އަޔަކްސްގެ ތަރި ޒިޔެކް ޗެލްސީ އަށް

އަމްސްޓަޑަމް (ފެބްރުއަރީ 13) - ނެދަލެންޑްސްގެ އަޔަކްސް އަށް ކުޅެމުން އަންނަ މޮރޮކޯގެ ތަރި ހަކީމް ޒިޔެކް އިންގްލެންޑްގެ ޗެލްސީ އަށް ބަދަލުވާން ހުރިހާ ކަމެއް ނިމިފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.


އުމުރުން 26 އަހަރުގެ ޒިޔެކް ހޯދަން މިދިޔަ މަހުގެ ޓްރާންސްފާ މާކެޓްގައި ވެސް ޗެލްސީން މަސައްކަތްކުރި އެވެ. އެކަމަކު ސީޒަނުގެ މެދުތެރެއިން ޓީމުގެ މުހިއްމު ކުޅުންތެރިޔަކު ދޫކޮށްލަން އަޔަކްސް އިން ބޭނުމެއްނުވި އެވެ. އެކަމަކު ޒިޔެކް ވެސް ޗެލްސީ އަށް ބަދަލުވާން ބޭނުންވާތީ މިހާރު އަޔަކްސް އިން ވަނީ އޭނާ ވިއްކާލަން އެއްބަސްވެފަ އެވެ. ޒިޔެކްގެ ސޮއި ހޯދަން ޗެލްސީން 46 މިލިއަން ޑޮލަރު ހަރަދުކުރާނެ އެވެ.

ގަވާއިދާ ހިލާފަށް ޒުވާން ކުޅުންތެރިން ގެނެސްފައިވާތީވެ ކުޅުންތެރިން ނުގެނެވޭގޮތަށް ފީފާ އިން ޗެލްސީ އަށް ދީފައިވާ އަދަބަށް ކޯޓް އޮފް އާބިޓްރޭޝަން (ސީއޭއެސް) އިން މިދިޔަ ޑިސެމްބަރު މަހު ލުޔެއް ދިނުމުން މިދިޔަ މަހުގެ ޓްރާންސްފާ މާކެޓްގައި ޗެލްސީން ކުޅުންތެރިން ގަންނާނެ ކަމަށް ބެލެވުނެވެ. އެއީ ޗެލްސީގެ ކޯޗުކަމާ ފްރޭންކް ލަމްޕާޑް ހަވާލުވެ އޭނާ އަށް މި ސީޒަން ފެށުމުގެ ކުރިން ކުޅުންތެރިޔަކު ގެނެވޭނެ ގޮތެއް ނެތުމުންނެވެ. އެކަމަކު މިދިޔަ މަހު ކުޅުންތެރިޔަކު ނުގެންނާތީ ލަމްޕާޑް ވަނީ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހުން ފާޅުކޮށްފަ އެވެ. ޗެލްސީން ވަނީ މިދިޔަ މަހު ޒިޔެކްގެ އިތުރުން ނަޕޯލީގެ ޑްރީސް މާޓެންސް އާއި ޕީއެސްޖީގެ އެޑިސަން ކަވާނީ ހޯދަން މަސައްކަތްކޮށްފަ އެވެ.

ޒިޔެކް ޗެލްސީ އަށް ބަދަލުވުމަށް ހުރިހާ ކަމެއް ނިމިއްޖެނަމަ އޭނާ ވެގެންދާނީ ލަމްޕާޑް ހަވާލުވި ފަހުން އެ ޓީމާ ގުޅޭނެ ފުރަތަމަ ކުޅުންތެރިޔާ އަށެވެ. ޗެލްސީގައި މި ވަގުތު ތިބި ބައެއް މިޑްފީލްޑަރުންގެ އެއްބަސްވުން މި ސީޒަނަށް ފަހު ހަމަވާނެ އެވެ. އޭގެ ތެރޭގައި ޕެޑްރޯ ރޮޑްރިގޭޒާއި ވިިލިއަން ހިމެނެ އެވެ. އެހެން ކަމުން ޒިޔެކް އަކީ މި ވަގުތަށް ބަލާއިރު އެ މަގާމަށް ގެންނަން ވަރަށް ރަނގަޅު ކުޅުންތެރިޔެކެވެ. ޒިޔެކް ވަނީ މި ފަހަރުގެ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި ޗެލްސީ ކޮޅަށް މޮޅު ގޯލެއް ޖަހައިފަ އެވެ.

މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލަށް އަޔަކްސް ގެންދިއުމުގައި މުހިއްމު ދައުރެއް އަދާކުރި ޒިޔެކް ވަނީ އެ ޓީމަށް މިހާތަނަށް 79 ގޯލު ޖަހައި 87 ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ. ނެދަލެންޑްސްގެ ހެރެންވީން އާއި ޓްވެންޓޭ އަށް ކުޅުމަށް ފަހު ޒިޔެކް އަޔަކްސްއާ ގުޅުނީ 2016 ވަނަ އަހަރު އެވެ.