ލަނޑު ޖެހުމަށް ފަހު ބާންލީ ކުޅުންތެރިން އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ
23 ޖެނުއަރީ 2020 - 08:53
މެންޗެސްޓާ (ޖެނުއަރީ 23) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ބާންލީން 2-0 އިން މެންޗެސްޓާ ޔުނައިޓެޑް ބަލިކުރިއިރު، އަމިއްލަ ދަނޑުގައި 2-1 އިން ނޯވިޗްގެ މައްޗަށް ކުރި ހޯދައި ޓޮޓެންހަމުން މި އަހަރު ލީގުގެ ފުރަތަމަ މޮޅު ހޯދައިފި އެވެ.
ރޭ ލެސްޓާ ސިޓީ ކުޅުނު މެޗުން ވަނީ އަމިއްލަ ދަނޑުގައި 4-1 އިން ވެސްޓް ހޭމް ޔުނައިޓެޑް ބަލިކޮށްފަ އެވެ. މި ނަތީޖާއާ އެކު ލެސްޓާ ތިން ވަނައިގައި އޮތީ 24 މެޗުން 48 ޕޮއިންޓާ އެކު އެވެ. ހަތަރެއްގައި އޮތް ޗެލްސީ އެއްވަރުވުމުގެ ފައިދާ ނަގަން ޔުނައިޓެޑަށް ލިބުނު ފުރުސަތު ނަގާލިއިރު، އެ ޓީމު ފަސް ވަނައިގައި އޮތީ 24 މެޗުން 34 ޕޮއިންޓާ އެކު އެވެ. ޓޮޓެންހަމް ވެސް ވަނީ ރޭގެ މޮޅާ އެކު 34 ޕޮއިންޓް ހަމަކޮށް ހަތަރަކަށް ޖެހިލައިފަ އެވެ.
ޔުނައިޓެޑްގެ އޯލް ޓްރެފޯޑްގައި ބާންލީން ރޭގެ މެޗުގައި މޮޅެއް ހޯދިއިރު މިއީ އެ ޓީމަށް ތާރީހީ ކާމިޔާބެކެވެ. ބާންލީން އެންމެ ފަހުން ލީގުގައި ޔުނައިޓެޑް ދަނޑުގައި މޮޅުވީ 1962 ވަނަ އަހަރު އެވެ. ރޭގެ މެޗުގައި ބާންލީގެ ލަނޑުތައް ޖެހީ ކްރިސް ވުޑް އާއި ޖޭ ރޮޑްރިގޭޒް އެވެ.
މެޗާ ބެހޭގޮތުން ޔުނައިޓެޑްގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ ބުނީ މިއީ މުޅި ސީޒަނަށް ބަލާއިރު ވެސް އޭނާގެ ޓީމުގެ ފަރާތުން ދަށް ކުޅުމެއް ފެނުނު މެޗެއް ކަމަށާއި ރަނގަޅު ކުރަން ޖެހޭ ގިނަ ކަންތައްތަކެއް ފާހަގަވެފައިވާ ކަމަށެވެ.
"ޔުނައިޓެޑް ކަހަލަ ދުނިޔޭގެ އެންމެ މޮޅު ޓީމަށް ކުޅޭއިރު އެބަޖެހޭ ލިބޭ ފުރުސަތުގެ ބޭނުންހިފައި ތަފާތު ދައްކަން. އެ ވިސްނުމުގައި މަސައްކަތްކޮށް މޮޅަށް ކުޅެން އެބަޖެހޭ. އެކަން ކުރަން ކުޅުންތެރިން ކުރާ ހިތްވަރު އަހަންނަށް ފެނޭ،" ސޯލްޝެއާ ބުންޏެވެ.
ލީގުގައި މި އަހަރު ޓޮޓެންހަމުން ފުރަތަމަ މޮޅު ހޯދި މެޗުގައި ރޭ އެ ޓީމަށް ފުރަތަމަ ހާފުގައި ލީޑުނަގައިދިނީ ހޯސޭ މޮރީނިއޯގެ ކޯޗުކަމުގައި ރަނގަޅު ފޯމެއްގައި ހުރި ޑެލެ އަލީ އެވެ. މެޗުގެ 70 ވަނަ މިނިޓްގައި ނޯވިޗްގެ ޓީމޫ ޕޫކީގެ ޕެނަލްޓީން އެ ޓީމު އެއްވަރުކޮށްފައިވަނިކޮށް ޓޮޓެންހަމް މޮޅުކޮށްދިން ލަނޑު ޖެހީ ދެކުނު ކޮރެއާގެ ފޯވާޑް ސޮން ހެއުން މިން އެވެ.
މޮރީނިއޯ ބުނީ އަނިޔާގެ މައްސަލަތަކުގެ ސަބަބުން ޓޮޓެންހަމަށް މިއީ ބަދުނަސީބު ވަގުތުތަކެއް ކަމަށާއި އެހެން ނަމަވެސް ތިބި ކުޅުންތެރިން ކުރާ މަސައްކަތް ފާހަގަކުރާ ކަމަށެވެ.
Copyright © 2021 Mihaaru · Terms and Conditions · Privacy Policy
Share your opinion about "Mihaaru" new website
"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް