ކަރަންޓީނު ކޮށްފާނެތީ އިގާލޯ އިންގްލެންޑްގައި މަޑުކޮށްފި

މެންޗެސްޓާ (ފެބްރުއަރީ 9) - މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަސްގެ ސަބަބުން، އިންގްލެންޑުން ބޭރަށް ގޮސްފިނަމަ އަލުން އެ ގައުމަށް އެތެރުވުމުގައި މައްސަލަތަކެއް ކުރިމަތިވެދާނެތީ މެންޗެސްޓާ ޔުނައިޓެޑަށް ދާދި ފަހުން ސޮއިކުރި ނައިޖީރިއާގެ ފޯވާޑް އޮޑިއޯން އިގާލޯ އެ އެ ގައުމުގައި މަޑުކޮށްފި އެވެ.


ޗައިނާގެ ޝަންހާއީ ޝެންހުއާ އަށް ކުރިން ކުޅުނު އިގާލޯ ޔުނައިޓެޑަށް ބަދަލުވީ މިދިޔަ މަހުގެ 31 ވަނަ ދުވަހު އެވެ. ޗައިނާގައި މިދިޔަ މަހުން ފެށިގެން ފެތުރި މިހާރު ދުނިޔޭގެ އެކި ގައުމުތަކުން ވެސް ފެނިފައިވާ ކޮރޯނާ ވައިރަހުގެ މައްސަލައިގައި ޗައިނާގައި އުޅުނު މީހުން އެކި ގައުމުތަކަށް އެތެރެވުމުގައި ދަތިތަކެއް އަންނަނީ ކުރިމަތިވަމުންނެވެ.

ފިނި މޫސުމުގެ ބްރޭކުގައި ޔުނައިޓެޑުން ސްޕެއިނަށް ޓްރެއިނިން ކޭމްޕެއްގައި ގޮސްފައިވާއިރު އިގާލޯ ވަނީ މަޑުކޮށްފަ އެވެ. އެއީ ސްޕެއިނަށް ދިއުމަށް ފަހު އަލުން އިންގްލެންޑަށް އެތެރެވުމުގައި މައްސަލަތަކެއް ދިމާވެ، އޭނާ ކަރަންޓީނުކޮށްފާނެތީ އެވެ.

ޔުނައިޓެޑުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ފާއިތުވި 14 ދުވަސްތެރޭ ޗައިނާގައި އުޅެފައިވާ މީހަކަށް އަލުން އިންގްލެންޑަށް އެތެރެވުމުގައި ދަތިތަކެއް ދިމާވުމުގެ ފުރުސަތު އެބައޮތް ކަމަށާއި އެ ސަބަބަށްޓަކައި އިގާލޯ ޔުނައިޓެޑް ޓީމާ އެކު ސްޕެއިނަށް ނުދާނެ ކަމަށެވެ.

"ޔަގީންކަމަކީ އިގާލޯ ބޭނުންވޭ އަހަރެމެންނާ އެކު ސްޕެއިނަށް އަންނަން. އެކަމަކު މީގައި ސަމާލުވާން ޖެހޭ ކަންތައްތަކެއް ހުރީމާ އެންމެ މުހިއްމު ކަމަކީ އިގާލޯ އިންގްލެންޑްގައި މަޑުކުރުން. އެހެންވެ އެގޮތަށް އޭނާ ވެސް ރުހޭތީ މަޑުކުރުވީ. ދެން އިގާލޯގެ ޓްރެއިނިން ވަކި ބައެއްގެ އެހީތެރިކަމާ އެކީ ކުރިއަށްދާނެ،" ޔުނައިޓެޑްގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ ބުންޏެވެ.

ސްޕެއިންގެ ޓްރެއިނިން ކޭމްޕްގައި ބައިވެރިވުމަށް އިގާލޯ ޔުނައިޓެޑް ޓީމާ އެކު ދަތުރުކުރިނަމަ އަލުން އިންގްލެންޑަށް އެތެރެވުމުގައި ހުރަސްތަކެއް ކުރިމަތިވުމުގެ ފުރުސަތު އެބައޮތެވެ. އަދި އިގާލޯ އަލުން އެނބުރި އިންގްލެންޑަށް އައުމުން އޭނާ ކަރަންޓީނުކޮށްފިނަމަ އަންނަ ހަފްތާގައި އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީއާ ދެކޮޅަށް ޔުނައިޓެޑް ކުޅޭ މެޗު އޭނާ އަށް ގެއްލުމުގެ ފުރުސަތު އޮންނާނެ އެވެ.

ލޯން އެއްބަސްވުމެއްގެ ދަށުން އުމުރުން 30 އަހަރުގެ އިގާލޯ ޔުނައިޓެޑަށް ގެނައީ އެ ޓީމުގެ ފޯވާޑް ލައިނަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލެއް ހޯދުމުގެ ގޮތުންނެވެ. އެއީ މި ވަގުތު ޔުނައިޓެޑްގެ ފޯވާޑް މާކަސް ރެޝްފޯޑް އަނިޔާގައި ހުރިއިރު އެންތަނީ މާޝިއަލް އަށް ވެސް ފަހަކަށް އައިސް ކުޅުނު މެޗުތަކުގައި ރަނގަޅު ކުޅުމެއް ނުދެއްކޭތީ އެވެ.