ސެލްޓާ އިން އެއް ވަނައިގައި އޮތް ރެއާލް ހިފަހައްޓައިފި

މެޑްރިޑް (ފެބްރުއަރީ 17) - ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން އެއް ވަނައިގައި އޮތް ރެއާލް މެޑްރިޑާ 2-2 އިން އެއްވަރުކޮށް ސެލްޓަ ވީގޯ ރެލިގޭޝަން ޒޯނުން ބޭރަށް ޖެހިލައިފި އެވެ.


ރޭގެ މެޗަށް ނުކުތްއިރު ހޮނިހިރު ދުވަހުގެރޭ ލީގުގައި ބާސެލޯނާ ހޯދި މޮޅާ އެކު ވަނީ ރެއާލާ ޕޮއިންޓުގެ ގޮތުން އެއްވަރުކޮށްފަ އެވެ. ރޭގެ ނަތީޖާ އަށް ފަހު ރެއާލް އެއް ވަަނައިގައި އޮތީ 24 މެޗުން 53 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ބާސެލޯނާ އަށް 24 މެޗުން ލިބިފައިވަނީ 52 ޕޮއިންޓެވެ. ސެލްޓަ ވަނީ ރޭގެ ޕޮއިންޓާ އެކު 17 ވަނަ އަށް ޖެހިލައިފަ އެވެ. އެއީ ޕޮއިންޓުގެ ގޮތުން 18 ވަނައިގައި އޮތް މަޔޯކާއާ އެއްވަރުވި ނަމަވެސް ލަނޑުތަފާތުން ކުރި ލިބޭތީ އެވެ.

ރެއާލް ހައިރާންކޮށްލުމަށް ފަހު ރޭ ސެލްޓަ އަށް މެޗުގެ ހަތް ވަނަ މިނިޓްގައި ލީޑުނަގައިދިނީ އިއާގޯ އަސްޕާސް ދިން ބޯޅަ އަކުން ފެޑޯ ސްމޯލޯފް އެވެ. ރެއާލުން ފުރަތަމަ ހާފުގައި ނަތީޖާ ހަމަހަމަކުރަން ކުރި މަސައްކަތް ކާމިޔާބުނުވި އެވެ. ސެލްޓާގެ ޑިފެންޑަރުން ފުރަތަމަ ހާފުގައި މޮޅު ކުޅުމެއް ދެއްކި އެވެ.

ސެލްޓަގެ ސްމޯލޯފް (ވ) އާއި ރެއާލްގެ ކަސެމީރޯ ބޯޅަ ފޮނުވާލަން މަސައްކަތްކުރަނީ: ސެލްޓަގެ އަތުގެ ސްޕޮންސަރަކަށް ހަމަޖައްސާފައިވަނީ "ވިސިޓް މޯލްޑިވްސް". -- ފޮޓޯ: އޭއެފްޕީ

ދެ ވަނަ ހާފްގެ ކުޅުން ފެށިގެން ހަތް ވަނަ މިނިޓް ތެރޭ ރެއާލަށް އެއްވަރުކޮށްދިނީ ޖަރުމަނުގެ މިޑްފީލްޑަރު ޓޯނީ ކްރޫސް އެވެ. މިއީ މާސެލޯ އޭރިއާ ތެރެއިން ހުރަސްކޮށްލި ބޯޅައަކުން ކްރޫސް ޖެހި ގޯލެކެވެ. ރެއާލަށް ލީޑުނަގައިދިނީ މެޗުގެ 62 ވަނަ މިނިޓްގައި ލިބުނު ޕެނަލްޓީ އަކުން ސާޖިއޯ ރާމޯސް އެވެ. މިއީ ފާއިތުވި ތިން މަަސް ދުވަހު އަނިޔާގައި ހުރުމަށް ފަހު އެނބުރި އައިސް ރޭގެ މެޗުގައި ކުޅުނު އެޑެން ހަޒާޑަށް ކުރި ފައުލަކަށް ލިބުނު ޕެނަލްޓީ އެކެވެ.

ސެލްޓަ އިން އެއްވަރުކުރީ މެޗު ނިމެން ހަތަރު މިނިޓަށް ވެފައި ހުއްޓަ އެވެ. މި ގޯލު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޑެނިސް ސުއާރޭޒް ދިން ބޯޅައަކުން ސަންޓީ މީނާ އެވެ.

ރެއާލްގެ ކޯޗު ޒިނެދިން ޒިދާން ބުނީ މިއީ ފުޓްބޯޅައިގައި ވެދާނެ ގޮތެއް ކަމަށާއި އެކަމަކު މިއީ އޭނާ ހިތްހަމަޖެހޭ ނަތީޖާއެއް ނޫން ކަމަށެވެ. އަދި ލީގުގައި ކުރިއަށްދާނަމަ އަމިއްލަ ދަނޑުގައި ނަތީޖާ ނެރެން ލިބޭ ފުރުސަތުތަކުގައި ބޭނުންހިފަން ޖެހޭނެ ކަމަށް ޒިދާން ބުންޏެވެ.

ސެލްޓާގެ ކޯ ސްޕޮންސާއަކީ ރާއްޖޭގެ ޓޫރިޒަމް މިނިސްޓްރީ އެވެ. އެގޮތުން އެ ޓީމުގެ ޖާޒީގައި ރާއްޖޭގެ ޓޫރިޒަމް ސްލޯގަން ކަމަށްވާ "ވިޒިޓް މޯލްޑިވްސް" ޖަހާފައިވެ އެވެ.