ލަންޑަން (ފެބްރުއަރީ 5) - އިންގްލެންޑުގެ މުބާރާތްތަކުގައި ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) ބޭނުންކުރަމުން އަންނަ ގޮތުގެ ސަބަބުން އޭގެ އަސްލު މަގުސަދު އޮޅިފައިވާ ކަމަށް ޓޮޓެންހަމް ހޮޓްސްޕާސްގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ.
އިނގިރޭސި މުބާރާތްތަކުގައި މި ސީޒަނުގައި ވީއޭއާރް ބޭނުންކުރަމުން އަންނަނީ އެހެން ގައުމުތަކާ ތަފާތު ގޮތަކަށެވެ. އެ ގޮތުން ދަނޑު ކައިރީގައި ހުންނަ ވީޑިއޯ މޮނީޓަރު އިނގިރޭސި ރެފްރީން ބޭނުމެއްނުކުރެ އެވެ. އޭގެ ބަދަލުގައި ވީޑިއޯ ބެލުމަށް ފަހު ގިނަ ނިންމުންތައް ނިންމަނީ ވީއޭއާރް ރޫމުގައި ހުންނަ ރެފްރީ އެވެ. މިއީ ގިނަ ކޯޗުންތަކެއް މިހާތަނަށް ކަންބޮޑުވުން ފާޅުކޮށްފައިވާ މައްސަލަ އެކެވެ. ގިނަ ކްލަބްތަކުގެ ކޯޗުންގެ އިތުރުން ފީފާ އިން ވެސް އަންނަނީ ވީޑިއޯ މޮނީޓަރު ބޭނުންކޮށް އެންމެ ފަހު ނިންމުން ނިންމުމުގެ އިހުތިޔާރު ދަނޑުމަތީގައި ހުންނަ ރެފްރީ އަށް އޮންނަން ޖެހޭނެ ކަމަށް ބުނެފަ އެވެ.
ތަޖުރިބާކާރު ކޯޗު މޮރީނިއޯ ބުނީ އިންގްލެންޑްގައި އޮތީ ވީއޭއާރް ނޫން ކަމަށާއި މިހާރު އޮތީ ވީޑިއޯ ރެފްރީ ސިސްޓަމެއް ކަމަށެވެ.
"ދަނޑުމަތީގައި ހުންނަ ރެފްރީ އަށް ދަނޑު ކައިރީގައި ހުންނަ މޮނީޓަރުން ބަލައިގެން ނިންމުމެއް ނިންމުމުގެ އިހުތިޔާރެއް ނޯވޭ. ގޮތެއް މި ނިންމަނީ މަތީގައި ކޮޓަރީގައި އިންނަ ރެފްރީ އެއް. މި ގޮތަށް ބަލާނަމަ މި ކަމަށް ވީއޭއާރް އެއް ނޫން ކިޔަންވީ ވީއާރް (ވީޑިއޯ ރެފްރީ) ކިޔަންވީ،" އެފްއޭ ކަޕް ރީޕްލޭގައި ސައުތެމްޓަންއާ ދެކޮޅަށް މިރޭ ކުޅޭ މެޗުގެ ކުރިން މޮރީނިއޯ ބުންޏެވެ.
"މި ދަނޑިވަޅަށް ބަލާއިރު ދަނޑުމަތީގެ އެންމެ މުހިއްމު ނިންމުންތައް މި ނިންމަނީ ދަނޑުމަތީގައި ހުރިހާ ކަމެއް ފެންނަ ރެފްރީއެއް ނޫން. ވީޑިއޯ ރެފްރީ ނިންމާ ގޯސް ނިންމުންތަކެއް އަސަރު މެޗަށް ކޮށްގެނެއް ނުވާނެ. ވީއޭއާރްގެ މަގުސަދު އޮޅޭ ގޮތަށް އޮވެގެނެއް ނުވާނެ. މިހާރު ކަންތައް ވަނީ އެގޮތަށް."
ވީއޭއާރާ މެދު މޮރީނިއޯ ހިތްހަމަނުޖެހުނީ އިނގިރޭސި ޕްރިމިއާ ލީގުގައި މިދިޔަ އާދިއްތަ ދުވަހު މެންޗެސްޓާ ސިޓީ އަތުން 2-0 އިން މޮޅުވި މެޗުގައި ހިނގާދިޔަ ކަންތައްތަކެއްގެ ސަބަބުންނެވެ. ތަކުރާރުކޮށް ސިޓީގެ ރަހީމް ސްޓާލިން ފައުލުކުރަމުންދިޔައިރު އޭނާ އަށް ދެ ވަނަ ރީނދޫ ކާޑެއް ނުދެއްކި ސަބަބެއް ރެފްރީންނަށް ބުނެނުދެވުނީތީ އެ މެޗަށް ފަހު މޮރީނިއޯ ވަނީ ހިތްހަމަ ނުޖެހުން ފާޅުކޮށްފަ އެވެ.
މޮރީނިއޯ ވަނީ އެ މެޗުގެ މެދުތެރެއިން ހަތަރު ވަނަ އޮފިޝަލު ކައިރީގައި އެޕީލްކުރެވުނު ގޮތް އެންމެ ރަނގަޅު ނޫން ކަމަށް ބުނެފަ އެވެ. އަދި އެ ވަގުތު އެގޮތަށް ކަންތައްތައް ކުރެވުނީ މެޗުގެ އޮއެވަރު ދިޔަގޮތުން ކަމަށާއި އެއީ ހުރިހާ މަންޒަރެއް ފެންނަން ހުރެ ރަނގަޅު ގޮތަށް ކަންތައްތައް ނުވާނަމަ ކޮންމެ މީހެއް ވެސް ހިތްހަމަނުޖެހޭނެ ކަމަށް ބުންޏެވެ.
Copyright © 2021 Mihaaru · Terms and Conditions · Privacy Policy
Share your opinion about "Mihaaru" new website
"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް
ކޮމެންޓްތައް
ބާބާ
05 February 2020
ތީހަމަ ރަގަޅުވާހަކައެއް. އެމެޗުގަ ޕެނެލްޓީލިބޭ ވަރު ފައުލްއަކަށް ސިޓީ ކުޅުންތެރިން އެޕީލް ކުރީމަ ރެފިރީ ބުނީ ނޯފައުލް ޕްލޭ އޮންކަމަށް. ގަތްގަޑަކަށް ތިންމެނެޓް ހިގިފަހުން ހެޑްފޯން އަޑުއަހަން ހުރެފަ އިޝާރާތުން ޓީވީ މޮނީޓަރު ދައްކާލާދަ ރެފުރީ އިގިލިދިއްކޮށް ފުމެލީ ސިޓީގެ ޕެނެލްޓީއަކަށް. ވީއޭއާރު އެހުރިހާ ވަގުތެއް ނެގީ އެއީ ޕެނަލްޓީއެއްތޯބަލަން. ސުވަލަކީ އެދިޔަ ވަގުތުކޮޅުގައި ޓޮޓެންހަމު ލަނޑެއް ޖަހައިފިއްޔާ ދެންވާނީ ކިހިނެއްހޭ؟
ބާބޫ
05 February 2020
ވަރަށް ފަސޭހަ ދޯ..! އެ ގޯލު ކެންސަލް ކުރާނި..!