ފީފާ އޮފިޝަަލަކަށް ރިޝްވަތު ދިން ކަމުގެ ތުހުމަތު ޕީއެސްޖީގެ ރައީސަށް

ޒިއުރިކް (ފެބްރުއަރީ 21) - ފީފާގެ ކުރީގެ ޖެނެރަލް ސެކްރެޓަރީ ޖެރޯމް ވަލްކޭ އަށް ރިޝްވަތު ދީފައިވާ ކަމަށް ބުނެ ޕީއެސްޖީގެ ރައީސް ނާސިރު އެލް ހެއްލާފީގެ މައްޗަށް ސްވިޒަލެންޑްގެ އެޓާނީ ޖެނެރަލް އޮފީހުން ބޮޑު ތުހުމަތެއްކޮށްފި އެވެ.


ކޮރަޕްޝަންގެ މައްސަލައެއްގައި މި ވަގުތު ވެސް ބޮޑު ސަސްޕެންޝަނެއްގައި ތަންފީޒުކުރަމުން އަންނަ ވަލްކޭ އަދި ހެއްލާފީގެ އިތުރުން އެހެން ވިޔަފާރިވެރިއެއްގެ މައްޗަށް ސްވިޒަލެންޑްގެ އެޓާނީ ޖެނެރަލްގެ ފަރާތުން މި ތުހުމަތުކުރެ އެވެ. އަދި މި މައްސަލައިގައި ހިމެނޭ ތިން ފަރާތަށް މިހާރު ވަނީ ދައުވާކޮށްފަ އެވެ.

ތިން އަހަރަށް ދިގުދެމިގެންދިޔަ މި ތަހުގީގުން އެނގުނު ގޮތުގައި ހެއްލާފީ ވަނީ ރިޝްވަތުގެ ގޮތުގައި ފައިސާގެ އިތުރުން އޭނާގެ ޕްރައިވެޓް ވިލާއެއްގައި ބޭނުން ވަގުތެއްގައި އުޅުމުގެ ފުރުސަތު ވަލްކޭ އަށް ދީފަ އެވެ. ބަދަލުގައި ވަލްކޭ ވަނީ ލިޔެކިޔުންތައް އެކިގޮތްގޮތަށް ބަދަލުކޮށް ފީފާ އިން ބާއްވާ އެކި މުބާރާތްތަކުގެ ޓީވީ ރައިޓްސް ޑީލުތައް ހެއްލާފީގެ ބީންސްޕޯޓްސް އަށް ކުޑަ އަގެއްގައި ދީފަ އެވެ. މި މައްސަލައިގައި ދެން ޝާމިލުވާ ވިޔަފާރިވެރިޔާގެ މައްޗަށް ވެސް ކުރަނީ އެކި ކަންތައްތައް ފުރިހަމަކުރަން ވަލްކޭ އަށް ފައިސާ ދިނުމުގެ ތުހުމަތެވެ.

ހެއްލާފީގެ މައްޗަށް ކުރާ މި ދައުވާ އަކީ ޕީއެސްޖީ ރައީސްގެ ގޮތުގައި ނޫނީ ޔުއެފާ އެގްޒެކްޓިވް ބޯޑް މެމްބަރެއްގެ ހައިސިއްޔަތުގައި ހުރެ ބާރުގެ ނުފޫޒު ބޭނުންކޮށްގެން އޭނާ ކޮށްފައިވާ ކަމެއް ނޫންކަން ތަހުގީގުން އެނގޭ ކަމަށް ސްވިޒަލެންޑްގެ އެޓާނީ އޮފީހުން މީޑިއާ އަށް ވަނީ މައުލޫމާތު ދީފަ އެވެ.

އިއްޔެގެ ވަގުތެއްގައި ސްވިޒަލެންޑްގެ އެޓާނީ އޮފީހުން ހެއްލާފީއާ ދެކޮޅަށް މި ދައުވާކުރަން ނިންމުމާ އެކު ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އޭނާގެ ފަރާތުން ވަނީ ބަޔާނެއް ނެރެފަ އެވެ. އެ ބަޔާނުގައި ބުނެފައިވަނީ މީގެ ކުރިން ވެސް ފީފާ ވޯލްޑް ކަޕްގެ ވޯޓުގައި ރިޝްވަތު ދިން ކަމުގެ ތުހުމަތު އޭނާގެ މައްޗަށް ކުރި ކަމަށާއި އެ ފަހަރު ވެސް ފުރިހަމަ ތަހުގީގެއް ހިންގުމުން އޭނާގެ ކުށެއް ނެތްކަން އެނގިގެންދިޔަ ކަމަށެވެ. އަދި މި ފަހަރު މިކުރެވޭ ތުހުމަތަކީ ވެސް އެއްވެސް ހަގީގަތެއް ނެތް ކަމެއް ކަމަށާއި ރަނގަޅު ތަހުގީގަކާ އެކު އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތަކުގައި ހަގީގަތެއް ނެތްކަން ސާބިތުކޮށްދޭނެ ކަމަށެވެ.

ފީފާގެ މަގާމުން ވަލްކޭ 2016 ވަނަ އަހަރު ވަކިކުރީ ވޯލްޑް ކަޕް ޓިކެޓް ބްލެކް މާކެޓްގައި ވިއްކާފައިވާކަން ފީފާއިން ހިންގި ތަހުގީގަށް ސާބިތުވުމުންނެވެ. އަދި ޓީވީ ރައިޓްސް އެއްބަސްވުންތަކުގައި ވެސް މަގާމުގެ ނުފޫޒު ބޭނުންކޮށް ކޮރަޕްޝަން ހިންގާފައިވާކަން ވަލްކޭގެ މައްޗަށް ވަނީ ސާބިތުވެފަ އެވެ. މި މައްސަލައިގައި ފީފާ އެތިކްސް ކޮމިޓީން ފުރަތަމަ ނިންމީ ވަލްކޭ 70،8000 ޕައުންޑުން ޖޫރިމަނާކޮށް 12 އަހަރަށް ސަސްޕެންޑް ކުރުމަށެވެ. އެހެން ނަމަވެސް ފަހުން އެ މައްސަލަ އަލުން ބަލައި 10 އަހަރަށް ސަސްޕެންޝަންގެ މުއްދަތު ކުޑަކޮށްދިނެވެ. ފަހުން ވަލްކޭ ވަނީ އެ މައްސަލަ ޔޫރަޕިއަން ކޯޓް އޮފް ހިއުމަން ރައިޓްސްގައި އިސްތިއުނާފް ކުރަން ނިންމައިފަ އެވެ.