ބާސެލޯނާ އަލުން ތާވަލުގެ ކުރިއަށް

ބާސެލޯނާ (ޖެނުއަރީ 20) – އަމިއްލަ ދަނޑުގައި ގްރަނަޑާ 1-0 އިން ބަލިކޮށް އާ ކޯޗު ކުއިކީ ސެޓިއެންގެ ކޯޗުކަމުގައި ކުޅުނު ފުރަތަމަ މެޗުން ފުރަތަމަ މޮޅު ހޯދައި ބާސެލޯނާ އިން ސްޕެނިޝް ލީގުގެ އެއް ވަނަ އަށް އަރައިފި އެވެ.


ބާސެލޯނާ އަށް އެ މަގާމް ގެއްލުނީ ހޮނިހިރު ދުވަހުގެރޭ ސެވިއްޔާ އަތުން 2-1 އިން ރެއާލް މެޑްރިޑް މޮޅުވުމުންނެވެ. ބާސެލޯނާ އަލުން އެ މަގާމަށް އެރީ 43 ޕޮއިންޓާ އެކު އެވެ. ރެއާލް ދެ ވަނައިގައި އޮތީ އެ އަދަދަށް ޕޮއިންޓް ލިބުނު ނަމަވެސް ލަނޑުގެ ތަފާތަކުން ފަހަތުގައި އޮތުމުންނެވެ. ތާވަލުގެ ތިން ވަނައިގައި އޮތީ 35 ޕޮއިންޓާ އެކު އެތުލެޓިކޯ މެޑްރިޑެވެ.

ބާސެލޯނާ އަށް ރޭގެ މެޗުގައި ހަމައެކަނި ލަނޑު 76 ވަނަ މިނެޓުގައި ޖަހައިދިނީ ލިއޮނަލް މެސީ އެވެ. އޭގެ ގާތްގަނޑަކަށް ހަތް މިނެޓު ކުރިން ގްރަނަޑާގެ ޑިފެންޑަރު ޖާމަން ސަންޗޭޒަށް ދެ ވަނަ ރީނދޫ ކާޑާ އެކު ރަތްކާޑެއް ދައްކާފައިވާތީ އެ ޓީމު ކުޅެމުން ދިޔައީ އެކަކު މަދުކޮށެވެ. އޭގެ ކުރިން ގްރަނަޑާ އިން ދިޔައީ ޑިފެންސިވްލީ މޮޅަށް ކުޅެމުންނެވެ.

ރެއާލް ބެޓިސްގެ ކުރީގެ ކޯޗު ސެޓިއެން ފުރަތަމަ ފަހަރަށް ބޮޑު ކްލަބަކާ ހަވާލުވެ ލިބުނު މޮޅާ އެކު ވަރަށް ބޮޑަށް އުފާފާޅުކުރި އެވެ. އޭނާގެ އެންމެ ބޮޑު ޒިންމާއަކީ ނަތީޖާ ނެރުމާ އެއްވަރަށް އެ ޓީމުގެ ކުޅުން ވެސް ރަނގަޅު ކުރުމެވެ. އާނެސްޓޯ ވަލްވާޑޭ ވަކިކުރި އެއް ސަބަބަކީ ވެސް ކުޅުން އެއްވަރެއްގައި ނުހިފެހެއްޓޭތީ އާއި ބާސެލޯނާގެ ސްޓައިލުގެ ކުޅުން ނުފެނުމެވެ. ސެޓިއެން ވަނީ ޓީމުގެ ފަރާތުން އޭނާ ފެންނަން ބޭނުންވި ވަރަށް ގިނަ ކަންކަން ފެނުނު ކަމަށް ބުނެފަ އެވެ.