އަގުވައްޓާލަން އުޅޭތޯ ބަލަންޖެހޭ: މެސީ

ބާސެލޯނާ (ފެބްރުއަރީ 21) - ބާސެލޯނާ އަށް ނިސްބަތްވާ ކުޅުންތެރިންނާ ދެކޮޅަށް ސޯޝަލް މީޑިއާގައި ކެމްޕެއިނެއް ހިންގަައި އެ ކުޅުންތެރިންގެ އަގުވައްޓާލަން އެ ކްލަބުން ބަޔަކާ ހަވާލުކުރި ކަމަށް ދެކެވޭ ވާހަކަތަކުގެ ހަގީގަތް ބަލަން ޖެހޭ ކަމަށް އެ ޓީމުގެ ކެޕްޓަން ލިއޮނަލް މެސީ ބުނެފި އެވެ.


ސްޕެއިނުގެ ރޭޑިއޯ ސްޓޭޝަނަކުން ވަނީ ބާސެލޯނާ އިން އެ ކްލަބުގެ ރައީސް ޖޯސެފް މާރިއާ ބާޓޮމެއޫ ދިފާއުކޮށް، އޭނާއާ ދެކޮޅަށް މަސައްކަތްކުރާ ފަރާތްތަކުގެ އަގުވައްޓާލަން ބޭނުންވި ކަމަށް ތުހުމަތުކޮށްފަ އެވެ. އަދި އެކަމަށް ކުންފުންޏެއްގެ އެހީ އެ ކްލަބުން ހޯދި ކަމަށް ވެސް ބުނެފައިވެ އެވެ. އެގޮތުން މެސީ އާއި ޖެރާޑް ޕީކޭ އާއި ކުރީގެ ކުޅުންތެރިން ކަމަށްވާ ޒަވީ ހެނާންޑޭޒް އާއި ކާލްސް ޕުޔޯލް އަދި ކުރީގެ ކޯޗު ޕެޕް ގާޑިއޯލާގެ އަގުވައްޓާލަން ޓްވިޓާ އާއި ފޭސްބުކުގައި މަސައްކަތްކޮށްފައިވާ ކަމަށްވެ އެވެ.

މި މައްސަލައިގައި ބާޓޮމެއު ވަނީ އެ ޓީމުގެ ސީނިއާ ކުޅުންތެރިންނާ ބައްދަލުކޮށްފަ އެވެ. އެ ބައްދަލުވުމަށް ފަހު މެސީ ވަނީ ސްޕެއިނުގެ ނޫހެއް ކަމަށްވާ އެލްމުންޑޯ ޑިޕޯޓިވޯ އަށް އެކަމާ ބެހޭގޮތުން އިންޓަވިއުއެއް ދީފަ އެވެ.

"ހަގީގަތަކީ މި ކަހަލަ ވާހަކަތަކެއް ދެކެވޭތީ އަހަންނަށް ކުރެވެނީ އެހެން ކަހަލަ އިހުސާސެއް. މި ވާހަކަ ދައްކާ މީހުން އެބަބުނޭ އެ މީހުންގެ އަތުގައި ހެކި ވެސް އެބަހުރިކަމަށް. މި ވަގުތަށް ބަލާއިރު މާ ގިނަ ވާހަކަތަކެއް ދެކެވެން ނެތް. ބަލަން ތިބެންވީ މީގައި ދެން ވާގޮތެއް. ޔަގީނުންވެސް މިއީ ބަލަންޖެހޭ ކަމެއް. މިއީ ވަރަށް ހީނުކުރާ ފަދަ ކަމެއް،" މެސީ ބުންޏެވެ.

ބާސެލޯނާ އިން މިހާތަނަށް ވަނީ މިކަމާ ބެހޭގޮތުން ދެކޭ ހުރިހާ ވާހަކަތަކެއް ދޮގުކޮށްފަ އެވެ. މެސީ ބުނީ ބާޓޮމެއު ކުޅުންތެރިންނާ ބައްދަލުކޮށް ވެސް ދެއްކީ މީޑިއާގައި އޭނާ ދެއްކި ވާހަކަތަށް ކަމަށާއި އަދި ތަފްސީލީ މައުލޫމާތެއްގެ މައްޗަށް ބުރަވެ ވާހަކަދެއްކުން އުނދަގޫ ކަމަށެވެ.

މިފަދަ ވާހަކަތަކެއް މީޑިއާ އިން ރިޕޯޓް މިކުރީ މެސީއާ އެ ކްލަބުގެ ސްޕޯޓިން ޑިރެކްޓަރު އެރިކް އަބިދާލްއާ މައްސަލަތަކެއް ޖެހިފައިވަނިކޮށެވެ. މި މައްސަލަ ޖެހުނީ، ބާސެލޯނާގެ ކުރީގެ ކޯޗު އާނެސްޓޯ ވަލްވޭޑޭ މަގާމުން ވަކިކުރުމުގައި ކުޅުންތެރިންގެ ޒިންމާ ވެސް އެބައޮތް ކަމަށާއި ބައެއް ކުޅުންތެރިން ވަލްވޭޑޭގެ ކޯޗުކަމުގައި އެކަށީގެންވާ ވަރަށް މަސައްކަތް ނުކުރާ ކަމަށް އަބިދާލް ބުނުމުންނެވެ. އެކަމުގައި މެސީ ބުނީ ކުޅުންތެރިންތަކެއް ބޮލުގައި ކޯޗަށް އެއްބާރުލުން ނުދޭ ކަމަށް ބުނެ އިލްޒާމެއް އަޅުވާއިރު އެއީ ކޮން ކުޅުންތެރިންނެއްކަން އެނގެންޖެހޭނެ ކަމަށެވެ.

މި ސީޒަނަށް ފަހު މެސީ ބާސެލޯނާ ދޫކޮށްލާނެ ކަމަށް ވަނީ މީޑިއާގައި އަޑުފެތުރިފަ އެވެ. އެކަމަކު މެސީ ވަނީ އޭނާ އެ ޓީމު ދޫކޮށްލަންޖެހޭ ސަބަބެއް އަދި ނެތް ކަމަށާއި ބޭނުންވަނީ އެ ކްލަބުގައި މަޑުކުރަން ކަމަށް ބުނެފަ އެވެ.