ޔުވެންޓަސް ބަލިވިޔަސް ރޮނާލްޑޯ ރެކޯޑް ހަދައިފި

ވެރޯނާ (ފެބްރުއަރީ 9) – ޖެހިޖެހިގެން 10 މެޗުގައި ލަނޑު ޖަހައި ކްރިސްޓިއާނޯ ރޮނާލްޑޯ ކްލަބް ރެކޯޑެއް ގާއިމްކުރި މެޗުން ހެލަސް ވެރޯނާ އަތުން 2-1 އިން ބަލިވެ ޔުވެންޓަސް އަށް އިޓާލިއަން ލީގު ދިފާއުކުރުމުގެ މަސައްކަތުގައި އަނެއްކާ ވެސް ކުޑަ މަޑުޖެހިލުމެއް އަތުވެއްޖެ އެވެ.


ޔުވެންޓަސް އަދިވެސް އޮތީ، 54 ޕޮއިންޓާ އެކު އެއް ވަނައިގަ އެވެ. އެކަމަކު ދެ ވަނައިގައި 51 ޕޮއިންޓާ އެކު އޮތް އިންޓަ މިލާނުން މިރޭ އޭސީ މިލާން އަތުން މޮޅުވެގެން އެއް ވަނަ އަށް އެރޭނެ އެވެ. މާނައަކީ އިންޓަ މިދޭތެރެއިން ޕޮއިންޓްތަކެއް ގެއްލުވާލުމުން ޔުވެންޓަސް އަށް ލިބުނު ފައިދާ އަތުން ދޫވުމެވެ. އަނެއްކޮޅުން ތިން ވަނައިގައި 50 ޕޮއިންޓާ އެކު އޮތް ލާޒިއޯ އިން މިރޭ ޕާމާ އަތުން މޮޅުވެއްޖެ ނަމަ ޔުވެންޓަސްއާ އެއް ޕޮއިންޓަށް ގާތްކުރެވޭނެ އެވެ.

ވެރޯނާގެ ދަނޑުގައި ކުޅުނު މެޗުގެ ފުރަތަމަ ހާފު ދިޔައީ ލަނޑެއް ނުފެނި އެވެ. މެޗުގެ ދެ ވަނަ ހާފުގައި، 65 ވަނަ މިނެޓުގައި ރޮނާލްޑޯ ލަނޑެއް ޖަހައި ލީޑު ނަގައިދިނީ އެވެ. މި ލަނޑާ އެކު އޭނާ ވެފައިވަނީ ޖެހިޖެހިގެން އެންމެ ގިނަ މެޗުގައި ޔުވެންޓަސް އަށް ލަނޑު ޖަހައިދިން ކުޅުންތެރިޔާ އަށެވެ. ކުރިން ރެކޯޑް އޮތީ ނުވަ މެޗުގައި ގޯލް ޖެހި ފްރާންސް ފޯވާޑް ޑޭވިޑް ޓްރެޒެގޭ އަތުގަ އެވެ. އިޓާލިއަން ލީގުގައި މި ރެކޯޑް އޮތީ ޖެހިޖެހިގެން 11 މެޗުގައި ލަނޑު ޖަހާފައިވާ ގެބްރިއަލް ބަޓިސްޓޫޓާ އާއި ފަބިއޯ ކުއަގްލިއަރެއްލާ އަތުގަ އެވެ.

ރޭގެ މެޗުގައި ވެރޯނާ އަށް އެއްވަރުކޮށްދިނީ 76 ވަނަ މިނެޓުގައި ފަބިއޯ ބޮރީނީ އެވެ. އަދި މެޗު ނިމެން ހަތަރު މިނެޓަށް ވެފައިވަނިކޮށް ވެރޯނާ މޮޅުކޮށްދިނީ ޖިއަމްޕޯލޯ ޕަޒިނީ އެވެ. މި ސީޒަނުގައި އިޓާލިއަން ލީގަށް ޕްރޮމޯޓްވި ވެރޯނާ، މި މޮޅާ އެކު އޮތީ 39 ޕޮއިންޓް ހޯދައި ހަ ވަނައިގަ އެވެ. މިއީ ޔުރޮޕާ ލީގުން ޖާގަ ލިބޭ މަގާމެކެވެ.