ސްޕެއިނުގެ އެފްއޭ ރައީސް ކަމަށް ކަސިއަސް ކުރިމަތިލަނީ

މެޑްރިޑް (ފެބްރުއަރީ 14) - މި އަހަރު އޮންނަ ސްޕެއިނުގެ ފުޓްބޯޅަ ފެޑެރޭޝަން (އެފްއޭ)ގެ އިންތިހާބުގައި އެ އިދާރާގެ ރައީސްގެ މަގާމަށް ސްޕެއިން ގައުމީ ޓީމުގެ ގޯލްކީޕަރު އިކާ ކަސިއަސް ކުރިމަތިލާނެކަން ގާތްގަނޑަކަށް ކަށަވަރުވެއްޖެ އެވެ.


މި ހަފްތާގައި ސްޕެއިނުގެ މީޑިއާގައި އެންމެ ގަދަޔަށް ދެކެވުނު ވާހަކަ އަކީ ކަސިއަސް ސްޕެއިން އެފްއޭ ރައީސްގެ މަގާމަށް ކުރިމަތިލާ ވާހަކަ އެވެ. އެކަމަކާ ބެހޭގޮތުން އުމުރުން 38 އަހަރުގެ ކަސިއަސް ރަސްމީކޮށް އަދި ޖަވާބެއް ދީފައިނުވި ނަމަވެސް އިއްޔެގެ ވަގުތެއްގައި އޭނާ ވަނީ ސްޕެއިނުގެ ކުޅިވަރާ ބެހޭ ވަޒީރު އަދި ސްޕެއިނުގެ ސްޕޯޓްސް ކައުންސިލްގެ ރައީސް އައިރީން ލޮޒާނޯއާ ބައްދަލުކުރައްވައިފަ އެވެ. ކަސިއަސްގެ މި ބައްދަލުވުމާ ބެހޭގޮތުން ލޮޒާނޯ ވަނީ މީޑިއާގައި ވާހަކަ ދައްކަން ދެކޮޅު ހައްދަވައިފަ އެވެ.

ރިޕޯޓްތައް ބުނާގޮތުން ސްޕެއިނުގެ އެފްއޭގެ ރައީސް ލުއިސް ރުބިއާލެސް، އެ އެސޯސިއޭޝަން މިހާރު ހިންގަމުން އަންނަގޮތާ މެދު ކަސިއަސް ވަނީ ގިނަ ކަންބޮޑުވުންތަކެއް ވަޒީރަށް ހުށަހަޅައިފަ އެވެ. އަދި ސްޕެއިންގެ ލީގު ހިންގަމުން އަންނަ އެލްއެފްޕީގެ ރައީސް ހަވިއޭ ޓެބާސް އާއި ރުބިއާލެސްގެ ގުޅުން ގޯސްވެ އެ ގައުމުގެ ފުޓްބޯޅަ އަށް ގޯސް އަސަރުތަކެއް ކުރަމުން އަންނަކަން މީގެ ކުރިން ކަސިއަސް ވަނީ މީޑިއާގެ ސަމާލުކަމަށް ގެނެސްފަ އެވެ.

ކަސިއަސް 2010 ވަނަ އަހަރުގެ ވޯލްޑް ކަޕް ތަށި އުފުލާލައިގެން.-- ފޮޓޯ: އޭއެފްޕީ

މިދިޔަ އަހަރު މެއި މަހު އެއް ވަނަ ދުވަހު ޕޯޓޯގެ ފަރިތަކުރުންތަކުގެ ތެރެއިން ކަސިޔަސް އަށް ހާޓްއެޓޭކެއް ޖެހިގެން އޭނާ ވަގުތުން ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ފެށި އެވެ. ފަސް ދުވަސް ވަންދެން ހޮސްޕިޓަލުގައި ބާއްވައި ފަރުވާދިނުމަށް ފަހު އޭނާ ދޫކޮށްލި ނަމަވެސް އޭނާގެ ހާލަތު އައީ މޮނިޓާކުރަމުންނެވެ. ދެ މަސް ފަހުން އަލުން ޕްރެކްޓިހަށް ނުކުތް ނަމަވެސް ފަހުން އޭނާ ކުޅުމުގައި އެއްކޮށް ބައިވެރިނުވެ އެވެ. އަދި ރަސްމީކޮށް އަދި ކުޅުން ހުއްޓާލިކަން އިއުލާނުކޮށްފައެއްނުވެ އެވެ.

ސްޕެއިނުގެ ފުޓްބޯޅައިގެ ރަސްމީ ވެބްސައިޓްތަކުގައި ނެގި ވޯޓެއްގައި ފެޑެރޭޝަނުގެ ރައީސްކަމަށް ކަސިއަސް ގެންނަން 94 ޕަސެންޓް ސަޕޯޓަރުން ވަނީ ތާއީދުކޮށްފަ އެވެ. ކަސިއަސް އެ މަގާމަށް ގެންނަން ސްޕެއިނުގެ ގިނަ ފުޓްބޯޅަ ކުޅުންތެރިން ވެސް ތާއީދުކުރެ އެވެ.

ސްޕެއިނުގެ އެފްއޭގެ ހިންގާ ގަވާއިދުގައިވާ ގޮތުން އިންތިހާބު ބާއްވަން ޖެހޭނީ އަހަރުގެ ދެ ވަނަ ކުއާޓާރުގަ އެވެ. އެއީ ޖުލައި ފަހު ކޮޅު ފަށާ ޓޯކިޔޯ އޮލިމްޕިކްސް އަށް ފަހު އެވެ. އެކަމަކު ރުބިއާލެސް ވަނީ ޖޫން މަހު ފަށާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކުރިން އިންތިހާބު ބާއްވަން ބޭނުންވާ ކަމަށް ވިދާޅުވެފަ އެވެ.

ރެއާލް މެޑްރިޑަށް ގިނަ އަހަރުތަކެއް ވަންދެން ކުޅުނު ކަސިއަސް އަކީ 2010 ވަނަ އަހަރު ސްޕެއިނުން ފުރަތަމަ ފަހަރަށް ވޯލްޑް ކަޕް ތަށި އުފުލާލިއިރު ޓީމުގެ ކެޕްޓަނެވެ. ސްޕެއިން ގައުމީ ޓީމަށް 167 މެޗު ކުޅެދިން ކަސިޔަސް ވަނީ އެ ޓީމާ އެކު ޔޫރޯ ފުޓްބޯޅަ މުބާރާތް ދެ ފަހަރު ކާމިޔާބުކޮށްފަ އެވެ. އެއީ 2008 އާއި 2012 ވަނަ އަހަރު އެވެ.