އެމްބާޕޭގެ ދެ ގޯލާ އެކު ޕީއެސްޖީން ލީޑުފުޅާކޮށްފި

ޕެރިސް (ޖެނުއަރީ 16) - ކީލިއަން އެމްބާޕޭގެ ދެ ގޯލާ އެކު 4-1 އިން ރަށުން ބޭރުގައި މޮނާކޯ ބަލިކޮށް ޕީއެސްޖީން ފްރެންޗް ލީގުގެ އެއް ވަަނައިގައި ލީޑުފުޅާކޮށްފި އެވެ.


ރޭގެ މެޗުގެ ނަތީޖާއާ އެކު ޕީއެސްޖީ ލީގުގެ އެއް ވަނައިގައި އޮތީ 20 މެޗުން 49 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް މާސޭ އަށް 20 މެޗުން ލިބިފައިވަނީ 41 ޕޮއިންޓެވެ. ތިން ވަނައިގައި ރެނެސް އޮތީ 20 މެޗުން 36 ޕޮއިންޓް ހަމަކޮށްގެންނެވެ.

މޮނާކޯގެ ދަނޑުގައި ކުޅުނު ރޭގެ މެޗުގެ ފުރަތަމަ ހާފުގައި ޕީއެސްޖީން ވަނީ ދެ ގޯލު ޖަހައިފަ އެވެ. އެމްބާޕޭ މެޗުގެ 24 ވަނަ މިނިޓްގައި ޕީއެސްޖީ އަށް ލީޑުނަގައިދިންއިރު، ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ނޭމާ ވަނީ ދެ ވަަނަ ލަނޑެއް ޖަހައިދީފަ އެވެ. ނޭމާ މި ލަނޑު ޖެހީ ލިބުނު ޕެނަލްޓީ އަކުންނެވެ. މި ޕެނަލްޓީ އަކީ ޕީއެސްޖީގެ ލެވިން ކުރްޒާވާ އަށް މޮނާކޯގެ ގިލްކް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ އެކެވެ.

ރޭގެ މެޗުގައި މޮނާކޯގެ ގިނަ ހަމަލާތަކެއް ޕީއެސްޖީގެ ގޯލުގައި ހުރި ކޭލޯ ނަވާސް ވަނީ ހުއްޓުވައިފަ އެވެ. މެޗުގެ 72 ވަނަ މިނިޓްގައި ޕީއެސްޖީގެ ތިން ވަނަ ގޯލު ޖެހީ ޕަބްލޯ ސަރާބިއާ އެވެ. މާކޯ ވެރާޓީ ދިން ބޯޅައަކުން ސަރާބިއާ ޖެހި މި ގޯލު ބަލައިގަންނަން ނިންމީ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް)ގެ އެހީ ހޯދުމަށް ފަހު އެވެ.

މޮނާކޯ އިން މި މެޗުގައި ޖެހި ހަމައެކަނި ގޯލު ކާމިޔާބުކުރީ 87 ވަނަ މިނިޓްގައި ޓިއޭމް ބަކަޔޯކޯ އެވެ. އިތުރު ވަގުތުގައި ޕީއެސްޖީގެ ހަތަރު ވަަނަ ގޯލު ކާމިޔާބުކުރީ އެމްބާޕޭ އެވެ. އޭނާ މި ލަނޑު ޖެހީ ނޭމާ ދިން ބޯޅައަކުންނެވެ.

ޕީއެސްޖީގެ ކޯޗު ތޯމަސް ޓުޗެލް ބުނީ ހުރިހާ ކަމެއް ދިޔައީ ވަރަށް ފުރިހަމަކޮށް ކަމަށާއި ނޭމާ އާއި އެމްބާޕޭ އަދި އެންހެލް ޑިމާރިއާ އަދި މައުރޯ އިކާޑީ އަށް އެކުގައި ކުޅެވޭނެކަން މި މެޗުން ފެނިގެން ގޮސްފި ކަމަށެވެ.

ސްޕެއިންގެ ކުރީގެ ކޯޗު ޖެރާޑް މޮރޭނޯގެ ކޯޗުކަމުގައި ކުޅޭ މޮނާކޯ ރޭގެ މެޗުން ބަލިވުމުން ވަނީ ލީގުގެ ނުވަ ވަނަ އަށް ވެއްޓިފަ އެވެ. މޮނާކޯ އަށް 20 މެޗުން ލިބިފައިވަނީ 29 ޕޮއިންޓެވެ.