ޕޮޗެޓީނޯގެ ޝައުގު އަދިވެސް ޔުނައިޓެޑުގެ މަގާމަށް؟

ލަންޑަން (ފެބްރުއަރީ 12) - މިިދިޔަ ނޮވެމްބަރު މަހު ޓޮޓެންހަމް ހޮޓްސްޕާސްގެ ކޯޗުކަމުން ވަކިކުރި އާޖެންޓީނާގެ މައުރީސިއޯ ޕޮޗެޓީނޯގެ ޝައުގުވެރިކަން އަދިވެސް ހުރީ އިނގިރޭސި ޕްރިމިއާ ލީގުގައި މަސައްކަތްކުރުމަށް ކަމަށް އޭނާ ބުނެފި އެވެ.


އިނގިރޭސި ބައެއް މީޑިއާތަކުގެ އެނަލިސްޓުންގެ ނަޒަރުގައި ޕޮޗެޓީނޯ ބޭނުންވަނީ މެންޗެސްޓާ ޔުނައިޓެޑާ ހަވާލުވާށެވެ. އެ ގޮތުން 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހުގައި ޔުނައިޓެޑްގެ ކޯޗުކަމުން ހޯސޭ މޮރީނިއޯ ވަކިކުރިއިރު ޔުނައިޓެޑުން ޕޮޗެޓީނޯ ގެންނަން ވާހަކަ ދެއްކި އެވެ. އެކަމަކު އޭރު މަޝްވަރާތަށް ކުރިއަށް ނުދިޔައީ ސީޒަނެއްގެ މެދުތެރެއިން ކްލަބް ބަދަލުކުރުމުގެ ވިސްނުން ޕޮޗެޓީނޯ ނުގެންގުޅޭތީ އެވެ. އެކަމަކު މި ސީޒަނަށް ފަހު އަލުން ޔުނައިޓެޑުން ހުށަހެޅުން ލިބިއްޖެނަމަ ޕޮޗެޓީނޯ އެ ޓީމާ ގުޅޭނެ ކަމަށް ބެލެވެ އެވެ.

ޔުނައިޓެޑްގެ މިހާރުގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ އަންނަ ސީޒަނުގައި ޓީމުގެ ކޯޗަކަށް ބެހެއްޓުމާ މެދު އެ ކްލަބްގެ ބޯޑުގައި ހިޔާލުތަފާތުވުންތަކެއް އުފެދިފައިވާ ކަމަށް އިނގިރޭސި މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ.

އުމުރުން 47 އަހަރުގެ ޕޮޗެޓީނޯ، ޓޮޓެންހަމްގެ ކޯޗުކަމުން ވަކިކޮށްފައިވަނީ ފަސް އަހަރަށް ފަހު އެވެ. އޭނާ ވަނީ އެ ޓީމުގައި ކާމިޔާބު މަސައްކަތްތަކެއްކޮށްފަ އެވެ. އެ ޓީމަށް އަލަށް ޗެމްޕިއަންސް ލީގުގެ ފައިނަލުން ފުރުސަތު ހޯދައިދީ ރަނގަޅު ޓީމެއް އެކުލަވާލި އެވެ. ޓޮޓެންހަމްގައި ޕޮޗެޓީނޯ ކުރި މަސައްކަތް ރަނގަޅުވުމުން އޭނާ އަށް ގިނަ ކްލަބްތަކެއްގެ ހުށަހެޅުން ވެސް ލިބުނެވެ. އޭގެ ތެރޭގައި ރެއާލް މެޑްރިޑާއި ބާސެލޯނާ އަދި ބަޔާން މިއުނިކް ހިމެނެ އެވެ.

ސްކައިސްޕޯޓްސް އަށް ދިން އިންޓަވިއުއެއްގައި ޕޮޗެޓީނޯ ބުނީ ޕްރިމިއާ ލީގަށް އަދިވެސް ޝައުގުވެރިވާ ކަމަށެވެ.

"ތެދަށް ބުނާ ކަމަށްވަންޏާ އަދިވެސް އަހަރެންގެ ޝައުގުވެރިކަން ހުރީ އިނގިރޭސި ޕްރިމިއާ ލީގަށް. މި ވަގުތު ޓީމަކާ ހަވާލުވާން އުނދަގޫވާނެ. އަނެއްކޮޅުން ރަނގަޅު ހުށަހެޅުމެއް މި ވަގުތު އައުމަކީ ވެސް އެހާ ގާތްކަމެއްނޫން. އަހަރެންގެ ވިސްނުމަކީ ރަނގަޅު ޕްރޮޖެކްޓަކާ ހަވާލުވުން،" އާޖެންޓީނާ ގައުމީ ޓީމަށް ކުރިން ކުޅުނު ޕޮޗެޓީނޯ ބުންޏެވެ.

ކޯޗިންގައި މިހާތަނަށް ކުރެވުނު މަސައްކަތްތަށް ނިސްބަތުން ރަނގަޅުކަމަށާއި އެކަމަކު ދެން ހަވާލުވާ ވަޒީފާއެއްގައި ބޮޑު ޗެލެންޖެއް ނަގަން ބޭނުންވާ ކަމަށް އޭނާ ބުންޏެވެ.

"އަހަންނާ ބެހޭގޮތުން މީޑިއާގައި ވަރަށް ގިނަ ވާހަކަތަކެއް ދައްކާ. އަހަރެންގެ އެސިސްޓަންޓް ޖީސޫސް ވަރަށް މީޑިއާގެ ވާހަަކަތަށް ދައްކާ. އެކަމަކު އެއީ އަހަރެން ޝައުގުވެރިވާ ވާހަކަތަކެއް ނޫން،" ޕޮޗެޓީނޯ ބުންޏެވެ.

ޕޮޗެޓީނޯ ކޯޗިން ކެރިއަރު ފެށީ 2009 ވަނަ އަހަރު ސްޕެއިނުގެ އެސްޕަންޔޯލުންނެވެ. އޭނާ ފުރަތަމަ ކޯޗުކޮށްދިން އިނގިރޭސި ކްލަބަކީ ސައުތެމްޓަން އެވެ. އެ ޓީމަށް 2013 އިން 2014 އަށް ކޯޗުކޮށްދިނުމަށް ފަހު ދެން ފެނުނީ ޓޮޓެންހަމް އިންނެވެ.