އާ ކޮންޓްރެކްޓާ އެކު ސުއަރޭޒަށް 14 މިލިއަން ޑޮލަރު

ބާސެލޯނާ (އޮކްޓޫބަރު 6) - ބާސެލޯނާ އަށް ކުޅޭ އުރުގުއޭގެ ފޯވާޑް ލުއިސް ސުއަރޭޒް އެ ކްލަބާ އެކު ހަދާފައިވާ ކޮންޓްރެކްޓް ބޮޑު މުސާރައަކާ އެކު އާ ކުރަން އެއްބަސްވެފައިވާ ކަމަށް ރިޕޯޓްތައް ބުނެފަ އެވެ.


ސުއަރޭޒް ބާސެލޯނާއާ އެކު މިހާރު ހަދާފައި އޮތް ކޮންޓްރެކްޓް 2019 އަށް ހަމަވާނެ އެވެ. ބާސެލޯނާ އިން ހުށަހެޅި އާ ކޮންޓްރެކްޓްގެ މުއްދަތު ހަމަވާނީ 2021 ވަނަ އަހަރު އެވެ.

މި އެއްބަސްވުމުގައި ސޮއިކޮށްފިނަމަ ސުއަރޭޒަށް އަހަރަކު މުސާރައިގެ ގޮތުގައި 14.1 މިލިއަން ޑޮލަރު ލިބޭނެ އެވެ. އެއީ މިހާރު ލިބޭ އާމްދަނީ އަށް ބަލާއިރު ފަސް މިލިއަން އަގުބޮޑު އަދަދެކެވެ. މި އެއްބަސްވުމާ އެކު ސުުއަރޭޒަށް ނޭމާއާ އެއްވަރުގެ މުސާރައެއް ލިބޭނެ އެވެ.

ބާސެލޯނާގެ ރައީސް ޖޯސެފް ބާޓޮމެއު ވިދާޅުވީ ޓީމުގެ މުހިއްމު ކުޅުންތެރިންގެ އެއްބަސްވުން އާ ކުރުމަށް މަޝްވަރާ ކުރަމުން އަންނަ ކަމަށާއި ކުރިއަށް އޮތް ހަތަރު މަސް ދުވަހުގެ ތެރޭގައި ގިނަ ކުޅުންތެރިންތަކެއް ކްލަބާ އެކު ދިގު މުއްދަތަކަށް ކޮންޓްރެކްޓް ހަދާނެ ކަމަށެވެ.

ލިވަޕޫލް ދޫކޮށް 2014 ވަނަ އަހަރު 80 މިލިއަން ޔޫރޯ އަށް ބާސެލޯނާ އަށް ބަދަލުވުމަށް ފަހު ސުއަރޭޒް އަންނަނީ އެ ޓީމަށް މޮޅު ކުޅުމެއް ދައްކަމުންނެވެ. އޭނާ ވަނީ މިހާތަނަށް އެ ޓީމަށް ކުޅެދިން 104 މެޗުން 92 ލަނޑު ކާމިޔާބު ކޮށްފަ އެވެ.

ސުއަރޭޒްގެ އިތުރުން ބާސެލޯނާ އިން ކޮންޓްރެކްޓް އާ ކުރަން މަޝްވަރާ ކުރަމުން އަންނަ ކުޅުންތެރިންގެ ތެރޭގައި ސާޖީ ރޮބާޓޯ، އިވާން ރަކިޓިޗް، ނޭމާ އަދި ލިއޮނަލް މެސީ ހިމެނެ އެވެ.