ބޮޑެތި ކްލަބްތަކުން މެސީ އަށް ފާރަލަނީ: ރިޕޯޓް

ބާސެލޯނާ (ފެބްރުއަރީ 7) - ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީއާ އެ ކްލަބްގެ މެނޭޖްމަންޓާ ދެމެދު މައްސަލަތަކެއް އުފެދިފައިވާ ކަމަށް ބުނެ މީޑިއާގައި އަޑުފެތުރެންފެށުމާ އެކު އޭނާ ހޯދަން އެކި ކްލަބްތަކުން މަސައްކަތް ފަށައިފި އެވެ.


އިޓަލީގެ މީޑިއާ އިން ރިޕޯޓްކުރާގޮތުގައި އުމުރުން 32 އަހަރުގެ މެސީ ގެންދަން ޝައުގުވެރިވާނެ ފަސް ކްލަބެއް އެބައޮތެވެ. އެއީ ޔުވެންޓަސް އާއި އިންޓަ މިލާން އަދި މެންޗެސްޓާ ސިޓީ އާއި މެންޗެސްޓާ ޔުނައިޓެޑްގެ އިތުރުން ޕީއެސްޖީ އެވެ.

މެސީއާ މައްސަލަ ޖެހުނީ ސްޕޯޓިން ޑިރެކްޓަރު އެރިކް އަބިދާލްއާ އެވެ. މެސީއާ އެކު ކުރިން ބާސެލޯނާ އަށް ކުޅުނު އަބިދާލާ މެދު މެސީ ހިތްހަމަނުޖެހުނީ އެ ޓީމުގެ ކުރީގެ ކޯޗު އާނެސްޓޯ ވަލްވޭޑޭ މަގާމުން ވަކިކުރުމުގައި ކުޅުންތެރިންގެ ޒިންމާ ވެސް އެބައޮތް ކަމަށާއި ބައެއް ކުޅުންތެރިން ވަލްވޭޑޭގެ ކޯޗުކަމުގައި އެކަށީގެންވާ ވަރަށް މަސައްކަތް ނުކުރާ ކަމަށް ބުނެ އަބިދާލް އިންޓަވިއުއެއް ދިނުމުންނެވެ. އެ މައްސަލަ ގޯސްވި ނަމަވެސް ބާސެލޯނާ ބޯޑުން ނިންމާފައިވަނީ އަބިދާލް މަގާމުގައި ބަހައްޓާށެވެ.

ބާސެލޯނާގެ ކެޕްޓަން އެ ކްލަބާ އެކު އެންމެ ފަހުން ހެދި ކޮންޓްރެކްޓް ހަމަވާނީ 2021 ގަ އެވެ. މި ކޮންޓްރެކްޓުގެ ދަށުން އޭނާ އަށް މި ސީޒަން ނިމުމުން އެހެން ކްލަބަކަށް ބަދަލުމުގެ ފުރުސަތު ލިބެ އެވެ. އެކަމަކު މެސީއާ އެކު އާ އެއްބަސްވުމެއްގައި ސޮއިކުރަން މަޝްވަރާކުރަމުން އަންނަ ކަމަށް ބާސެލޯނާގެ ސްޕޯޓިން ޑިރެކްޓަރު އެރިކް އަބިދާލް ވަނީ މިދިޔަ މަހުގައި ބުނެފަ އެވެ. އެކަމަކު މިހާރު އޮތްގޮތުން މެސީ ކްލަބާ އެކު އިތުރު ކޮންޓްރެކްޓެއްގައި ސޮއިކުރުމުގެ ފުރުސަތު ކުޑަ އެވެ.

އިނގިރޭސި މީޑިއާއެއް ކަމަށްވާ ދި ސަން އިން ރިޕޯޓްކުރާގޮތުގައި ޔުނައިޓެޑާއި ސިޓީން މެސީ ގެންނަން ވަރަށް ބޮޑަށް ޝައުގުވެރިވެ އެވެ. އެކަމަކު އެ ޑީލް އެއްވެސް ގޮތަކަށް ކުރިއަށްދާން އޮތީ މެސީ އެ ގޮތަށް ރުހޭނަމަ އެވެ.

ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާއާ ނޫސްވެރިންގެ ފަރާތުން ތަކުރާރުކޮށް އަމާޒުވާ އެއް ސުވާލަކީ ސިޓީން މެސީ އަށް އެއްވެސް އިރެއްގައި ބިޑްކުރުމުގެ ފުރުސަތެއް އެބައޮތްތޯ އެވެ. ނުސީދާ ގޮތަށް އެ ސުވާލަށް ގާޑިއޯލާ ދެމުން އައި ޖަވާބަކީ މެސީއާ އެކު މަސައްކަތްކުރުމަކީ މިހާތަނަށް އޭނާ އަށް ކުރެވުނު އެންމެ ރަނގަޅު އެއް ތަޖުރިބާ ކަމަށާއި އެ ފަދަ ފުރުސަތެއް މުސްތަގުބަލުގައި ލިބުމަށް އެދޭނެ ކަމަށެވެ.

ރިޕޯޓްތައް ބުނާގޮތުން ސިޓީގެ ޗެއާމަން ހަލްދޫން އަލް މުބާރާކް ވަނީ މެސީ، ބާސެލޯނާ ދޫކޮށްލާނަމަ ސިޓީން އޭނާ ހޯދުމުގެ ރޭހުގައި ވަރަށް ބުރަކޮށް މަސައްކަތްކުރާނެ ކަމަށް މީގެ ކުރިން ވިދާޅުވެފަ އެވެ. އެ ގޮތުން ސިޓީގެ ޑިރެކްޓާ އޮފް ފުޓްބޯލް އަދި ބާސެލޯނާގެ ކުރީގެ ޑިރެކްޓަރު ޓިކްސީ ބެގިރިސްޓެއިން ގާތުގައި މެސީ ލިބޭނެ ގޮތެއް އޮތްތޯ ކޮންމެ ޓްރާންސްފާ މާކެޓެއްގައި އޮޅުންފިލުވާ ކަމަށް ހަލްދޫން ވަނީ ވިދާޅުވެފަ އެވެ.

މެސީ ވަނީ ކެރިއަރު ނިންމާލުމުގެ ކުރިން އާޖެންޓީނާގެ ނެވްލްސް އޯލްޑް ބޯއީސް އަށް ކުޅެން ބޭނުންވާ ކަމަށް ބުނެފަ އެވެ. މެސީ 1994-2000 އަށް ކުޅުނު ޔޫތު ލެވެލްގައި ކުޅުނު އެ ޓީމަކީ މެސީ އަށް ފުޓްބޯޅައިން އެންމެ ފުރަތަމަ ތަމްރީންދިން އެކަޑަމީ ވެސް މެ އެވެ.