އާސެނަލްގެ ކުރިމަގާ މެދު ބުނާނެ އެއްޗެއް ނޭގޭ: އޮޒިލް

ލަންޑަން (ފެބްރުއަރީ 12) – އާ ކޯޗު މިކޭލް އާޓެޓާއާ އެކު، ކުރިއަށް ވުރެ ރަނގަޅު ދުވަސްތަކެއް އާސެނަލްގައި ހޭދަކުރަމުން އައި ނަމަވެސް ކުރިމަގާ މެދު ބުނާނެ އެއްޗެއް އަދި ނޭގޭ ކަމަށް އެ ޓީމުގެ ޖަރުމަން ޕްލޭމޭކާރު މެސުތު އޮޒިލް ބުނެފި އެވެ.


ކުރީގެ ކޯޗު އުނައި އެމެރީގެ ކޯޗުކަމުގައި އޮޒިލް އަށް އެކަށީގެންވާ ފުރުސަތެއް ނުލިބެ އެވެ. އެކަމަކު އާޓެޓާ އައުމާ އެކު އޮޒިލަށް މިއީ ޕޮޒިޓިވް ދުވަސްތަކެކެވެ.

"މި ސީޒަން ނިމުމުން އަހަރެންގެ ކޮންޓްރެކްޓުގައި ބާކީ އޮންނާނީ އެންމެ އަހަރެއް. އޭގެ ފަހުން ވާނެ ގޮތެއް ނޭގޭ ސަބަބަކީ އަހަންނަށް ކުރިމަގު ނުފެންނާތީ. އަހަންނަށް ކުރެވޭނެ ކަމަކީ އަހަންނަށާއި ޓީމަށްޓަކައި ފުރިހަމަ އަށް މަސައްކަތްކޮށް ކާމިޔާބު ދުވަސްތަކެއް ހޭދަކުރުން. އެއަށް ފަހު ދެން ވާނެ ގޮތެއް ބަލަމާ،" އޮޒިލް ބުންޏެވެ.

އާސެނަލްގެ ކޮންޓްރެކްޓް އާކުރުމުގެ ވިސްނުމެއް އޮޒިލްގެ ނެތް ނަމަ މި ސީޒަން ނިމުމުން އެ ޓީމުން އޭނާ ވިއްކާލާނެ ކަމަށް ބެލެވެ އެވެ. އޮޒިލް ދާނެ ކަމަށް ބެލެވެނީ އެމެރިކާގެ މޭޖާ ލީގު ނުވަތަ ތުރުކީ ލީގަށް ކަމަށް ރިޕޯޓްތައް ބުނެ އެވެ.

އާޓެޓާ ހަވާލުވިޔަސް އާސެނަލްގެ ނަތީޖާތައް އެހާ ރަނގަޅެއް ނޫނެވެ. ޕްރިމިއާ ލީގުގައި އޭނާގެ އިރުޝާދުގެ ދަށުން ކުޅުނު އަށް މެޗުގެ ތެރެއިން މޮޅުވީ އެންމެ މެޗަކުންނެވެ. އެ ޓީމު އޮތީ ހަތަރު ވަނައާ 10 ޕޮއިންޓް ފަރަގެއްގައި ތާވަލުގެ 10 ވަނައިގަ އެވެ.

އެކަމަކު އޮޒިލް ބުނީ އާޓެޓާގެ ސަބަބުން ކުރިއެރުން ފެންނަ ކަމަށާއި ޗެމްޕިއަންސް ލީގަށް ކޮލިފައިވުމުގެ ފުރުސަތު އަދި އެބައޮތް ކަމަށެވެ.

"އަހަރެމެންގެ ގޯލަކީ ޗެމްޕިއަންސް ލީގުން ފުރުސަތު ހޯދުން. މި އަހަރު އުނދަގޫ ވަގުތުތަކެއް ދިޔައީ. އެކަމަކު އަހަރެން ގަބޫލުކުރާ ގޮތުގައި ރަނގަޅަށް މިދަނީ. އާޓެޓާ ހަވާލުވެގެން މިވީ ދެ މަސް ދުވަސް ތެރޭގައި ވަރަށް ބޮޑަށް ޓީމު ކުރިއެރުން ހޯދައިފި،" އޮޒިލް ބުންޏެވެ.