ގާޑިއޯލާގެ ބަހުގެ ހަމަލާއެއް ބާސެލޯނާގެ ރައީސަށް

މެންޗެސްޓާ (ފެބްރުއަރީ 20) - ޔުއެފާގެ މުބާރާތްތަކުން ކުރިއަށް އޮތް ދެ އަހަރަށް މެންޗެސްޓާ ސިޓީ ސަސްޕެންޑްކުރަން ނިންމުމާ އެކު ބާސެލޯނާގެ ރައީސް ޖޯސެފް ބާޓޮމެއު އެކަމަށް މަރުހަބާ ކިޔުމުން، އެކަމާ ގުޅިގެން އޭނާ އަށް ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބަހުގެ ހަމަލާއެއް ފޮނުވާލައިފި އެވެ.


ފައިނޭންޝިއަލް ފެއާޕްލޭ (އެފްއެފްޕީ)ގެ އުސޫލުތަކާ ހިލާފުވެފައި ވާތީ އާއި ޔުއެފާ ކްލަބް ލައިސަންސިންގައި މަކަރު ހަދާފައި ވާތީ ކުރިއަށް އޮތް ދެ އަހަރަށް ސިޓީ ސަސްޕެންޑްކުރުމުގެ އިތުރުން އެ ޓީމު ވަނީ 30 މިލިއަން ޔޫރޯ އިން ޖޫރިމަނާކޮށްފަ އެވެ. ސިޓީން ވަނީ ވަގުތުން މި މައްސަލަ ސީއޭއެސް އަށް ހުށަހަޅައިފަ އެވެ. ޔުއެފާގެ މި ނިންމުމަށް ލަލީގާގެ ރައީސް ހަވިއޭ ޓޭބާސް އާއި ބާޓޮމެއު ވަނީ ވަރަށް ބޮޑަށް މަރުހަބާ ކިޔައިފަ އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އަމިއްލަ ދަނޑުގައި 2-0 އިން ވެސްޓް ހޭމް ޔުނައިޓެޑް ބަލިިކުރި މެޗަށް ފަހު ގާޑިއޯލާ ވަނީ ކުރިން އޭނާ ކޯޗުކޮށްދިން ބާސެލޯނާގެ ރައީސް ބާޓޮމެއުގެ ވާހަކަަތަކަށް ރައްދުދީފަ އެވެ.

"ބާސެލޯނާގެ ރައީސަށް އަހަރެން ބުނާނީ އަހަރެމެންނަށް ޖަވާބުދާރީވުމުގެ ފުރުސަތު ދޭށޭ. މިހާރު ކޯޓުގައި އެ އޮތީ މައްސަލަ. އަހަރެމެން ގަބޫލުކުރަނީ އަހަރެމެން ގޯހެއް ނުހަދާކަމަށް. ދެން އަހަރެން ބުނަން އޮތީ މާ އަޑުގަދަކޮށް ބާސެލޯނާގެ ރައީސް ވާހަކަ ނުދައްކަން. އެކަން ނުކުރަންވީ ހަމަ. އެއީ ކޮންމެ ޓީމެއް ވެސް އެކި ހިސާބުގައި ހުންނާނެ ގޯސްތަކެއް ހަދާފައި،" ހިތްހަމަނުޖެހިފައި ހުރެ ގާޑިއޯލާ ބުންޏެވެ.

"އުއްމީދަކީ އަހަރެމެން މި އިސްތިއުނާފް ކާމިޔާބުކޮށް ޗެމްޕިއަންސް ލީގުގައި ބާސެލޯނާއާ ދެކޮޅަށް ކުޅުން."

ސިޓީ އިން ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް (ސީއޭއެސް) އަށް ލާފައިވާ މައްސަލަ އެ ޓީމު ކޮޅަށް ކާމިޔާބުވާނެ ކަމުގެ ކިހާވަރެއްގެ ޔަގީންކަން އެބައޮތްތޯ ނޫސްވެރިއަކު ސުވާލުކުރުމުން ގާޑިއޯލާ ބުނީ އޭނާ އަށް އެކަމަށް ޖަވާބެއް ނުދެވޭނެ ކަމަށެވެ.

"މިއީ ވަރަށް އުނދަގޫ ހާލަތެއް ހުރިހާ ވާހަކައެއް ދައްކަން. ދީފައިވާ އަދަބަކާ ބެހޭގޮތުން ވާހަކަދެއްކުމުގައި ފަރުތާތެރިވާންޖެހޭ. އަހަންނަކަށް ނޭނގެ މި އިސްތިއުނާފް ވާނެ ގޮތެއް. އެއީ އަހަންނަކީ ވަކީލެއް ނޫން. އަަހަންނަކީ ކޯޗު އަހަންނަށް ކުރެވޭނެ ކަމަކީ މެޗުތަކުން މޮޅުވުން،" ގާޑިއޯލާ ބުންޏެވެ.

ސިޓީއާ އެކު ގާޑިއޯލާ ހަދާފައިވާ އެއްބަސްވުން އަންނަ އަހަރު ހަމަވާނެ އެވެ. ގާޑިއޯލާ ބުނީ އެ ޓީމުން އޭނާ ވަކި ނުކުރާހާ ހިނދަކު އެ ކްލަބްގައި ހުންނާނެ ކަމަށެވެ.

ލީގުގައި ރޭ ސިޓީން ރޮޑްރީ އާއި ކެވިން ޑި ބްރޭނާގެ ގޯލުތަކުން ހޯދި މޮޅާ އެކު ލީގުގެ ދެ ވަނައިގައި އޮތީ 26 މެޗުން 54 ޕޮއިންޓް ހޯދައިގެންނެވެ. ލީގުގެ އެއް ވަނައިގައި ލިވަޕޫލް އޮތީ 26 މެޗުން 76 ޕޮއިންޓާ އެކު އެވެ.