އިންގްލެންޑްގެ ޓްރާންސްފާ މާކެޓްގެ މުއްދަތަށް ބަދަލެއް

ލަންޑަން (ފެބްރުއަރީ 7) - އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބްތަކުގެ ވޯޓާ އެކު، ސީޒަންގެ ފެށުމުގެ ކުރިން އޮންނަ ހޫނު މޫސުމުގެ ޓްރާންސްފާ މާކެޓްގެ މުއްދަތަށް ބަދަލު ގެންނަން ނިންމައިފި އެވެ.


މި ސީޒަނުގައި އިނގިރޭސި ކްލަބްތަކަށް ޔޫރަޕްގެ އެހެން ގިނަ ގައުމުތަކަށް ވުރެ ކުރިން ޓްރާންސްފާ މާކެޓް ބަންދުވި އެވެ. އެއީ ސީޒަން ފަށާ ދުވަހުގެ ކުރިންނެވެ. އެކަމަކު ޔޫރަޕްގެ އެހެން ގައުމުތަކަށް ސެޕްޓެމްބަރު މަހުގެ އެއް ވަނަ ދުވަހާ ހަމައަށް ޓްރާންސްފާ މާކެޓް ހުޅުވިފައި އޮންނާތީ އޭގެ ސަބަބުން އިނގިރޭސި ކްލަބްތަކަށް ގިނަ ގޮންޖެހުންތައް ކުރިމަތިވެ އެވެ.

އެއީ ޕްރިމިއާ ލީގުގެ ކްލަބްތަކުގެ ކުޅުންތެރިން ހޯދަން ޔޫރަޕްގެ އެހެން ކްލަބްތަކުން މަސައްކަތްކުރާއިރު، އެ ކުޅުންތެރިން ދޫކޮށްލައި ބަދަލުގައި އެހެން ކުޅުންތެރިޔަކު ގެނެވޭނެ ގޮތެއް ނެތުމުންނެވެ. އެ މައްސަލަތަކަށް ހައްލެއް ހޯދުމުގެ ގޮތުން އިނގިރޭސި އެފްއޭ އިން ޕްރިމިއާ ލީގުގެ ކްލަބްތަކާ އެކު ބޭއްވި ބައްދަލުވުމުގައި ކުރިއަށްދިޔަ ވޯޓުގައި ހުރިހާ ކްލަބެއްގެ އިއްތިފާގުން ފާސްވީ ކުރިން އޮތް ގޮތަށް ޔޫރަޕުގެ އެހެން ގައުމުތަކާ އެއް މުއްދަތަކަށް އިންގްލެންޑްގައި ވެސް ޓްރާންސްފާ މާކެޓް ކުރިއަށް ގެންދާށެވެ.

ރިޕޯޓްތައް ބުނާގޮތުން އިންގްލެންޑުން މީގެ އެއް އަހަރު ކުރިން ޓްރާންސްފާ މުއްދަތު އަވަސްކުރީ ޔޫރަޕްގެ އެހެން ގައުމުތަކުން ވެސް އެ ގޮތަށް އަމަލުކުރާނެ ކަމަށް ހީކޮށެވެ. އެކަމަކު އެ ގޮތަށް އެކަން ނުވުމުން އިންގްލެންޑަށް ވެސް މަޖުބޫރުވީ ޔޫރަޕްގެ ގިނަ ގައުމުތަކުގައި ޓްރާންސްފާ މާކެޓް އޮންނަ ގޮތަށް ބަދަލުކުރާށެވެ.

ފަހަކަށް އައިސް ޓްރާންސްފާ މާކެޓްތަކުގައި އެންމެ ބޮޑު ހަރަދެއްކުރަނީ އިނގިރޭސި ކްލަބްތަކުންނެވެ. އިނގިރޭސި ކްލަބްތަކަށް ބޮޑު ހޭދައެއްކުރުމަށް ބަޖެޓް ލިބެނީ ޓީވީ ރައިޓްސް ވިއްކައިގެން އިނގިރޭސި ކްލަބްތަކަށް ލިބޭ އާމްދަނީ އެހެން ލީގުތަކުގެ ޓީމުތަކަށް ވުރެ އެތައް ގުނައެއް އިތުރުވުމުންނެވެ. އެގޮތުން ކޮންމެ ޓްރާންސްފާ މާކެޓެއްގައި ވެސް އެކި ކްލަބްތަކުން އަންނަނީ ޓްރާންސްފާ އަށް ކުރާ ހަރަދުގެ ރެކޯޑްތައް އާ ކުރަމުންނެވެ.