ބާސެލޯނާ މޮޅުވިއިރު ރެއާލުން ލީޑުދަމަހައްޓައިފި

މެޑްރިޑް (ފެބްރުއަރީ 10) - ސްޕެނިޝް ލީގުގައި ރޭ ބާސެލޯނާ އިން ފަހަތުން އަރައި ރެއާލް ބެޓިސް އަތުން 3-2 އިން މޮޅުވިއިރު، އެއް ވަނައިގައި އޮތް ރެއާލް މެޑްރިޑް ކުޅުނު މެޗުން 4-1 އިން އޮސަސޫނާ ބަލިކޮށް އެއް ވަނައިގައި ލީޑު ދަމަހައްޓައިފި އެވެ.


ރެއާލް އެއް ވަނައިގައި އޮތީ 23 މެޗުން 52 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ބާސެލޯނާ އަށް ލިބިފައިވަނީ 23 މެޗުން 49 ޕޮއިންޓެވެ. ތިން ވަނައިގައި 23 މެޗުން 42 ޕޮއިންޓާ އެކު ގެޓަފޭ އެވެ.

ބެޓިސް ދަނޑުގައި ރޭ ކުޅުނު މެޗުގެ ހަ ވަނަ މިނިޓްގައި އެ ޓީމަށް ލީޑުނަގައިދިނީ ޕެނަލްޓީ އަކުން ސާޖިއޯ ކަނާލެސް އެވެ. މިއީ އޭރިއާ ތެރެއިން ބާސެލޯނާގެ ކްލެމެންޓް ލޯންގްލޭ އަތުގައި ބޯޅައިން ޖެހުމުން ރެފްރީ ދިން ޕެނަލްޓީ އެކެވެ. ބެޓިސް އަށް ލީޑު ހިފަހައްޓައިލެވުނީ ތިން މިނިޓަށެވެ. އެއީ މެޗުގެ ނުވަ ވަނަ މިނިޓްގައި ލިއޮނަލް މެސީ ދިން ބޯޅައަކުން ފްރެންކީ ޑި ޔޮން ބާސެލޯނާ އަށް ނަތީޖާ ހަމަހަމަކޮށްދިނުމުންނެވެ.

މެޗުގެ 26 ވަނަ މިނިޓްގައި އޭރިއާ ބޭރުން ޖެހި ގޯލަކުން ބެޓިސް އަށް ދެ ވަނަ ފަހަރަށް ލީޑުނަގައިދިނީ ނަބީލް ފެކީރް އެވެ. އޭގެ ކުރިން ބާސެލޯނާ އަށް ލީޑުނަގައިދޭން މެސީ އަށް ރަނގަޅު ފުރުސަތެއް ލިބުނެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ބާސެލޯނާ އަށް އެއްވަރުކޮށްދިނީ މެސީ ދިން ބޯޅައަކުން ސާޖިއޯ ބުސްކެޓްސް އެވެ. މެޗުން ބާސެލޯނާ މޮޅުކޮށްދިން ލަނޑު ޖެހީ މެސީ ތަނަވަސްކޮށްދިން ފުރުސަތަކުން ލޯންގްލޭ އެވެ.

ދެ ޓީމުން ވެސް ރޭގެ މެޗު ނިންމާލީ އެއް ކުޅުންތެރިޔަކު މަދުކޮށެވެ. ދެ ވަަނަ ރީނދޫ ކާޑާ އެކު މެޗުގެ 76 ވަނަ މިނިޓްގައި ބެޓިސްގެ ފެކީރް ދަނޑުން ފޮނުވާލިއިރު، އޭގެ ތިން މިނިޓް ފަހުން ލޯންގްލޭ އަށް ވެސް ވަނީ ރަތް ކާޑު ދައްކައިފަ އެވެ.

ބާސެލޯނާގެ ކޯޗު ކީކޭ ސެޓިއެން ބުނީ މިއީ ސްޕެނިޝް ކަޕުން ބަލިވި މެޗަށް ފަހު ކުރިއަށް އެޅުނު ފިޔަވަޅެއްގެ ގޮތުގައި ދެކޭ ކަމަށެވެ. އަދި ޓީމުގެ ކަންތައްތައް ރަނގަޅުވަމުން އައުމަކީ ހިތްހަމަޖެހުމެއް ކަމަށް ބުންޏެވެ.

އޮސަސޫނާ އަތުން ރެއާލް ވެސް މޮޅުވީ ފަހަތުން އަރަ އެވެ. އުނާއި ގާސިއާ އޮސަސޫނާ އަށް ލީޑުނަަގައިދީފައިވަނިކޮށް ރެެއާލް މޮޅުވީ ފަހަތުން އަރައި ހަތަރު ގޯލު ޖަހައިގެންނެވެ. މި މެޗުގައި ރެއާލްގެ ގޯލުތަައް ޖެހީ އިސްކޯ، ސާޖިއޯ ރާމޯސް، ލޫކަސް ވަޒްކޭޒް އަދި ލޫކަ ޔޯވިޗް އެވެ.