްކޮށްގެން ކުޅޭ އެޓޭކިން ސްޓައިލުގެ ކޯޗެކެވެ. އެހެންވެ އޭނާ އެ ޓީމުގެ ރީތި ކުޅުން އަލުން ގެންނާނެ ކަމަށް ތަޖުރިބާކާރުން ބުނެ އެވެ. އެކަމަކު އޭނާ އަށް ދިމާވެދާނެ މައްސަލައަކީ ބާސެލޯނާ ފަދަ ޓީމެއްގައި ނަތީޖާ ނެރެން ކުރިމަތިވާނެ ޕްރެޝަރު ކަމަށް ވެސް ތަޖުރިބާކާރުން ދެކެ އެވެ. އެގޮތުން ރެއާލް މެޑްރިޑް ވިއްދާފައި އޮއްވާ ލީގުގެ އެއް ވަނައިގައި މަގާމް ދެމެހެއްޓުމާއި ޗެމްޕިއަންސް ލީގު ކާމިޔާބުކުރުގެ ޕްރެޝަރު އޮންނާނެ އެވެ.

ވަލްވޭޑޭގެ ބަދަލުގައި ބާސެލޯނާ އިން އެންމެ ފުރަތަމަ ގެންނަން މަސައްކަތްކުރީ ގަތަރުގެ އައް ސާދު އަށް ކޯޗުކޮށްދޭ ކުރީގެ ކުޅުންތެރިޔާ ޒަވީ ހެނާންޑޭޒް އެވެ. އެކަމަކު ޒަވީ ބޮޑަށް ބޭނުންވަނީ މި ސީޒަނަށް ފަހު އެ މަގާމާ ހަވާލުވާށެވެ. ނުވަތަ ވަލްވޭޑޭ އަމިއްލަ އަށް އެ މަގާމުން އިސްތިއުފާ ދީފިނަމަ ހަވާލުވާށެވެ.