ލާޒިއޯ ފުރުސަތު ނަގާލައިފި

ރޯމް (ފެބްރުއަރީ 6) – އިޓާލިއަން ލީގުގައި ޗެމްޕިއަންކަމަށް ވާދަކުރަމުން އަންނަ އެއް ޓީމު ކަމަށްވާ ލާޒިއޯ އިން ރޭ ހެލަސް ވެރޯނާއާ 0-0 އިން އެއްވަރުވުމުން، ތާވަލުގެ ދެ ވަނަ އަށް އަރަން ލިބުނު ފުރުސަތު ގެއްލިއްޖެ އެވެ.


މި މެޗަކީ މިދިޔަ ޑިސެމްބަރު މަހު ކުޅެން އޮތް މެޗެކެވެ. އެކަމަކު އިޓާލިއަން ސުޕަ ކަޕުގައި ޔުވެންޓަސްއާ ދެކޮޅަށް ލާޒިއޯ ކުޅެން އޮތުމުން މެޗު ފަސްކުރީ އެވެ. ލާޒިއޯ މިހާރު އޮތީ 50 ޕޮއިންޓާ އެކު ތާވަލުގެ ތިން ވަނައިގަ އެވެ. އެ ޓީމު ރޭ މޮޅުވި ނަމަ ތާވަލުގެ ދެ ވަނަ އަށް އެރުނީހެވެ. ތާވަލުގެ ދެ ވަނައިގައި އޮތީ 51 ޕޮއިންޓާ އެކު އިންޓަ މިލާނެވެ. އަދި އެއް ވަނައިގައި 54 ޕޮއިންޓާ އެކު އޮތީ ޔުވެންޓަސް އެވެ.

މި މެޗާ އެކު އެ ޓީމު ވަނީ ބަލިނުވެ 17 މެޗު ފުރިހަމަކޮށް، ސްވެން-ގޯރަން އެރިކްސަންގެ ކޯޗުކަމުގައި 1999 ވަނަ އަހަރު ހެދި ރެކޯޑާ އެއްވަރުކޮށްފަ އެވެ. މިހާރުގެ ކޯޗު ސިމޯނީ އިންޒާގީ އަކީ އޭރު ކުޅުނު ކުޅުންތެރިޔެކެވެ.

އިންޒާގީ ބުނީ މޮޅުނުވިޔަސް، ރޭގެ މެޗުގައި އެ ޓީމުން 27 ހަމަލާ ގޯލަށް ފޮނުވާލި ކަމަށާއި އޭގެ ތެރެއިން ދެ ބޯޅަ ދަނޑިއަށް އަމާޒުކުރި ކަމަށެވެ. އޭނާ ބުނީ މޮޅުވުން ވަރަށް މުހިއްމު ކަމަށާއި އެއާ އެކު މޮޅަށް ކުޅުން ވެސް އެހާމެ މުހިއްމު ކަމަށެވެ. އެހެންވެ ކުޅުންތެރިންނަށް ތައުރީފްކުރާ ކަމަށް އިންޒާގީ ބުންޏެވެ.