ކުޅުންތެރިންގެ އަގުވައްޓާލަން މަސައްކަތެއް ނުކުރަން: ބާސެލޯނާ

ބާސެލޯނާ (ފެބްރުއަރީ 18) – ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީ އާއި ޖެރާޑް ޕީކޭ އަދި ކުރީގެ ބައެއް ކުޅުންތެރިންނާ ދެކޮޅަށް ސޯޝަލް މީޑިއާގައި ކެމްޕެއިނެއް ހިންގަން ބާސެލޯނާ އިން ބަޔަކާ ހަވާލުކުރި ކަމަށް ދެކެވޭ ވާހަކަތައް އެ ކްލަބުން ދޮގުކޮށްފި އެވެ.


ސްޕެއިނުގެ ރޭޑިއޯ ސްޓޭޝަނަކުން ވަނީ ބާސެލޯނާ އިން އެ ކްލަބުގެ ރައީސް ޖޯސެފް މާރިއާ ބާޓޮމެއޫ ދިފާއުކޮށް، އޭނާއާ ދެކޮޅަށް މަސައްކަތްކުރާ ފަރާތްތަކުގެ އަގުވައްޓާލަން ބޭނުންވި ކަމަށް ތުހުމަތުކޮށްފަ އެވެ. އަދި އެކަމަށް ކުންފުންޏެއްގެ އެހީ އެ ކްލަބުން ހޯދި ކަމަށް ވެސް ބުނެފައިވެ އެވެ. އެގޮތުން މެސީ އާއި ޕީކޭ އާއި ކުރީގެ ކުޅުންތެރިން ކަމަށްވާ ޒަވީ އާއި ކާލްސް ޕުޔޯލް އަދި ކުރީގެ ކޯޗު ޕެޕް ގާޑިއޯލާގެ އަގުވައްޓާލަން ޓްވިޓާ އާއި ފޭސްބުކުގައި މަސައްކަތްކޮށްފައިވާ ކަމަށްވެ އެވެ.

އެކަމަކު ބާސެލޯނާ އިން ވަނީ އެކަން ކަނޑައެޅިގެން ދޮގުކޮށްފަ އެވެ. އަދި ކްލަބާ ގުޅުވައިގެން މިފަދަ ވާހަކަތައް ދައްކާ މީޑިއާތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވެސް ވަނީ ދީފަ އެވެ.

މި ރިޕޯޓްތަކުގެ ސަބަބުން، އަންނަ އަހަރު އޮންނަ އިންތިހާބަށް ތައްޔާރުވަމުން އަންނަ ކްލަބުގެ ރައީސް ބާޓެމޮއޫ އާއި ބޯޑް މެމްބަރުންނަށް ވަނީ ޕްރެޝަރު ބޮޑުވެފަ އެވެ. އޭނާއާ ވާދަކުރައްވާ ކެންޑިޑޭޓް ވިކްޓަ ފޮންޓް މި ތުހުމަތުތަކީ ވަރަށް ސީރިއަސް ތުހުމަތުތަކެއް ކަމަށް ވިދާޅުވެފަ އެވެ.

މިފަދަ ވާހަކަތަކެއް މީޑިއާ އިން ރިޕޯޓް މިކުރީ މެސީއާ އެ ކްލަބުގެ ސްޕޯޓިން ޑިރެކްޓަރު އެރިކް އަބިދާލްއާ މައްސަލަތަކެއް ޖެހިފައިވަނިކޮށެވެ. މި މައްސަލަ ޖެހުނީ، ބާސެލޯނާގެ ކުރީގެ ކޯޗު އާނެސްޓޯ ވަލްވޭޑޭ މަގާމުން ވަކިކުރުމުގައި ކުޅުންތެރިންގެ ޒިންމާ ވެސް އެބައޮތް ކަމަށާއި ބައެއް ކުޅުންތެރިން ވަލްވޭޑޭގެ ކޯޗުކަމުގައި އެކަށީގެންވާ ވަރަށް މަސައްކަތް ނުކުރާ ކަމަށް އަބިދާލް ބުނުމުންނެވެ. އެކަމުގައި މެސީ ބުނީ ކުޅުންތެރިންތަކެއް ބޮލުގައި ކޯޗަށް އެއްބާރުލުން ނުދޭ ކަމަށް ބުނެ އިލްޒާމެއް އަޅުވާއިރު އެއީ ކޮން ކުޅުންތެރިންނެއްކަން އެނގެންޖެހޭނެ ކަމަށެވެ.

މި މައްސަލަ ދިމާވިޔަސް އަބިދާލް މަގާމުގައި ދެމި ހުންނާނެ އެވެ. އެއާ އެކު މެސީ މި ސީޒަން ނިމުމުން ކްލަބް ދޫކޮށްލަފާނެ ކަމަށް ވަނީ ވާހަކަތައް ދެކެވެން ފަށައިފަ އެވެ.