ކަކާގެ މިސްރާބު ފުޓްބޯޅަ ހިންގުމުގެ ދާއިރާ އަށް

ޕެރިސް (ފެބްރުއަރީ 8) - ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު ހޯދާފައިވާ ބްރެޒިލާއި އޭސީ މިލާނުގެ ކުރީގެ މިޑްފީލްޑަރު ކަކާ ފުޓްބޯޅައިގެ ހިންގުމުގެ ދާއިރާ އިން ވަރަށް އަވަހަށް ފެނިދާނެ ކަމަށް ބުނެފި އެވެ.


ކަކާ ވަނީ ދާދި ފަހުން ޔޫރަޕްގެ މައި ފުޓްބޯޅަ އިދާރާ ޔުއޭފާ އިން ކުރީގެ ކުޅުންތެރިންނަށް ހާއްސަކޮށްގެން ބޭއްވި ކޯހެއްގައި ބައިވެރިވެފަ އެވެ. މި ކޯހަކީ ޔުއެފާ އިން ކުރީގެ ކުޅުންތެރިންނަށް ފުޓްބޯޅައިގެ އެޑްމިނިސްޓްރޭޝަން އާއި މެނޭޖްމަންޓްގެ ކަންތައްތައް ދަސްކޮށްދޭ ކޯހެކެވެ. މި ކޯޗުގައި މި ފަހަރު ކަކާގެ އިތުރުން ޗެލްސީ އާއި އައިވަރީ ކޯސްޓުގެ ލެޖެންޑް ޑިޑިއޭ ޑްރޮގްބާ އަދި ފްރާންސް އާއި ޗެލްސީގެ މިޑްފީލްޑަރު ފްލޮރެންޓް މަލޫޑާ ވެސް ބައިވެރިވި އެވެ.

ފްރާންސް ފުޓްބޯލްގެ ބެލޮންޑިއޯ އެވޯޑް 2007 ވަނަ އަހަރު ހޯދި ކަކާ ފުޓްބޯޅަ ކުޅުން ހުއްޓާލީ 2017 ވަނަ އަހަރުގެ ޑިސެމްބަރު މަހު އެވެ. އުމުރުން 37 އަހަރުގެ ކަކާ އަށް އޭރު އޭނާގެ ކުރީގެ ކްލަބް އޭސީ މިލާނުން މަގާމެއް ހުށަހެޅި ނަަމަވެސް އޭރު އެ ކަހަލަ މަގާމަކަށް ދިއުމުގެ ޝައުގުވެރިކަން ކަކާގެ ހިތުގައި ނެތީ ކަމާ ބެހޭ ތަޖުރިބާ އެކަށީގެންވާ ވަރަށް ލިބިފައިނެތުމުންނެވެ.

މިލާނުގެ މެޗެއްގެ ތެރެއިން ކަކާ ލަނޑެއް ޖެހުމަށް ފަހު އުފާފާޅުކުރަނީ. -- ފޮޓޯ: އޭއެފްޕީ

ޔުއެފާގެ ކޯހުގައި ބައިވެރިވުމަށް ފަހު ކަކާ މިހާރު ހުރީ ރަނގަޅު ހުށަހެޅުމެއް ލިބިއްޖެނަމަ ފުޓްބޯޅައިގެ މެނޭޖްމަންޓް ދާއިރާގެ މަގާމަކަށް ދާން ތައްޔާރަށެވެ. ކަކާ ވަނީ މިލާނުގެ ޓެކްނިކަލް ޑިރެކްޓަރު ޕައޮލޯ މަލްޑިނީ އާއި ޕީއެސްޖީގެ ޑިރެކްޓަރު ލެއޮނާޑޯ އަދި މިލާނުގެ ފުޓްބޯލް ޗީފް ވޮނިމިރް ބޮބާންގެ އެހީތެރިކަން ހޯދަމުން އަންނަ ކަމަށް ބުނެފަ އެވެ.

"ބޮބާން އާއި މަލްޑިނީ ވަރަށް ބޮޑަށް އެހީތެރިކަން އެބަ ފޯރުކޮށްދޭ. ދެން ލެއޮނާޑޯ އަކީ އަހަރެންގެ ވަރަށް ގާތް މީހެއް. އޭނާ ވެސް ފުޓްބޯޅައިގައި އަހަންނަށް ކުރެވިދާނެ ކަންތައްތަކާ ބެހޭގޮތުން އަބަދުވެސް ވާހަކަ ދައްކާ. އަހަރެން ދެކޭގޮތުގައި މިއީ ފުޓްބޯޅައިގައި އަހަރެން އާ ސޮފުހާއެއް ލިޔަންވީ ވަގުތު. ބޮޑަށް މި ވިސްނަނީ ކުރިއަށްދާނެ ރޯލަކާ މެދު،" ކުރިން ރެއާލް މެޑްރިޑަށް ވެސް ކުޅުނު ކަކާ ބުންޏެވެ.

ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް މިޑްފީލްޑަރު ބުނީ ސްޕޯޓިން ޑިރެކްޓަރުގެ މަގާމަކީ އޭނާގެ އެންމެ ބޮޑަށް ޝައުގުވެރިވާ މަގާމު ކަމަށެވެ. ފަހުގެ ފުޓްބޯޅަ މޮޑިއުލަށް ބަލާއިރު ކްލަބްތަކަށް ކުޅުންތެރިން ހޯދުމުގައި ސްކައުޓު ކުރުމާއި އެ ކަހަލަ މުހިއްމު ނިންމުންތަކުގައި އިސް ރޯލެއް އަދާކުރަނީ ސްޕޯޓިން ޑިރެކްޓަރެވެ. ކުރިން ފުޓްބޯޅައިގައި އުޅުނު ގިނަ ކުޅުންތެރިން މިހާރު އަންނަނީ ސްޕޯޓިން ޑިރެކްޓަރުންގެ ގޮތުގައި މަސައްކަތްކުރަމުންނެވެ.